ތިރީގައި އެވާ ބުނުންކޮޅަކީ މަޝްހޫރު ބަހަވީ އިލްމުވެރިޔާ ނައޯމް ޗޮމްސްކީއަށް ނިސްބަތް ކުރެވޭ ބުނުންކޮޅެކެވެ.
1. ދުނިޔޭގައި ފަގީރު އެއްވެސް ގައުމެއް ނޯވެއެވެ. ނަމަވެސް، އެ ގައުމެއްގެ މުއްސަނދިކަން އެންމެންގެ މައްޗަށް ހަމަހަމަ ގޮތެއްގައި ބަހާލުމުގައި ފޭލިވެފައިވާ ނިޒާމުތައް އޮންނަ ގައުމުތައް ހުރެއެވެ.
މިތަނުގައި ގައުމުގެ މުއްސަނދިކަން އަދުލުވެރި ގޮތެއްގައި ބަހާލުމުގެ މާނައަކީ ހިލޭ ފައިސާ ބަހައި ހިލޭ ޚިދުމަތް ދިނުމުގެ ވާހަކައެއް ނޫނެވެ. ނަމަވެސް، ގައުމުގެ މުއްސަނިކަން ހެޔޮ ގޮތުގައި ބޭނުންކޮށް، ސިނާއަތްތައް އުފައްދައި މަސައްކަތްތެރިކަން ކުރިއަރުވައި ތަނުގެ ފެންވަރުގައި ސަލާން ނުޖައި ދިރިއުޅެވޭނޭ މުސާރަތައް ދީ އަމިއްލައަށް އަމިއްލަ ބޭނުންތައް ފުއްދޭނޭ ގޮތް މެދުވެރިކުރުމެވެ. އަދި، ހަމަ އެހެންމެ، އުނގެނުމާއި ސިއްހީ ޚިދުމަތްތައް އެންމެނަށް ފޯރާ ވަރެއްގެ އަގުގައި ލިބޭނޭ ގޮތް މެދުވެރި ކުރުމެވެ.
ޗޮމްސީގެ ވާހަކައިގެ ތެދުކަން އެނގޭ ކަމެއް އޮވެއެވެ. އެންމެ ފަގީރު ގައުމޭ ކިޔާ ގައުމުތަކުގެ ވެރިންނާއި އެންމެ މަތީ ފަންތީގެ މީހުން އުޅެމުން ގެންދަނީ އެންމެ މުއްސަނދި ގައުމުތަކުގެ މުއްސަނދިންގެ ދިރިއުޅުން ކަމުގައި ވެފައި އޮތުމެވެ.
މިކަން ބަދަލުވާނީ އާންމުން ހޭލުންތެރިވެގެންނެވެ. އެންމެން ވެސް ވައްކަމާއި ފަސާދައިގެ އަމަލުތަކަށް ނޫނޭ ބުނެ، އެ މީހުންގެ ހައްގުތަކަށް އަރައި ނުގަންނާނޭ ފަދަ، އަމާނަތްތެރިން އެ މީހުންގެ ޖަމާއީ ހަޔާތް ހިންގުމާ ހަވާލުކުރަން އެނގިގެންނެވެ.
2. އެއްވެސް މީހެއްގެ ހިތުގެ ތެރެއަށް އެހެން މީހަކު ހަގީގަތް އަޅައެއް ނުދޭނެއެވެ. ކޮންމެ ކަމެއްގެ ހަގީގަތް ދެނެގަންނަން ޖެހޭނީ އަމިއްލައަށް، އަމިއްލަ މަސައްކަތުންނެވެ.
3. ގައުމެއްގެ މީސާތަކުން އަޅުވެތިކޮށްލަން އެންމެ ފަސޭހަ އުކުޅަކީ ވަހުމީ އަދުއްވުން އުފެއްދުމެވެ. އެހެން ގައުމެއް އެއީ އަދުއްވެއް ކަމުގައި ދެއްކުމެވެ. ނޫން ނަމަ ސިޔާސީ ގޮތުން އިދިކޮޅު މީހުންނަކީ ގައުމާއި ދީނުގެ އަދުއްވުން ކަމުގައި ދެއްކުމެވެ. ދެން، ބާރު އެ މީހެއްގެ އަތުގައި އޮތް މީހާ، އޭނައަކީ އެ އަދުއްވާގެ ކިބައިން ވަތަނާއި މީސްތަކުން ސަލާމަތްކޮށްދޭނޭ މީހާ ކަމަށް އާންމުންގެ ކުރިމަތީ ދެއްކުމެވެ. އެ ވެރިޔާ އަމިއްލައަށާއި އަދި އޭނަގެ އައުވާނުން މެދުވެރިކޮށެވެ. ތައުރީފުގެ ބަސްތައް އޮއްސައި، ލީޑަރު ތަސްބީހަ ކިޔައި، ވެރިޔާއަކީ ދުނިޔޭގައި ނެތް ވަރުގެ ލީޑަރަކަށް ހަދާލައިގެންނެވެ.
4. ތާރީޚު އަހަރުމެންނަށް ދަސްކޮށްދޭ އެންމެ ސާފު ސީދާ ފިލާވަޅަކީ ހައްގުތަކަކީ ދީ ބަހައިލެވޭ އެއްޗިއްސެއް ނޫނެވެ. އެކަމަކީ ހައްގުގެ ވެރިޔާ ގަދަ މަސައްކަތުން ހޯދަން ޖެހޭ އެއްޗެކެވެ.
5. މީސްތަކުންގެ މައްޗަށް ޑިކްޓަޓޭޝިޕެއް ގާއިމުކޮށް، އާންމު ރައްޔިތުން ކޮންޓުރޯލުކޮށް ހިފަހައްޓަން ބޭނުން ކުރެވޭ އުކުޅެއް އޮވެއެވެ. ހުރިހާ ކަމެއްގައި ގައުމު ފަހަތަށް ޖެހިފައި އޮތް ސަބަބަކީ ރައްޔިތުން ކަމުގައި ދެއްކުމެވެ. އަދި، އެކަން ބަދަލުކޮށްލާނޭ މީހަކީ ތިމަންނާ ކަމުގައި ދެއްކުމެވެ.
މިކަން ރާއްޖެއަށް އެންމެ ސާފު ގޮތެއްގައި ތަޖުރިބާ ކުރެވުނީ ރަން ތިރީސް އަހަރުގެ މުއްދަތުގެ ތެރޭގައެވެ. އޭގެ ފަހުން އައި ވެރިކަމުގައި ވެސް މި ކަން އޮތީ، ސޫރަ ތަފާތު ވިޔަސް، ހަމަ އެ ސިފައިގައޭ ބުނެވިދާނެއެވެ.
