Support Us

ހުޅުމާލެ ފޭސް ދޭއްގައި ހޮނިހިރު ދުވަހު ހަލާކުކޮށްލި ދެ ޓްރާންސްފޯމަރު

‏ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ސްޓެލްކޯ މުވައްޒަފަކަށް ހަމަލާ ދީފި

ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުން ދީ، އޭގެން ވައްކަން ކުރަން އުޅުނު މީހަކު ސްޓެލްކޯގެ މުވައްޒަފަކަށް މި ރޭ ހަމަލާ ދީފިއެވެ.

ވައްކަން ކުރަން އުޅުނު މީހާ ސްޓެލްކޯގެ މުވައްޒަފުން ވަނީ އަތުލައިގަތްފައި ކަމަށް ކުންފުނީގެ މެނެޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ލިޔުއްވިއެވެ.

"މި މީހާ ވަނީ އެތަނަށް އެޓެންޑްވި މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފައި،" ފަހުމީ ވިދާޅުވިއެވެ.

ފަހުމީގެ ޓްވީޓްގައި އެޓެޗްކޮށްފައިވާ ފޮޓޯއިން ފެންނަނީ ހަމަލާ އެރި މުވައްޒަފުގެ ވައަތު ލޯ މަތިންނާއި ތިރީ ތުންފަތުން ލޭ އައިސްފައިވާ ތަނެވެ.

ޓްރާންސްފޯމަރަށް ގެއްލުން ދިނުމާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށް ފަހުމީ ވިދާޅުވިއެވެ.

"ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. އަދި ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި މީހާ ވަނީ ފުލުހުންނާއި ހަވާލު ކުރެވިފައި،" ފަހުމީ ވިދާޅުވިއެވެ.

ހުޅުމާލޭގެ ފޭސް ދޭއްގެ ބާރުގަދަ ދެ ޓްރާންސްފޯމަރެއް ހޮނިހިރު ދުވަހު ހެނދުނު ވަނީ ހަލާކުކޮށްލައިފައެވެ.

"(ހައި ވޮލްޓެޖް) އެޗް.ވީ ސްވިޗްތައް ނިއްވައިލައިފައިވާ ގޮތުން ހާމަވަނީ މި ދެ ޓްރާންސްފޯމަރު ހަލާކުކޮށްލީ ޓްރާންސްފޯމަރުތައް މަސައްކަތްކުރާ ޓެކްނިކަލް ނިޒާމު އެނގޭ ބަޔަކު ކަމަށް. މި ފަދަ އަމަލުތަކުގެ ސަބަބުން ކަރަންޓްގައި ޖެހި، ޒަހަމްވެ، އަދި މަރުވުން ވެސް އެކަށީގެންވޭ. އަދި މި ފަދަ ކަންތައް ކުރާ މީހުންގެ އިތުރުން މުޖުތަމައުގެ އެހެނިހެން އަފުރާދުންނަށް ވެސް ގެއްލުން ލިބިދާނެ،" ފަހުމީ ވިދާޅުވެފައިވެއެވެ.

"ޓްރާންސްފޯމަރުތަކެއް ހަލާކު ކުރަނިކޮށް މި ދިޔަ އަހަރު ބަޔަކު މަރުވެގެން ދިޔުމަކީ މި ކަހަލަ އަމަލުތަކުގެ ވޭނީ ހަނދާންތައް އާކޮށްދޭ ކަމެއް،" ފަހުމީ ވިދާޅުވިއެވެ.

ދެ ޓްރާންސްފޯމަރު ހަލާކު ކޮށްލުމުން ހާމަވަނީ އާއްމުން ހޭލުންތެރިކުރުމުގެ މުހިންމުކަން ކަމަށާއި ފުރާނަ ސަލާމަތްކުރުމަށް ފިޔަވަޅު އެޅުމުގެ އިތުރުން މުހިންމު އިންފްރާސްޓްރަކްޗަރު ރައްކާތެރިކުރުން މުހިންމު ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހުގެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މި ފަދަ ކަންތައްތައް ކުރިމަގުގައި ނުހިނގާނެ ގޮތަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.