މަޑުމައިތިރިކަމަކީ މީހުންގެ އިހުތިރާމް ލިބޭ ކަމެކެވެ. މި ބަލައިލަނީ މި ގޮތަށް އަމަލުތައް ބަހައްޓާނެ 10 ގޮތަކަށެވެ.
- ހަރަކާތްތެރިކަމުގައި އަބަދުވެސް ލަސްކަމެއް ގެންގުޅޭށެވެ. އެއްވެސް ކަމެއް އަވަސްއަރުވައިލައިގެން ނުކުރާށެވެ. ކަމެއް ކުރުމުގެ ކުރިން ވަގުތުކޮޅެއް ދޭށެވެ. މަޑުމައިތިރިކަމާއި އަދި އަރާމު ހަރަކާތްތެރިކަމެއް ގެންގުޅުމުން ދޭހަވާނީ ތިބާގެ ހިތުގައި ބިރުވެރިކަމެއް ނެތްކަމާއި ސިކުނޑިއަށް އުނދަގޫކުރާ އެއްވެސް ޕްރެޝަރެއް ނެތްކަމެވެ. މަޑުމައިތިރިވާށެވެ. ކޮންމެ ފަދަ ހާލަތެއްގެ ތެރޭގައި ހުރި ނަމަވެސް ހަމައިގައި ހުންނާށެވެ.
- މީހަކާ މައްސަލައެއް ޖެހިގެން އުޅޭއިރުވެސް ހަތަރުކަޅިހަމަކޮށްގެން އޭނާއާ މުއާމަލާތްކުރާށެވެ. އޭގެން ދައްކައިދޭނީ ތިބާގެ ސިކުނޑިއަށް އުނދަގޫވެފައިނުވާކަމެވެ. ހަތަރުކަޅިހަމަކުރުމަކީ ގިނަ މީހުންނަށް ކުރަން އުނދަގޫ ކަމެކެވެ. ތިބާއަށް އެ ކަން ކުރެވޭ ނަމަ ތިބާ ވާނީ ތަފާތު މީހަކަށެވެ. އެހެންކަމުން، ނަޒަރު އެހެން ފަރާތަކަށް އަނބުރާނުލާށެވެ. އެއިރުން އެހެން މީހުންގެ އިހުތިރާމް ތިބާއަށް އިތުރަށް ލިބޭނެއެވެ.
- ކޮންމެ ފަދަ ހާލަތެއް ކުރިމަތިވެފައިވާ ނަމަވެސް ޖަޒުބާތުގައި ޖެހިފައިވާކަމުގެ އިޝާރާތެއް ނުދައްކާށެވެ. މި ކަމުން ދޭހަވާނީ ކޮންމެ ފަދަ މައްސަލައަކާ ވެސް ތިބާއަށް ޔަގީންކަމާއެކު ކުރިމަތިލެވޭކަމެވެ. ތިބާގެ ސަމާލުކަން ވިސްނުންތެރިކަމާއެކު ބޭނުންކުރާށެވެ. ކޮންމެ ކަމަކަށް ޖަޒުބާތު ފާޅުކުރާ ނަމަ، އެއަކު އެއްވެސް އަގެއް ނުހުންނާނެއެވެ!
- "ބޮޑީ ލެންގުއެޖް" ނުވަތަ ހަށިގަނޑުގެ ހަރަކާތްތައް ހަރުދަނާކުރާށެވެ. ބަޔަކާ ކުރިމަތިލާއިރު ހަށިގަނޑު ސީދާކޮށް ބަހައްޓާށެވެ. ތިބާއާމެދު ސީރިއަސްކޮށްދެކޭނީ އެ މީހުންނަށް ތިބާ ފުރަތަމައިން ފެންނަ ގޮތަކުންނެވެ. ތިބާގެ އަނގައިން އެއްމެ ބަހެއް ބޭރު ނުކުރިޔަސް ތިބާގެ ހަށިގަނޑު ސީދަލަށް ބަހައްޓާށެވެ.
- ޖިސްމާނީ ގޮތުން ރީތިކޮށް ހުންނާށެވެ. ގަބޫލުކުރާހިތް ނުވިޔަސް ހަގީގަތަކީ މީހުން ތިބާއާ މުއާމަލާތްކުރާ ގޮތް ބިނާވާނީ ތިބާ އެ މީހުންނަށް ތިބާގެ ސިފަ ދައްކާ ގޮތަކުންނެވެ. ގިނަ މީހުން ތިބާއާމެދު ގޮތެއް ކަނޑައަޅާނީ ތިބާ ބޭރުފުށުން ފެންނަ ގޮތެއްގެ މައްޗަށް ބުރަވެއެވެ. މިހެންވެ، ހަށިގަނޑު ވަރުގަދަކުރާށެވެ. ރީތި ހެދުން ގަތުމަށް އިންވެސްޓްކުރާށެވެ. މީރު ވަސް ދުވާ ކޮލޯން ގަންނާށެވެ. ހަށިގަނޑު ތެދުކޮށް ބަހައްޓާށެވެ.
- ތިބާ ކުރިމަތިލާ އޯޑިއެންސްގެ ބޮޑުމިނަށް ތިބާގެ ހަށިގަނޑު ވެސް ދަމާލާށެވެ. ބޮޑު ޖާގައެއް ނެގުމުން ތިބާގެ ނުފޫޒާއި އަމިއްލަ ނަފުސުގެ ޔަގީންކަން ދޭހަވާނެއެވެ. މިސާލަކަށް، ގިނަ މީހުން ހިމެނޭ ގްރޫޕަކާ މުހާތަބުކުރާ ނަމަ އަތުގެ ހަރަކާތްތައް ގެންގުޅޭނީ ހަށިގަނޑާ އަޅާބަލާއިރު ވީހާ ވެސް ފުޅާކޮންނެވެ. ކޮޅަށް ހުރެގެން ވާހަކަދައްކާއިރު ވީހާ ވެސް ބޮޑު ޖާގައެއް ނަގާށެވެ. ނަމަވެސް މި ކަން ކުރަން ވާނީ މުހާތަބުކުރެވޭ މީހުންނަށް ތިބާ މި ގޮތަށް މި ކަން ކުރާކަން އެހާ ބޮޑަށް އިހުސާސް ނުކުރެވޭ ކަހަލަ ގޮތަކަށެވެ.
- ވާހަކަދައްކާ ރާގަކީ މުހިންމު ރޯލެއް ކުޅޭ އެއްޗެކެވެ. މުހާތަބު ކުރެވޭ މީހުންނާ ސުވާލުކުރާ ރާގެއް ނުގެންގުޅޭށެވެ. އެއިރުން ހީވާނީ ތިބާއަށް ތިބާގެ އަމިއްލަ ނަފުސާމެދު ޔަގީންކަމެއް ނެތްހެންނެވެ. ތިބާ ވާހަކަ ދައްކާ ރާގުގައި ހުންނަންވާނީ ތިބާއަކީ ނުފޫޒު ގަދަ މީހެއްހެންނެވެ. އަދި ވާހަކަ ދައްކާއިރު ހާލަތާ އެއްގޮތަށް ރާގު ބަދަލުކުރަމުން އަންނާށެވެ.
- ލަސްލަހުން ވާހަކަދައްކާށެވެ. ދެ ބަސް ދެމެދުގައި މަޑުޖައްސައިލައިށެވެ. ދެ ބަސް ދޭތެރެއަށް ލާ ހުސް ތަންކޮޅަކީ އަޑުއަހަން ތިބި މީހުން ތިބާގެ ވާހަކައިގެ ތެރެއަށް ދަމައިގަނެވޭނެ ދަނޑިވަޅެވެ. ތިބާ ދައްކާ ވާހަކައިގެ ތެރެއިން މީހުން އަޑުއަހަން ބޭނުންވާ ބައިބައިގައި ހުސް ތަން ދޭށެވެ. ނަމަވެސް އެ ހުސް ތަންތަނުގައި އެ މީހުން ތިބާގެ ވާހަކައިގެ ތެރެއަށް ބަސް ބުނަން ފުރުސަތު ނުދޭށެވެ. ތިބާ ވާހަކަ ދައްކާ އަދި ނުނިމޭކަން ހާމަކުރާށެވެ.
- އަމިއްލަ ނަފުސަށް ޔަގީންކަން އޮތް ރާގެއްގައި ވާހަކަ ދައްކާށެވެ. މިސާލަކަށް، "އަހަރެން އުއްމީދު ކުރާ ގޮތުގައި" ނުވަތަ "އަހަރެން ބޭނުންވާ ގޮތުގައި" މި ކަހަލަ ޖުމްލަތައް ބޭނުންނުކުރާށެވެ. ތިބާ ބޭނުންކުރާ ބަހުރުވަ ވާންވާނީ ޔަގީންކަން ފާޅުވާ ބަސްތަކަކަށެވެ. މިސާލަކަށް، "އަހަރެން މިވެނި އެވެނި ކަމެއް ކުރާނަމޭ" ފަދަ ޔަގީންކަން ހާމަވާ އިބާރާތްތައް ބޭނުންކުރާށެވެ. ތިބާގެ ދުލުން ބޭރުކުރާ ބަސްތައް ވާންޖެހޭނީ ނުފޫޒު ދައްކުވައިދޭ ބަސްތަކަކަށެވެ.
- ބަސް ނުބުނެ މުއާމަލާތްކުރުމުގެ ހުނަރު އިތުރުކުރާށެވެ. މުއާމަލާތްކުރުމުގެ ބޮޑު ބަޔަކީ ބަސް ނުބުނެ ކުރާ މުއާމަލާތެވެ. މާނައީ، ތިބާ ބުނާ ބަހަށް ވުރެ އެ ބަސް ބުނެވޭ ގޮތް މާ މުހިންމު ރޯލެއް އަދާކުރާނެއެވެ.
މަޑުމައިތިރިވުމަކީ ގިނަ ބަޔަކު ރުހޭ ސިފައެކެވެ. ތިބާއަށްކުރާ އިހުތިރާމް ބޮޑުވާ ކަމެކެވެ. މި ގޮތަށް އަމަލުކުރުމަކީ ނުހަނު ފަސޭހަ ކަމެކެވެ.
ނޯޓު: ތަރުޖަމާއެއް



advertisment