Support Us

ހެލްތު މިނިސްޓަރ އަމީން އަދި ޑީ.ޖީ މައިމޫނާ -ފޮޓޯ: ހެލްތް މިނިސްޓްރީ

"އެއީ ސީދާ ބާޠިލު ކުއްލި ނުރައްކަލުގެ ޙާލަތެއް"

ކޮވިޑު19އާ ގުޅިގެން ހެލްތު މިނިސްޓަރު އިޢުލާނުކުރައްވައިގެން އުޅުއްވާ "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތަ"ކީ ޤާނޫނުއަސާސީއާ ޚިލާފު، ބާޠިލު ކުއްލި ނުރައްކަލުގެ ޙާލަތެކެވެ. މިވާހަކަ ބަޔާންކޮށް އަޅުގަނޑު ޓްވީޓެއް ކުރުމުން "އެއީ ބާޠިލު ކަމެއް ކަމަށް ދެކެންޏާމު ދެން ކަލޭ (މިއީ ހަމަ ސުވާލު ކުރި ގޮތް) ގޭގައި އޮތީ ކީއްވެހޭ ކިޔައި މީހަކު ރައްދުގައި ސުވާލެއް ކުރިއެވެ. އަޅުގަނޑު އެއްވެސް ޙާލެއްގައި ގޭގައި އޮތީކީ އެކަން ޞައްޙަ ވެގެނެއް ނޫނެވެ. އަޅުގަނޑު ގޭގައި އޮތީ އަޅުގަނޑުގެ އަމިއްލަ ނަފްސު ރައްކާތެރިކުރުމުގެ ގޮތުންނެވެ.

މިހެން ބުނެފިއްޔާ ސޯޝަލް މީޑިއާގެ އަހުލުވެރިން އަޅުގަނޑު ކަށިހަފައި ކާލާނެކަން ޔަޤީނެވެ. އެހެންނަމަވެސް، ކަށިހަފައި ކެޔަސް އަދި އަޅުގަނޑު "ކޮށާލައި ކާޅަށް ކާންދިނަސް" މި ނޫން ގޮތަކަށް މިވާހަކަ ދެންނެވޭކަށް ހަމަ ނެތެވެ. މިއީ ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ކުރަހާފައިވާ މަންޒަރެކެވެ. މި މަންޒަރު މި ކިޔައިދެނީ ޤާނޫނީ މަބްދަޢުތަކާއި ލަފުޒުތައް ވީހާވެސް މަދުން ބޭނުންކޮށްގެން، އެންމެ އާދައިގެ މީހާއަށް ވެސް ފަހުމުވާނެހާ ވެސް ތިލަކޮށެވެ.

ޤާނޫނުއަސާސީއާ ޚިލާފުވާގޮތަށް ޤާނޫނެއް ނުހެދޭނެ. ޤާނޫނުއަސާސީއާ ޚިލާފު ކޮންމެ ކަމަކީ ބާޠިލު ކަމެއް

މިއީ އެއްވެސް ޙާލެއްގައި އަޅުގަނޑު ދަންނަވާ ވާހަކައެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި "ޤާނޫނުއަސާސީގެ ބާރު"ގެ ނަމުގައި ބަޔާންކޮށްފައިވާ މާއްދާގައި ބުނެފައި އޮންނަ ވާހަކައެވެ. އެ މާއްދާގައި އޮންނަނީ:

"ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދަންވާނީ މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތިންނެވެ. މި ޤާނޫނުއަސާސީން ލާޒިމުކުރާ އެންމެހައި ކަންކަން ފުރިހަމަކުރަންވާނެ އެވެ. މި ޤާނޫނުއަސާސީއާ ޚިލާފުވާގޮތަށް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ވާނީ ބާޠިލު އެއްޗަކަށެވެ. އަދި، އެފަދަ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެ އެވެ. މި ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލު ކަމެކެވެ." މި ފަދައިންނެވެ.

އެހެންވީމާ ޤާނޫނުއަސާސީއާ ޚިލާފަށް ހަދާ ކޮންމެ ޤާނޫނެއް އަދި ޤާނޫނެއްގެ ވަކި މާއްދާއެއް ވިޔަސް ވެގެން މި ދަނީ ބާޠިލު ކަމަކަށް ނޫންތޯއެވެ؟ އަދި އެފަދަ ޤާނޫނެއްގެ ނުވަތަ މާއްދާއެއްގެ ބާރެއް ވެސް ނޯންނާނެ ނޫންތޯއެވެ؟

ޤާނޫނުއަސާސީގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮތްކަމެއް ޤާނޫނަކުން އެހެން ގޮތަކަށް ބަދަލެއް ނުކުރެވޭނެ

އިސްވެ ދެންނެވުނު ފަދައިން ޤާނޫނުއަސާސީއާ ޚިލާފަށް ހަދާ ކޮންމެ ޤާނޫނެއް އަދި ޤާނޫނަކުން ބައެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފު އެއްޗަކަށް ވެގެން ދިއުމުގެ މާނައިގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ޤާނޫނުއަސާސީގައި ވަކި ގޮތަކަށް ބަޔާންކުރެވިފައިވާ ކަމެއް ޤާނޫނަކުން އެހެން ގޮތަކަށް ބަދަލު ނުކުރެވުމެވެ. ޤާނޫނުއަސާސީގައި ވަކި މީހަކަށް ދީފައިވާ ބާރެއް އެހެން މީހަކަށް ނުލިބުމެވެ. އަދި ނުވެސް ދެވުމެވެ. އެކަން ކުރަންވާ ގޮތް ކަމުނުދާނަމަހީ ޖެހޭނީ ޤާނޫނުއަސާސީގެ އެ މާއްދާ އިޞްލާޙުކުރާށެވެ.

12 މާރިޗު 2020 ގައި މިނިސްޓަރ އޮފް ހެލްތު ނެރުއްވި "ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު" ބާޠިލުވަނީ ކިހިނަކުން؟

މި މައުޟޫޢުގެ މައިގަނޑު ސުވާލަކީ މިއީ އެވެ.

ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ގޮތުން ޤާނޫނުއަސާސީގައި އޮންނަނީ ކީކޭތަ؟

ކުއްލި ނުރައްކަލުގެ ޙާލަތުގެ ވާހަކަ ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮންނަނީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައެވެ. އެ މާއްދާގައި އޮންނަނީ އަންނަނިވި ފަދައިންނެވެ.

"ޤުދުރަތީ ކާރިޘާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ނުވަތަ ބޭރުގެ ޙަމަލައެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ނުވަތަ ސަރަޙައްދުތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ." މިފަދައިންނެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރައްވަން ނެރުއްވަންޖެހޭ ޤަރާރު އޮންނަންވީގޮތާއި އެ ޤަރާރުގައި ނުހިފެހެއްޓޭނެ ޙައްޤުތަކަކީ ކޮބައިކަން 254 އަދި 255 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަށް ނެރޭ ޤަރާރު ލަސްވެގެން 3 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރަންވާނެ ކަމަށް 256 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެ ޤަރާރު 48 ގަޑިއިރުތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް 257 ވަނަ މާއްދާގައި ބުނެފައިވާއިރު، އެ ޤަރާރުގެ ބައެއް ނުވަތަ ގަރާރު އެއްކޮށް ފާސްކުރެވިދާނެ ކަމަށާއި އަދި އެ ޤަރާރު ބާޠިލު ކުރުމުގެ ބާރު ވެސް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާކަމަށް 257 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

އެހެންވީމާ ހަމައެކަނި މި މާއްދާ ތަކަށް ބަލައިލުމުން ވެސް މައްސަލަ ވަރަށް ބޮޑަށް ސާފުވެގެންދެއެވެ. އެހެނީ، ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވެގެން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ބާރު ޤާނޫނުއަސާސީން ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެހެން އެއްވެސް ފަރާތަކަށް ލިބިދީފައިވާ ބާރެއް ނޫނެވެ.

ދެން އުފެދޭ ސުވާލަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން ދީފައިވާ ބާރެއް އެހެން ފަރާތަކާ ޙަވާލުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާނެތޯއެވެ؟ އެކަން ވެސް ކުރެވޭނީ އެފަދަ ބާރެއް ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާނަމައެވެ. އެހެންނަމަވެސް ކުއްލި  ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ އެއްވެސް ބާރެއް އެހެން ފަރާތަކަށް ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން ދީފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކަކީ ކޮބައިކަން ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާގެ ނައްޞުގައި ވަނީ އަންނަނިވި ޢިބާރާތެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތު ކަމުގައި މި ޤާނޫނުއަސާސީގެ އެހެނިހެން މާއްދާތަކުގައްޔާއި ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ތިރީގައިމިވާ ކަންތައްތައްކުރުން ރައީސުލްޖުމްހޫރިއްޔާއާ މި ޤާނޫނުއަސާސީން ޙަވާލުކޮށް، އެ ކަންތައްތައް ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް މި ޤާނޫނުއަސާސީން ދެއެވެ." މިފަދައިންނެވެ.

އަދި އިސްވެ ދެންނެވުނު ބާރުތަކުގެ ތެރޭގައި އެ މާއްދާގެ (ވ) ގައި "ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތިން ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނުކުރުން" ވެސް ވަނީ ހިމަނާފައެވެ.

އެހެންކަމުން، ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތިން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަކީ ޤާނޫނުއަސާސީން ސީދާ ރައީސުލްޖުމްހޫރިއްޔާއާ ޙާވާލުކޮށްފައިވާ އަދި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެކެވެ. އެހެންކަމުން ޤާނޫނުއަސާސީގެ އެ މާއްދާ ބަދަލުކުރުމަކާ ނުލައި ޤާނޫނަކުން އެ ބާރު އެހެން އެއްވެސް ފަރާތަކާ ޙަވާލު ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާއަކީ ޤާނޫނުއަސާސީއާ ޚިލާފު މާއްދާއެއް

މާރިޗު، 12، 2020 ވަނަ ދުވަހު މިނިސްޓަރ އޮފް ހެލްތު ނެރުއްވި "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު" އިޢުލާނުކުރާ ޤަރާރުގައި ބަޔާންކޮށްފައިވަނީ އެ ޤަރާރު ނެރުނީ ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގައި އޮތީ އަންނަނިވި ޢިބާރާތެވެ.

"ވަކި ތަނެއްގައި ވަކި ދުވަހަކު، ޢާންމު ޞިއްޙަތަށް ނުރައްކާވާފަދަ ކުއްލި ނުރައްކަލުގެ ޙާލަތެއް ދިމާވެއްޖެ ކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެކަން ރަނގަޅު ކުރުމުގެ ގޮތުން ނުވަތަ އެކަން ހިފެހެއްޓުމުގެ ގޮތުން ނުވަތަ އެކަމުގެ ނުރައްކާ ކުޑަކުރުމުގެ ގޮތުން ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ކުރިމަތިވެއްޖެކަމުގެ އިޢުލާނުކުރުމަށާއި، އެ އިޢުލާނު ހިނގާނެ ސަރަޙައްދަކީ ކޮބައިކަން ކަނޑައަޅައި، އިޢުލާނުކުރުމަށް ވަޒީރަށް ލަފާދެވިދާނެ އެވެ"

އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގައި އޮތީ އަންނަނިވި ޢިބާރާތެވެ.

މި މާއްދާގެ (ހ) ގެ ދަށުން ވަޒީރަށް ޑިރެކްޓަރ ޖެނެރަލް ލަފާދީފިނަމަ، ވަކި ސަރަޙައްދަކަށް، ވަކި ވަގުތަކަށް، ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު ކުރިމަތިވެއްޖެކަމުގެ އިޢުލާނު ވަޒީރު ކުރަންވާނެ އެވެ."

އެހެން ނަމަވެސް އިސްވެ ދެންނެވުނު މާއްދާތަކަކީ ކުއްލި ނުރައްކަލުގެ ޙާލަތު ނެރުމާއި ގުޅޭގޮތުން ހުރި މާއްދާތަކާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްޢޫލިއްޔަތުތަކާ ގުޅޭ މާއްދާތަކުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތާ ކަނޑައެޅިގެން ޚިލާފު ގޮތަކަށް ބަޔާންކޮށްފައިވާ މާއްދާތަކެކެވެ. އެހެނީ، ޤާނޫނުއަސާސީގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ޤާނޫނުއަސާސީގައި އެކަން އެހެން ބަޔާންކޮށްފައި އޮއްވާ ޤާނޫނުއަސާސީއާ ޚިލާފަށް ހަދާ ޤާނޫނަކުން ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން އެ ބާރު އަތުލައްވައި އެ ބާރު ހެލްތު މިނިސްޓަރާ ޙަވާލުކުރުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެކެވެ.

މިއީ ޤާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތެއް ނޫނޭ މިއީ ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތޭ ބުނާ މީހުންނަށް ދޭ ރައްދު

މި ވާހަކަ ބޮޑަށް ދެކެވުނީ މި މައުޟޫޢާ ގުޅިގެނެއް ނޫނެވެ. މި ވާހަކަ ދެކެވުނީ މިދޭތެރެއަކުން ޤާނޫނުއަސާސީއަށް ގެންނެވި "އެކްސްޕްރެސް" އިސްލާޙަކާ ގުޅޭގޮތުން ކުރެވުނު ބަހުސްގެ ތެރޭގައެވެ. އެއީ، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ ދަނޑިވަޅެއްގައި ޤާނޫނުއަސާސީ އިސްލާހުކޮށްގެން ނުވާނެ ކަމަށް ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީއެވެ. ދެން މި ވީގޮތަކީ ކޮވިޑު19އާ ގުޅިގެން ލޯކަލް ކައުންސިލްގެ އިންތިޚާބު ނުބޭއްވި، ކުރިން އިންތިޚާބުވެފައިވާ ކައުންސިލަރުންގެ ދައުރު 3 ޖޫން 2020 އަށް ހަމަވާންދާތީ ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނެސްގެން ނޫން ގޮތަކަށް އެކަމަށް ޤާނޫނީ ޙައްލެއް ގެނެވެން ނެތްކަމަށް އެވެރިންނަށް ފެނުނީއެވެ. އެހެންކަމުން ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެންނަން ބެލިއިރު އަސްތާ ކަމަކުދާކަށް ނެތެވެ. އޭރު އޮތީ ހެލްތު މިނިސްޓަރުގެ "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު" ކަމަށް ބުނާ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ.

ހެލްތު މިނިސްޓަރ އަމީން އަދި ޑރ. ލަތީފު ނޫސްވެރިންނާ ބައްދަލުކުރައްވަނީ -ފޮޓޯ: ހެލްތް މިނިސްޓްރީ

މި ބަހުސެއް ފެށުނީ މިހިސާބުންނެވެ. އެއް ބަޔަކު މި ބުނަނީ އެއީ ކުއްލި ނުރައްކަލުގެ ޙާލަތެއް ކަމަށާއި އެހެންކަމުން އެ ޙާލަތުގައި ޤާނޫނުއަސާސީ އިސްލާޙެއް ނުކުރެވޭނެ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެއީ ޤާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތު ނޫންކަމަށާއި ޤާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތަށްވާނީ ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރާ ކުއްލި ނުރައްކަލުގެ ޙާލަތު ކަމަށާއި އެހެންކަމުން ހެލްތު މިނިސްޓަރު އިޢުލާނު ކުރެއްވި "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތަ"ކީ ޤާނޫނުއަސާސީ ބުނާ ކުއްލި ނުރައްކަލުގެ ޙާލަތު ކަމަށް ނުވާތީ އެ ޙާލަތުގައި ޤާނޫނުއަސާސީ އިސްލާޙުކުރެވޭނެ ކަމަށެވެ. ކޮންމެއަކަސް އެންމެ މަތީ ކޯޓުން ލަފާ ދެއްވި ގޮތަކަށް ދެއްވައިގެން އެއްރެއެއްގެ ދަންވަރުގެ ވަގުތެއްގައި ވަރަށް އެކްސްޕްރެސް ގޮތަކަށް ޤާނޫނުއަސާސީ އިސްލާހުކޮށް ނިންމައިފިއެވެ.

މި މައުޟޫގައި މިހާތަނަށް ދެކެވުނު އެންމެ ޖޯކު އެއް ވާހަކައެވެ. ހެލްތު މިނިސްޓަރު ކުއްލި ނުރައްކަލުގެ ޙާލަތެއް ނެރުއްވީމާ އެކަން ހަމަޖައްސާލަން ފުންނާބު އުސް ބައެއް ޤާނޫނީ މާހިރުން މި ވިދާޅުވަނީ އެއީ އަދި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ނޫންކަމަށެވެ.

އެހެން ނަމަވެސް ޤާނޫނުއަސާސީގެ މާއްދާތައް ބަލާލި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް ފެންނަން އޮންނާނެ އެއް ކަމަކީ ޤާނޫނުއަސާސީގައި އެކިއެކި ބާވަތްބާވަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް ބަޔާންކޮށްފައި ނެތްކަމެވެ. ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ "ކުއްލި ނުރައްކަލުގެ ޙާލަތު" އެވެ. އެއްވެސް ޙާލެއްގައި "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް" ނުވަތަ "ހަނގުރާމައިގެ ކުއްލި ނުރައްކަލުގެ ޙާލަތެއް" ނުވަތަ "ލޯބީގެ ކުއްލި ނުރައްކަލުގެ ޙާލަތެއް" ނުވަތަ އެހެން އެކި ފާޑުފާޑުގެ ނަންނަން ކިޔާ އެކި ޒާތްޒާތުގެ ކުއްލި ނުރައްކަލުގެ ޙާލަތްތަކެއްގެ ވާހަކަ ބަޔާންކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ނެރެވިދާނެ އެކިއެކި ޙާލަތްތަކެއް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ޙާލަތުގެ ވާހަކަ ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮންނަ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ޙާލަތްތައް ތިރީގައި އެވަނީ އެވެ.

  • ޤުދުރަތީ ކާރިޘާއެއް ކުރިމަތިވުން
  • ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވުން
  • ހަނގުރާމައެއް ކުރިމަތިވުން
  • ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވުން
  • ބޭރުގެ ޙަމަލައެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވުން

އެހެންކަމުން ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އެވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރެވޭނެ ޙާލަތްތައް ކަނޑައެޅި ބަޔާންކޮށްފައެވެ. އެހެންކަމުން އިސްވެ ދެންނެވުނު ޙާލަތަކުން ކުރެ ޙާލަތެއް ކުރިމަތި ވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާއަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރެވިދާނެއެވެ.

ދެން ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ 12 މާރިޗު 2020 ގައި މިނިސްޓަރ އޮފް ހެލްތު ނެރުއްވި "ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތަ"ކީ ޤާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތު ނޫންކަމަށް ބުނެ އެކަން ޖަސްޓިފައި ކުރައްވާ ބޭފުޅުންނަށް ދޭނެ އަނެއް ރައްދަކީ ޤާނޫނުއަސާސީގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވޭނެ ޙާލަތްތަކާއި އެ ބާރު ބޭނުންކުރެވޭނެ ގޮތާއި އެ ބާރު ދީފައިވާ ފަރާތް ތަފްޞީލުކޮށް ބަޔާންކޮށްފައި ވަނިކޮށް އެކިއެކި މޮޅެތި ނަންނަމުގައި އެހެން ފަރާތްތަކުން ނެރޭ ކުއްލި ނުރައްކަލުގެ އެއްވެސް ޙާލަތަކީ ޤާނޫނުއަސާސީއާ ޚިލާފު ޙާލަތަކަށް ނޫނީ ނުވާނެ ކަމެވެ. އެހެނީ އެފަދަ ކަމަކީ ޤާނޫނުއަސާސީއާ ޚިލާފަށް ކުރެވޭނެ ކަމެއް ކަމަށްވާއިރު ޤާނޫނުއަސާސީއާ ޚިލާފު ކޮންމެ ކަމަކީ ބާޠިލު ކަމެއްކަން ޤާނޫނުއަސާސީން އެނގެން އޮތުމުންނެވެ.

ދެން އަނެއް ކަމަކީ މިނިސްޓަރ އޮފް ހެލްތު ނެރުއްވި "ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތަ"ކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ނޫން ކަމަށް ބުނެ ދައްކާ ވާހަކައަކީ ހަމަޖެހޭ ވާހަކައެއް ވެސް ނޫނެވެ. އެހެނީ، ޤާނޫނުއަސާސީގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ޙާލަތްތަކުގެ ތެރޭގައި "ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވުން" ހިމެނެއެވެ. މާރިޗު 12، 2020 ގައި މިނިސްޓަރ އޮފް ހެލްތު ނެރުއްވި "ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު" އަކީ ވެސް ނުރައްކާތެރި ބަލިމަޑުކަމެއް ކަމުގައިވާ ކޮވިޑު19 ގެ ސަބަބުން އިޢުލާނުކުރި ކުއްލި ނުރައްކަލުގެ ޙާލަތެއްކަން ޙެލްތު މިނިސްޓަރު ނެރުއްވި ޤަރާރަށް ބެލުމުން އެނގެއެވެ.

އެހެންވީމާ، ހެލްތު މިނިސްޓަރު ނެރުއްވައިގެން އުޅުއްވާ ކުއްލި ނުރައްކަލުގެ ޙާލަތަށް ކިތައްމެ ލޯބި ނުވަތަ އިޝްޤީ ނަމެއް ކީކަމުގައި ވީނަމަވެސް އެއީ ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވެގެން ނެރުއްވި އިޢުލާނުކުރެއްވި ކުއްލި ނުރައްކަލުގެ ޙާލަތަކަށް ނުނީ ނުވާނެ އެވެ.

ވީމާ، 12 މާރިޗު 2020 ގައި މިނިސްޓަރ އޮފް ހެލްތު ނެރުއްވި "ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތަ"ކީ ހަމަ ސީދާ ޤާނޫނު އަސާސީއާ ޚިލާފު، ބާޠިލު ކުއްލި ނުރައްކަލުގެ ޙާލަތެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *