މަރުވެފައިވާ ޕޮޕް މިއުޒިކްގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ޕެރިސް ޖެކްސަން ކައިވެނިކުރަން ތައްޔާރުވެއްޖެއެވެ.
އުމުރުން 26 އަހަރުގެ ޕެރިސް ކައިވެނިކުރަނީ އޭނާގެ މިއުޒިކް ބޭންޑްގެ މެންބަރެއް ކަމަށްވާ ޖަސްޓިން ލޯންގްއާއެވެ.
މޮޑެލްވެސް ކުރާ ޕެރިސް ކައިވެނިކުރަން އުޅޭކަން އިއުލާންކުރީ އިންސްޓަގްރާމްގައެވެ.
ޕެރިސް ކައިވެނިކުރަން އުޅޭކަން އިއުލާންކުރީ ޖަސްޓިންގެ އުފަންދުވަހުއެވެ.
"އަހަރެންނަށްޓަކައި ތިބާއަށްވުރެ ފުރިހަމަ މީހެއް ނުވޭ. ތިބާގެ މީހަކަށްވާން އަހަރެންނަށް ފުރުސަތު ދިނީތީ ޝުކުރިއްޔާ. އަހަރެން ތިބާ ދެކެ ލޯބިވޭ،" ޕެރިސް ބުންޏެވެ.
އޭނާވަނީ ޖަސްޓިންއާއެކު ނަގައިފައިވާ ފޮޓޯތަކެއްވެސް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ޖަސްޓިން އޭނާއަށް ކައިވެނި ހުށަހެޅި ވަގުތުގެ ފޮޓޯއެއްވެސްވެއެވެ.

ޖަސްޓިން ކައިވެނި ހުށަހެޅީ ކޮން ދުވަހަކު ކޮން ތަނެއްގައި ކަމެއް ޕެރިސް ހާމައެއް ނުކުރެއެވެ. ނަމަވެސް އެންގޭޖްމަންޓް އަނގޮޓި ޕެރިސް އަޅައިގެން އުޅޭ ތަން ސެޕްޓެމްބަރު މަހުއްސުރެ ވަނީ ފެނިފައެވެ.
ޕެރިސް އާއި ޖަސްޓިން ލޯބީގެ ގޮތުން ގުޅުނީ 2022 ގައި ކަމަށް ބެލެވެއެވެ. ޖަސްޓިންއާ ރައްޓެހިވުމުގެ ކުރިން ޕެރިސް ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ބޭންޑްގެ އެހެން މެންބަރެއްކަމަށްވާ ގަބްރިއެލް ގްލެންއާއެވެ. ގްލެންއާއެކު އޮތް ދެ އަހަރު ވީ ގުޅުން 2021 ގައި ނިމުމުން ޕެރިސް ބުނެފައިވަނީ އެއީ އޭނާ "އެހާތަނަށް އެންމެ ބޮޑަށް ހިތްހަލާކުވި ތަޖުރިބާ" ކަމަށެވެ.
ޕެރިސްގެ ސޯޝަލް މީޑިއާގައި ޖަސްޓިން ފުރަތަމަ ފެނިގެންއައީ މީގެ ދެ އަހަރު ކުރިން ބޭންޑްގެ ގްރޫޕް ފޮޓޯއެއްގައެވެ. އޭގެ ފަހުން ޕެރިސް ހިއްސާކުރާ ބައެއް ފޮޓޯތަކުން ޖަސްޓިން ފެނެއެވެ.
ޖަސްޓިންއަކީ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގައި ދިރިއުޅޭ މިއުޒިކް ޕްރޮޑިއުސަރެކެވެ. އަދި އޭނާއަކީ މިކްސާއެކެވެ. އޭގެ އިތުރުން މިއުޒިކް އިންޖިނިއަރެކެވެ. ގިނަ އަހަރުތަކެއް ވަންދެން ސްޓޭޖްގެ ފަހަތުގައި ޕެރިސްގެ ޝޯތަކުގައި އޭނާއާއެކު ޖަސްޓިން މަސައްކަތްކޮށްފައިވެއެވެ.
ޖަސްޓިންގެ ލިންކްޑްއިން ސަފުހާގައި އޭނާ ބުނެފައިވަނީ މިއުޒިކް އުފެއްދުމުގައި ދަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ކަމަށެވެ. އެ ގޮތުން މިއުޒިކް އިންޖިނިއާ ކުރުމާއި ޓްރެކް މިކްސްކުރުން ހިމެނެއެވެ. މި ޓްރެކްތައް އެމެރިކާގެ އިތުރުން 20 ގައުމެއްގެ އައިޓިއުންސްގެ އެއްވަނަ މަގާމަށް އަރައިފައިވެއެވެ. އަދި މިއުޒިކްގެ ބޮޑު ކުންފުންޏެއްގެ ބޭންޑެއްގައި ލައިވްކޮށް ޕާފޯމްކޮށްފައިވެއެވެ.
މިއުޒިކްގެ ދާއިރާއިން ކެރިއަރެއް ފެށުމުގެ ކުރިން ޖަސްޓިން މަސައްކަތްކުރީ މާކެޓިން ދާއިރާގައެވެ. އަދި ވިޔަފާރިވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެއެވެ. އެ ގޮތުން ޑޭލީ ނަމަކަށް ކިޔާ އެޕެއް ފަރުމާކުރިއެވެ.
މި ދިޔަ އޮކްޓޫބަރު މަހު ކެލިފޯނިއާގެ ސަހަރެއްކަމަށްވާ ލޯސް އެންޖަލިސްއިން ޖަސްޓިން އާއި ޕެރިސް އެކުގައި ފެނިފައިވެއެވެ. ޕެރިސް ހުރީ އޭނާގެ ސޯޝަލް މީޑިއާ މީހުންނަށް މި އަހަރު ކުރީކޮޅު ތައާރަފުކޮށްދިން ކުއްތާ ގޮވައިގެންނެވެ.
މިއުޒިކާއި މޮޑެލް ކުރުމުގައި މަޝްހޫރު ޕެރިސްއަކީ "ދުނިޔޭގައި މި ވަގުތު ހުރި އެންމެ ރީތި އަންހެންމީހާ" ކަމަށް އޭނާގެ ފޭނުން ދައުވާކުރެއެވެ.



advertisment