ތިބާއަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެ ނަމަ އެހެން މީހުންގެ ތަރުހީބު ލިބި، ތިބާގެ އުފަލުގައި އެ މީހުން ބައިވެރިވާނެކަމަށް ތިބާއަށް ހީވެދާނެއެވެ. ނަމަވެސް ބައެއް ފަހަރަށް ތިބާއާމެދު މީހުން ވާނީ ހަސަދަވެރިއެވެ. މި ބަލައިލަނީ މީހެއްގެ ފަރާތުން ހަސަދަވެރިކަން ފެނިދާނެ 10 ގޮތަށެވެ.
- ތިބާގެ މަސައްކަތުން ލިބުނު ކާމިޔާބެއްގެ ބަދަލުގައި ތިބާއަށް ކާމިޔާބު ލިބުނީ ބޭރުތެރެއިން ދިމާވި ގޮތްތަކަކުން ކަމަށް އަނެކާ ދައްކަން އުޅެފާނެއެވެ. މި ކަހަލަ ގޮތްގޮތަށް ދެކޭ މީހުންނަކީ އެ މީހުންގެ އަމިއްލަ ނަފުސާމެދު އެހާ ރަނގަޅު ގޮތަކަށް ނުދެކޭ މީހުންނެވެ.
- ތިބާއަށް ކާމިޔާބެއް ލިބިއްޖެ ކަމަށް ހާމަކޮށްލާ ވަގުތު އަނެކާ އޭނާއަށް ކުރިން ލިބިފައިވާ ކާމިޔާބީތަކުގެ ވާހަކަތައް މާ ގަދައަށް ދައްކަން ފަށާފާނެއެވެ. މިހެންވަނީ އޭނާގެ ކުޅަދާނަކަމާމެދު އޭނާއަށް ޝައްކު އުފެދުމުންނެވެ.
- ތިބާއަށް ކާމިޔާބެއް ލިބިއްޖެ ކަމަށް އިއުލާންކުރާއިރަށް އެ ކަން އެއީ ނުވާ ކަމަކަށް ހަދައިގެން އަނެކާ އުޅެފާނެއެވެ. އެ ވާހަކަ ނުދައްކާ އުޅެފާނެއެވެ. އެހެން މައުލޫއަކަށް ވާހަކަދައްކަން ފަށާފާނެއެވެ. ތިބާއަށް ލިބުނު ކާމިޔާބީގެ ސަބަބުން އޭނާއަށް އޭނާގެ ގާބިލުކަމާމެދު ޝައްކު އުފެދުނީއެވެ.
- "ބެކްހޭންޑް"ކޮށް ތައުރީފުކުރުމަކީ ނުސީދާ ގޮތެއްގައި ހަސަދަ ފޮރުވައިގެން އުޅުމެވެ. މިސާލަކަށް، "ތިބާ ކަހަލަ ހުނަރު ހުރި މީހަކަށް ކާމިޔާބު ލިބޭނެ ނޫން ހެއްޔޭ" މި ކަހަލަ އެއްޗެއް އަނެކާ ބުނެފި ނަމަ އޭނާ ތިބާއާ ދިމާއަށް ނުސީދާ ގޮތެއްގައި އެ ބުނަނީ ހަގީގަތުގައި ތިބާއަށް އެ ކާމިޔާބު ލިބުން ހައްގު ނޫން ކަމަށެވެ.
- ތިބާއަށް މާބޮޑަށް ތައުރީފު ކުރުމާއި ތިބާގެ އަމަލުތައް ކޮޕީކުރުމަކީ ވެސް ފާޑެއްގެ ހަސަދަވެރި ކަމެކެވެ. މިސާލަކަށް، ތިބާއަށް ކާމިޔާބު ލިބުމަށް މެދުވެރިވި ސަބަބު ބަލައިގެން އަނެކާ ތިބާއާ އެއްގޮތަށް އުޅެން ފަށާފާނެއެވެ. ނަމަވެސް އޭނާ ތިބާ އުޅޭ ގޮތަށް އުޅެނީ ކަމަކަށް އެއްވެސް މީހެއްގެ ގާތުގައި ނުބުނާނެއެވެ. އަދި ތިބާއަށް ލިބުނު ކާމިޔާބީގެ ވާހަކައެއް ނުދައްކާނެއެވެ.
- ތިބާގެ ހުނަރެއް ނެތް ކަމަށް އެހެން މީހުންނަށް ދައްކަން މަސައްކަތްކުރާ ނަމަ އަނެކާ އެ ވަނީ ހަސަދައިން ފުރިފައެވެ. މިސާލަކަށް، އޮފީހުގެ މީޓިންއެއްގައި ތިބާގެ ހުށަހެޅުންތަކަށްވުރެ މިވެނި އެވެނި މީހެއްގެ ހުށަހެޅުންތައް މާރަނގަޅު ނޫންހޭ ކިޔައިފި ނަމަ އަނެކާ އެ އުޅެނީ ތިބާގެ ހުނަރުތަކާމެދު ހަސަދަވެރިވެގެންނެވެ.
- މައުލޫމާތު ހިއްސާ ނުކުރުމަކީ ވެސް ހަސަދައިގެ ބާވަތެކެވެ. އަނެކާގެ ބޭނުމަކީ ތިބާއަށް ކުރިއެރުން ނުލިބުމެވެ. މިސާލަކަށް، ތިބާ މަސައްކަތްކުރާ ތަނުގައި ތިބާ މަސްއޫލުވެގެން އުޅޭ މަޝްރޫއެއްގައި އެޅިދާނެ ވަރަށް މޮޅު ފިޔަވަޅެއް އެބައޮތްކަން އަނެކާއަށް އެނގިހުރެމެ އޭނާ އެ ވާހަކަ ތިބާއާ ހިއްސާ ނުކުރާ ނަމަ އޭގެ މާނައަކީ ތިބާ ކުރިއަރައިގެން ދިއުމަށް އޭނާ ނޭދެނީއެވެ. ތިބާގެ މައްޗަށް ގަދަވާން ބޭނުންވަނީއެވެ. ހާއްސަކޮށް ޓީމެއްގައި މަސައްކަތްކުރާ މާހައުލެއްގައި އެންމެނަށް ކާމިޔާބު ލިބޭނެ ގޮތަކީ މައުލޫމާތު ހިއްސާކުރުން ކަމުގައިވީ ނަމަވެސްމެއެވެ.
- "ޝާޑާންފްރޮއިޑާ"އަކީ ޖަރުމަނު ބަހުން ބުނާ ނަމަ އެހެން މީހުންނަށް ލިބޭ ގެއްލުމުން އަނެކާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުމެވެ. ތިބާއަށް ހަމްދަރުދީ ނުވުމުން ދޭހަކޮށްދެނީ އަނެކާގެ ހިތުގައި ތިބާއާމެދު ވަރަށް ފުން ހަސަދައެއްވާކަމެވެ. މިސާލަކަށް، ތިބާގެ ބޮސް ހަވާލުކުރި ކަމެއްގެ އަމާޒަށް ތިބާއަށް ވާސިލު ނުވުމުން އެ ވާހަކަ ހިފައިގެން އަނެކާ މުޅި އޮފީސް ތެރޭގައި އެނބުރޭނެއެވެ.
- "ޕެސިވް ރެސިސްޓެންސް" ނުވަތަ ނުސީދާކޮށް ހަމަލާ ދިނުމަކީ ވެސް ހަސަދައިގެ ބާވަތެކެވެ. ތިބާއަށް ފައިދާވެދާނެ ކަމަކަށް ހިއްސާއެއް ނުވުމަށް ކަންތައްތައް ލަސްކުރުމާއި ތިބާއާ ދުރުގައި އުޅުމާއި ނުވަތަ ތިބާގެ ޕްރޮޖެކްޓަކަށް ބޭނުންވާ މައުލޫމާތު ނުދިނުމެވެ. ސަބަބަކީ ތިބާގެ ކާމިޔާބީތައް އަނެކާގެ ކާމިޔާބީތަކަށް ހިޔަނި އަޅާ، ފަނޑުކޮށްލަނީކަމަށް އޭނާ ދެކެނީއެވެ. މިހެންވެ، ސީދާ ނޫން ގޮތެއްގައި އަނެކާ އެ ބޭނުންވަނީ ތިބާގެ މަޝްރޫއުތައް ފޭލިކޮށްލާށާއި ވަޒީފާގެ މާހައުލުގައި ތިބާގެ ހިތްވަރު އެލުވާލާށެވެ.
- އިޖުތިމާއީ ގޮތުން ތިބާ ބާކީކޮށްލުމަކީ ވެސް އަނެކާގެ ހިތުގައި ހަސަދަވާކަން ހާމަކޮށްދޭ ކަމެކެވެ. ތިބާގެ އިޖުތިމާއީ ހައިސިއްޔަތު ދަށްކޮށްލުމަށްޓަކައި ބައްދަލުވުންތަކާއި އެއްވުންތަކަށް ތިބާއަށް ދައުވަތު ނުދިނުމާއި ތިބާ ހިއްސައިދޭ ކަންތައްތަކުން ބާކީކޮށްލަފާނެއެވެ. މީގެ ބޭނުމަކީ ތިބާއަށް ހެޔޮއެދޭ މީހުންގެ ނަޒަރުގައި ތިބާގެ ކާމިޔާބީތައް ފޮހެލުމެވެ.
އެހެން މީހެއްގެ އަމަލުތަކަކީ ތިބާގެ ބާރު އޭގެ މައްޗަށް ހިންގޭނެ ކަންތައްތަކެއް ނޫނެވެ. ނަމަވެސް ހަސަދަވެރިކަމުން ތިބާއަށް ލިބިދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވެވިދާނެ ގޮތްތަކެއްވެއެވެ. މި ބަލައިލަނީ އޭގެ ތެރެއިން ފަސް ގޮތަށެވެ.
ހ. ހަސަދަވެރިވާ މީހުންނާ ދުރުވާށެވެ. އޭނާ އާއި ތިބާއާދެމެދު އިމެއް ކަނޑައަޅާ، އެ ބޯޑަރު ހުރަސްކުރިޔަ ނުދޭށެވެ.
ށ. ތިބާގެ ނަފުސާއި މަސައްކަތްތެރިކަން ތަރައްގީކުރާށެވެ. މި ކަމުގެ ސަބަބުން ތިބާ ތިބާއާމެދު ދެކޭ ގޮތް ރަނގަޅުވާނެއެވެ. އަނެކާގެ ފަރާތުން ފެންނަ "ނެގަޓިވް" ނުވަތަ ނުރަނގަޅު ކަންތައްތަކުގެ ބަދަލުގައި ތިބާގެ ނަފުސަށް ތިބާގެ ނަޒަރު އަނބުރާލެވޭނެއެވެ.
ނ. ތިބާއަށް އިހުލާސްތެރި، ތެދުވެރި، އަދި ހިތްހެޔޮ މީހުންނާ ގުޅުން ބަހައްޓާށެވެ. މިހެން ހެދުމުން ހަސަދަވެރިކަމުގެ އަސަރު ތިބާއަށް ފޯރުން ކުޑަވާނެއެވެ.
ރ. ސްޓްރެސް ފިލާ ކަހަލަ ކަންތައްތައް ކުރާށެވެ. މިސާލަކަށް، އަރާމުކުރުމާއި ޔޯގާ ހެދުމާއި މެޑިޓޭޓް ކުރުމާއި ޑައިރީ ލިޔުން ކަހަލަ ކަންތައްތަކެވެ. މި ކަމުގެ ސަބަބުން ތިބާގެ ޖަޒުބާތުތައް ބެލެންސްވާނެއެވެ.
ބ. އަބަދުވެސް ރަނގަޅު ގޮތަށް ނުވަތަ "ޕޮޒިޓިވް"ކޮށް ވިސްނާށެވެ. ތިބާގެ ހަޔާތުގައި ހުރި ރަނގަޅު ކަންތައްތަކާއި ކާމިޔާބީތަކަށް ސަމާލުކަން ދޭށެވެ. މިސާލަކަށް، ޑައިރީގައި ޝުކުރުވެރިވާ ކަންތައްތަކުގެ ވާހަކަ ލިޔުމެވެ. މި ކަމުގެ ސަބަބަން ހަޔާތަށް މުހިންމު ކަންތައްތަކަށް ސަމާލުކަން އަނބުރާލެވޭނެއެވެ. އަނެކާގެ ހަސަދަވެރިކަމާމެދު ވިސްނާހިތެއް ނުވާނެއެވެ.
އަނެކާގެ ހިތުގައި އޮންނަ ހަސަދަވެރިކަން ދެނެގަތުމަކީ ގޮންޖެހުމަކަށް ވެދާނެއެވެ. ނަމަވެސް ޒާތީ އަދި މަސައްކަތު ދާއިރާގެ ގުޅުންތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ހަސަދަވެރިކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ. އެ ކަމުގެ ސަބަބުތަކާއި އެ ކަމުގެ އަސަރުތައް ދެނެގަނެވުމުން އެ ކަމުގެ އަސަރުތަކާ ކުރިމަތިލާން ފަސޭހަވާނެއެވެ. ތިބާގެ ކާމިޔާބީތައް އެއީ އެހެން މީހުންނާ ތިބާއާ ދެމެދު އޮންނަ ގުޅުން ކެނޑޭނެ ސަބަބަކަށް ނުވާނެއެވެ. އަބަދުވެސް މަސައްކަތް ކުރަން ވާނީ ތިބާގެ ކާމިޔާބީތަކަކީ އެ ކަން ފާހަގަކުރާ ކަމަކަށް ހެދުމަށެވެ. އެ ކަން އެހެން މީހުންނާ ހިއްސާކުރާ ކަމަކަށް ހެދުމަށެވެ. ހަސަދަވެރިކަމުގެ އަސަރު ކުޑަކުރެވޭތޯއެވެ. ތިބާގެ އަމަލުތައް ހުންނަ ގޮތާމެދު ހުށިޔާރުވާށެވެ. ތިބާއަށް އަންނަ ބަދަލުތަކާއި ތިބާގެ ގުޅުންތައް ތަރައްގީވާގޮތަށް ބަދަލުގެނެވޭނީ ތިބާގައި ހޭލުންތެރިކަން އުފެދުމުންނެވެ. ކާމިޔާބީއަކީ އުފާވެރިކަމުގެ މަސްދަރަކަށްވާ މުޖުތަމައެއް އުފައްދަމާހެވެ.
ނޯޓު: ތަރުޖަމާއެއް



advertisment