ޖަރުމަނުގެ ވެރިރަށް ބާލިންގެ ޖެންޑާމަންމާކްޓް މައިދާނުގައި ބްރެޒިލްގެ އާޓިސްޓު ނެއްލާ އާޒަވޭޑޯ މޫސުމަށް އަންނަ ބަދަލާ ބެހޭ މެސެޖެއް ދޭން އާދަޔާ ހިލާފު "އާޓެއް" ތަމްސީލުކޮށްލިއެވެ.
ސިޑިބަރީގައި އޭނާ ބޭންދީ ގަނޑުފެނުން އިންސާނުންގެ ސިފައިގައި ހަދާފައިވާ 1،000 ކުދިކުދި ބުދެވެ. ދެން އިރު އަރައި، ދުވަސް ހޫނުވާން ފެށުމުން، އެ ބުދުތައް ވިރެން ފެށިއެވެ. މީގެން ދައްކައިދިނީ ހޫނުވުމުން ދުނިޔެއަށް ކުރާ އަސަރެވެ.
ނެއްލާގެ މަގުސަދަކަށްވީ ދުނިޔޭގެ އުތުރު ބިތް ކަމުގައިވާ އާކްޓްޓިކް ސަރަހައްދުގެ ގަނޑުފެންތައް އިރުގެ އަވީގެ ހޫނުގައި މިހާރު މާ އަވަހަށް ވިރެން ފަށައިފައިވާކަން ހާމަކުރުމެވެ. ސަބަބަކީ ކުރިއަށްވުރެ މިހާރު ދުނިޔެ ހޫނުވަމުންދާތީއެވެ. މީގެ ސަބަބުން ގަނޑުފެން ވިރި، ކަނޑުގެ ލޮނުގަނޑު އުފުލެމުންދަނީއެވެ. އަދި މޫސުމަށް އާދަޔާ ހިލާފު ނުރަނގަޅު ބަދަލުތައް އަންނަނީއެވެ. މި ކަމުގެ ނުރައްކާތެރި އަސަރު ކުރަނީ ހަމައެކަނި އާކްޓިކް ސަރަހައްދަކަށް ނޫނެވެ. މުޅި ދުނިޔެއަށެވެ. އެހެންކަމުން މި ކަމަށް އަހަރެމެން އަވަސް ފިޔަވަޅެއް އަޅަން ޖެހެއެވެ.
ގަނޑުފެނުގެ ބުދުތައް ވިރެން ފެށި މަންޒަރު ފެނިފައި އެ ތަނުގައި ޖަމާވެފައި ތިބި މީހުންނަށް ވިސްނުނީ ފުރާނައަކީ ކިހާ ނާޒުކު އެއްޗެއް ކަމެވެ. އަދި ތިމާވެށި ރައްކާތެރި ކުރުމަކީ ކިހާ މުހިންމު ކަމެއް ކަމެވެ.

ނެއްލާގެ ކުޑަވަރެއްގެ އާޓުން ދިނީ ބޮޑު މެސެޖެކެވެ. އެއީ މޫސުމަށް އަންނަ ބަދަލުތައް ރަނގަޅު ކުރަން ފިޔަވަޅު އަޅަންޖެހިފައިވާ ކަމެވެ.
ގަނޑުފެނުގެ ބުދުތައް އެއްކޮށް ވިރިގެން ދިއުމުން ބަލަން ތިބި މީހުންނަށް ލިބުނީ ދާއިމީކޮށް ހަނދާނުގައި ހުންނާނެ ފިލާވަޅެކެވެ. މޫސުމަށް އަންނަ ބަދަލު ރަނގަޅު ކުރަން އަހަރެމެންނަށް ލިބިފައިވާ ވަގުތު ކުޑަތަންވަމުން އަންނަ ކަމެވެ. ގެއްލެމުން ދިޔައީ ހަމައެކަނި އެ ގަނޑުފެނުގެ ބުދުތަކެއް ނޫނެވެ؛ މޫސުމަށް އަންނަ ބަދަލު ރަނގަޅުކުރަން އަހަރެމެން ފިޔަވަޅު އަޅަން ލިބިފައިވާ ފުރުސަތު ވެސްމެއެވެ.
.