މާފަރު އިންޓަނޭޝަނަލް އެއާޕޯޓު މި ދިޔަ އަހަރު ނިންމައިލީ މިލިއަނަރުންގެ 98 ޖެޓުގެ ދަތުރުތަކަކާއެކުއެވެ.
މިއީ ރަންވޭ ފުޅާކުރުމަށް ޖޫންއިން ފެށިގެން ސެޕްޓެމްބަރާ ހަމައަށް އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފައިވަނިކޮށް ވެސްމެއެވެ.
"މިއީ ފާހަގަކޮށްލެވޭ އަދަދަކަށް ވައިގެ އުޅަނދުފަހަރު މާފަރު އެއާޕޯޓަށް އައި ފަހަރެއް،" އެއާޕޯޓު ހިންގާ އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑް ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ގޮތުން މި ދިޔަ މަހު ޖެޓުތައް އައިސްފައިވާ އަދަދުން ދޭހަވަނީ މާފަރު އެއާޕޯޓަކީ މުއްސަނދިންނަށް ރާއްޖެއަށް އައުމަށް ހުޅުވާލެވިފައިވާ މަގެއްކަން އައިލެންޑް އެވިއޭޝަނުން ފާހަގަކުރިއެވެ.

ދުނިޔެއަށް މަޝްހޫރު ލަގްޒަރީ ރިސޯޓުތައް ނ. އަތޮޅުގައި ހުންނަ އިރު، މަހުޖަނުންނަށް އެ ތަންތަނަށް ފަސޭހަކަމާއެކު ދަތުރުކޮށްލުމަށް މަގުފަހިކުރުމުގައި މުޅި އަހަރު ދުވަހު މާފަރު އެއާޕޯޓް މުހިންމު ދައުރެއް އަދާކުރިކަން އައިލެންޑް އޭވިއޭޝަނުން ފާހަގަކުރިއެވެ. އެ ގޮތުން އެއާޕޯޓްގެ ރަންވޭ ފުޅާކުރުމުގެ މަޝްރޫއު ވަނީ އަހަރުގެ ފަހުކޮޅު އަންނަ ބަންދު ދުވަސްތަކުގެ ކުރިން ނިންމައިލައިފައެވެ.
"މި ކަމުގެ ސަބަބުން މާފަރު އެއާޕޯޓްގެ ހިދުމަތް ވަނީ އިތުރަށް ހަރުދަނާވެފައި،" އައިލެންޑް އެވިއޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.
ރަނގަޅު ފެންވަރުގެ މަންޒިލްތަކަށް ޒިޔާރަތްކުރަން ބޭނުންވާ ޓޫރިސްޓުންނަށް މާފަރު އެއާޕޯޓް އޮންނަ މުހިންމު ސަރަހައްދުގެ ސަބަބުން އެއާޕޯޓަށް ކާމިޔާބުތަކެއް ލިބޭ ކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ.
"މި ދިޔަ އަހަރު ގެނެވުނު ތަރައްގީން ހާމަވަނީ އުފެއްދުންތެރިކަމާއި ފެންވަރު ރަނގަޅު ކުރުމަށް އަހަރެމެން ދޭ މުހިންމުކަން. މި ދިޔަ މަހުގެ އިތުރުން މުޅި މި ދިޔަ އަހަރުގެ ތަފާސްހިސާބުތަކަކީ، މާފަރު އެއާޕޯޓަކީ ވައިގެ ދަތުރުފަތުރުގެ ލަގްޒަރީ މަރުކަޒެއްކަމުގެ ހެކި،" އައިލެންޑް އެވިއޭޝަންގެ ޖެނެރަލް މެނޭޖާ އެއާޕޯޓްސް، މުމްތާޒު އަލީ ބުންޏެވެ.
"ގްރައުންޑް ޓްރާންސްޕޮޓޭޝަން އަދި އެއާޕޯޓްގެ އެޕްރޮންގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދޭ. ފަސިންޖަރުންގެ ބޭނުންތައް ރަނގަޅަށް ފުއްދައިދިނުމަށް އެއާޕޯޓަށް ފުރިހަމަ ބަދަލުތަކެއް ގެނައުމަށް ވަނީ ތައްޔާރުވެފައި،" އޭނާ އިތުރަށް ބުންޏެވެ.
ބޮޑު ހަރަދުކޮށްގެން އަންނަ ފަތުރުވެރިންނަށް ރާއްޖެއަކީ އަދިވެސް މުހިންމު މަންޒިލަކަށްވާއިރު ރާއްޖޭގެ އިގުތިސާދީ ތަރައްގީއަށާއި ޓޫރިޒަމްގެ ސިޔާސަތުތައް ކުރިއަރުވަން މާފަރު އެއާޕޯޓަކީ ކޮންމެހެން މުހިންމު ވައިގެ ބަނދަރެއް ކަމަށް އައިލެންޑް އެވިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަން އަންނަނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ މަންޒިލްތައް ވެސް ގުޅުވައިދެމުންނެވެ.
މޯލްޑިވިއަންގެ ފްލައިޓްތަކުން ރާއްޖޭގެ 16 ޑޮމެސްޓިކް އެއާޕޯޓާއި ބައިނަލްއަގުވާމީ މަންޒިލްތަކަށް ދަތުރުކުރެއެވެ. އޭގެ ތެރޭގައި ދެކުނު އޭޝިއާގެ ގައުމުތައް ކަމަށްވާ އިންޑިއާ، ބަނގްލަދޭޝް އަދި ޝްރީ ލަންކާ ހިމެނެއެވެ.
އެއްގަމަށް ޖައްސާ އެންމެ ގިނަ މަތިންދާބޯޓު ރާއްޖޭގައި އޮތީ ވެސް މޯލްޑިވިއަންގައެވެ. އަދި ފަސޭހަކަމާއެކު ޓޫރިސްޓުން އުފުލުމަށް ކަނޑަށް ޖައްސާ ސީޕްލޭން ވެސް މޯލްޑިވިއަނުން އޮޕަރޭޓްކުރެއެވެ.
މޯލްޑިވިއަންގައި މި ވަގުތު 25 ވައިގެ އުޅަނދު އެބައޮތެވެ. އޭގެ ތެރޭގައި އޭ.330 މަރުކާގެ އެއް މަތިންދާބޯޓާއި އޭ.320 މަރުކާގެ އެއް މަތިންދާބޯޓާއި ޑޭޝް.8 މަރުކާގެ އަށް މަތިންދާބޯޓާއި ޑީ.އެޗް.ސީ.6 ޓްވިން އޮޓާ މަރުކާގެ 11 މަތިންދާބޯޓާއި އޭ.ޓީ.އާރް މަރުކާގެ ހަތަރު މަތިންދާބޯޓު ހިމެނެއެވެ.
"ރާއްޖެ އާއި ބައިނަލްއަގުވާމީ މަންޒިލްތަކަށް ދަތުރުކުރުމަށް އިތުރުވަމުން އަންނަ ޑިމާންޑަށް މޯލްޑިވިއަން ތަރައްގީ ކުރުމަށް މިހާރު ވެސް ތައްޔާރުވަމުން އަންނަނީ. މޯލްޑިވިއަންއަކީ ރާއްޖޭގެ ރޫހު. ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މި ޖަޒީރާ ގައުމުގެ ހިތްހެޔޮ މެހެމާންދާރީކަން ދައްކުވައިދޭ ލާމަސީލު ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދެމުން މި އަންނަނީ،" އައިލެންޑް އެވިއޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.
އައިލެންޑް އެވިއޭޝަނުން ހިންގާ މޯލްޑިވިއަން ފްލައިޓްތަކުގެ މައުލޫމާތާއި ހިދުމަތް ހޯދުމަށް www.maldivian.aero ވެބްސައިޓުން ހަމަޖެހޭނެއެވެ.



advertisment

