Support Us

ކުރު ވާހަކަ: ސިންގާ އާއި ހިޔަޅާއި ހިމާރު

އެއް ސަހަރެއްގައި ސިންގާއަކާއި ހިޔަޅަކާއި ހިމާރެއް އުޅުނެވެ.

އެއް ދުވަހަކު ސިންގާ ހިޔަޅާ ދިމާއަށް ބުންޏެވެ: "އަހަރެން ބަނޑުހައިވެއްޖެއެވެ. އަހަރެން ކާން ކޮންމެވެސް އެއްޗެއް ގެނެސްދޭށެވެ. އެހެން ނޫނީ އަހަރެން ކާލާނީ ތިބާއެވެ."

ހިމާރުގެ ގާތަށް ހިޔަޅު ދިޔައެވެ. އަދި ބުންޏެވެ: "ތިބާ ރަސްކަލަކަށް ހަދަން ސިންގާ ބޭނުންވެއެވެ. އަހަރެންނާއެކު އަންނާށެވެ."

ސިންގާއަށް ހިމާރު ފެނުމާއެކު ހިމާރަށް ހަމަލާދިނެވެ. އަދި ހިމާރުގެ ދެ ކަންފަތް ކައިލިއެވެ. ނަމަވެސް ސިންގާގެ ކިބައިން ހިމާރަށް ސަލާމަތްވެވުނެވެ. ދެން ހިޔަޅާ ދިމާއަށް ހިމާރު ބުންޏެވެ: "ތިބާ އަހަރެންނަށް ލަނޑުދިނީއެވެ! ސިންގާ އުޅުނީ އަހަރެން މަރައިލައިށެވެ!"

ހިޔަޅު ޖަވާބުދިނެވެ: "މޮޔަ ވާހަކަނުދައްކާށެވެ! ތިބާގެ ދެ ކަންފަތް ބުރިކޮށްލީ ތިބާގެ ބޮލުގައި ތާޖު އަޅުވަން ފަސޭހަވާނެތީއެވެ! ސިންގާ ގާތަށް އަލުން ދަމާހެވެ."

ހިޔަޅު ބުނީ ތެދު ވާހަކައެއްކަން ހިމާރަށް އިހުސާސްކުރެވުނެވެ. މިހެންވެ އަނބުރާ ސިންގާގެ ގާތަށް ދިޔައެވެ.

ސިންގާ އަނެއްކާވެސް ހިމާރަށް ހަމަލާދިނެވެ. މި ފަހަރު ހިމާރުގެ ނިގޫ ކައިލިއެވެ. ނަމަވެސް ނަސީބު ދިމާކުރި ގޮތުން މި ފަހަރުވެސް ސިންގާގެ ކިބައިން ހިމާރަށް ސަލާމަތްވެވުނެވެ. އަދި ހިޔަޅާ ދިމާއަށް ހިމާރު ބުންޏެވެ: "ތިބާ ދޮގު ހެދީއެވެ. ސިންގާ އަހަރެންގެ ނިގޫ ކައިލައިފިއެވެ!"

ހިޔަޅު ޖަވާބުދިނެވެ: "ސިންގާ ތިބާގެ ނިގޫ ބުރިކޮށްލީ ތަހުތުގައި ތިބާއަށް ފަސޭހައިން އިށީނދެވޭނެ ގޮތް ހަދައިދިނުމަށެވެ! އަހަރެންނާއެކު އަލުން ސިންގާގެ ގާތަށް ދާން އަންނާށެވެ."

ސިންގާގެ ގާތަށް އެނބުރި ދިއުމަށް ހިޔަޅު ހިމާރަށް ޔަގީންކަން ދިނުމުން ހިޔަޅާއެކު ހިމާރު ސިންގާގެ ގާތަށް އަލުން ދިޔައެވެ.

ސިންގާ މި ފަހަރު ހިމާރު އަތުލައިގަތެވެ. އަދި މަރައިލިއެވެ. ދެން ހިޔަޅާ ދިމާއަށް ބުންޏެވެ: "ހިމާރު އަލުން ގެނެސްދިނީތީ ޝުކުރިއްޔާއެވެ. ދެން، ހިމާރުގެ ހަށިގަނޑު ހިފައިގެން ގޮސް، އޭގެ ހަން ނޮޅާ، އެ ސޮރުގެ ސިކުނޑި، ފުއްޕާމޭ، ފުރަ މޭ، އަދި ހިތް އަހަރެންނަށް ގެނެސްދޭށެވެ!"

ހިމާރުގެ ހަށިގަނޑު ހިފައިގެން ދުރު ތަނަކަށް ގޮސް އޭގެ ސިކުނޑި ހިޔަޅު ކައިލިއެވެ. ނަމަވެސް ހިމާރުގެ ފުއްޕާމޭ، ފުރަ މޭ އަދި ހިތް ސިންގާއަށް ގެނެސްދިނެވެ.

ސިންގާ ރުޅިގަދަވިއެވެ. އަދި ހިޔަޅާ ސުވާލުކުރިއެވެ: "ހިމާރުގެ ސިކުނޑި ކޮބައި ހެއްޔެވެ؟!"

ޖަވާބުގައި ހިޔަޅު ބުންޏެވެ: "އަހަރެންގެ ރަސްގެފާނެވެ. ހިމާރުގެ ސިކުނޑިއެއް ނެތެވެ. ހިމާރުގެ ސިކުނޑިއެއް ހުރި ނަމަ، ތިބާ އެ ސޮރުގެ ކަންފަތާއި ނިގޫ ކާލުމުން އެނބުރި ތިބާގެ ގާތަކަށް ނާންނާނެ ނޫން ހެއްޔެވެ؟"

ޖަވާބުގައި ސިންގާ ބުންޏެވެ: "ތިޔައީ ތެދެކެވެ."

ނޯޓު: ތަރުޖަމާއެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް