އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލިސް ސިޓީގައި މިހާތަނަށް 25 މީހުން މަރުވެފައިވާ އަލިފާން ފެތުރެމުންދާ ގޮތުން ހަ މިލިއަން މީހުންނަށް ނުރައްކާވެފައިވާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެފިއެވެ.
"އިއްޔެގެ ނިޔަލަށް އަލިފާން ކޮންޓްރޯލް ކުރެވުނީ އެންމެ 18 ޕަސެންޓް ސަރަހައްދުން،" އޮފިޝަލަކު ބުންޏެވެ.
ބްރެންޓްވުޑް، އެންސިނޯ އަދި ވެސްޓްވުޑް އަވަށްތައް މިހާރު ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ.
"އަނދައިހުލިވި އިމާރާތްތަކުގެ އަދަދު މިހާރު ވަނީ 12،000 އިން 23،000 އަށް އަރައިފައި،" އޮފިޝަލަކު ބުންޏެވެ.
ކެލިފޯނިއާގެ 100،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ދިޔުމަށް ސަރުކާރުން ކުރިން ވަނީ އަމުރު ނެރެފައެވެ. އަދި އެހެން ސަރަހައްދުތަކަށް ދިއުމަށް 87،000 މީހުންނަށް އިންޒާރު ވެސް ވަނީ ދީފައެވެ.
އެން.ބީ.ސީ ނިއުސްއިން ބުނީ ދެކުނު ކެލިފޯނިއާގެ ސެންޓާ އެނާއިން ޖެހެމުންދާ ވައިން "ވަރަށް ސީރިއަސް މިންވަރަކަށް އަލިފާނުގެ ނުރައްކާތެރިކަން ބޮޑުވެފައިވާ" ކަމަށެވެ.
"މިއަދާއި މާދަމާ ލޮސް އެންޖަލިސް އާއި ވެންޓޫރާ ކައުންޓީއަށް ވައިގަދަވެ، އަލިފާނުގެ ނުރައްކާ ފޯރާނެ،" އެން.ބީ.ސީން ރިޕޯޓްކުރިއެވެ.
ވައި ގަދަ ވާނެ ކަމަށް ބެލެވެނީ ގަޑިއަކު 70 މޭލު ބާރު މިނަށެވެ.
ލޮސް އެންޖަލިސްގެ މޭޔަރު ކެރަން ބޭސް ބުނީ މި ކަމާ ކުރިމަތިލުމަށް ކެނެޑާ އާއި މެކްސިކޯއިން ވެސް އަލިފާން ނިއްވާ މީހުން ފޮނުވައިފައިވާ ކަމަށެވެ. ނަމަވެސް ކެލިފޯނިއާގެ 20 ޕަސެންޓް ހައިޑްރަންޓުން ފެން ހުސްވެފައިވާތީ އަލިފާން ކޮންޓްރޯލް ކުރުމަށް ހުރަސްއެޅިފައިވެއެވެ.
ލޮސް އެންޖަލިސްގައި ހުރި އަލިފާން ހިފާފާނެ ކަހަލަ މާއްދާތައް ނައްތައިލުމަށް ތިމާވެށި ރައްކާތެރި ކުރާ އެންވައިރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ)އިން މިހާރު ވަނީ 500 މީހުން ހިމެނޭ 40 ޓީމު ފޮނުވަން ހަމަޖައްސައިފައެވެ. އެއީ ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމްގެ އެދުމަކަށެވެ.
"މި ކަމަށްޓަކައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހަރަދުކުރަން ހަމަޖައްސައިފައިވޭ،" އޮފިޝަލަކު ބުންޏެވެ.
ލޮސް އެންޖަލިސްގެ ފެނާއި ކަރަންޓާ ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ގަސްދުގައި ކަރަންޓު ކަނޑައިލަން ޖެހިދާނެ ކަމަށެވެ. އެއީ އަލިފާން ފެތުރުނަ ނުދިނުމަށެވެ.
ކެލިފޯނިއާގައި އަލިފާން ފެތުރެން ފެށި ސަބަބު ހޯދުމުގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުންޏެވެ.
މި ދިޔަ ހަފުތާގެ އަންގާރަ ދުވަހު ފެތުރެން ފެށި އަލިފާނުގެ އަސްލަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށް ސައިންސްވެރިން ބުންޏެވެ. އެ ގޮތުން މޫސުމަށް ބަދަލު އަންނަނީ އިންސާނުންގެ އިހުމާލުން ކަމަށް އެ މީހުން ބުންޏެވެ.
"ރެކޯޑުތައް މުގުރައިލައި މިންވަރަށް ދުނިޔެ ދަނީ ހޫނުވަމުން. ސިނާއީ މަސައްކަތްތައް އިންސާނުން ތައާރަފުކުރި ހިސާބުގެ ކުރިން ދުނިޔޭގެ ހޫނުމިން ހުރި މިންވަރަށްވުރެ 1.5 ޑިގްރީ ސެލްސިއަސްއިން ދުނިޔޭގެ ހޫނުމިން އެންމެ މައްޗަށް ދިޔައީ މި ދިޔަ އަހަރު،" ޔޫރަޕް އިއްތިހާދުގެ ކޮޕަނިކަސް ކްލައިމެޓް ޗޭންޖް ސާވިސް (ސީ.3.އެސް)އިން ބުންޏެވެ.
ކެލިފޯނިއާ ސްޓޭޓަކީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އާއި ތަފާތު އެހެން ސިނާއަތްތައް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60،000،000،000،000ރ. ނުވަތަ 60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެއެވެ.



advertisment