Support Us

ހިމަންދޫ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައިފި

އއ. ހިމަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި އެރަށު ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހަވީރު އއ. މަތިވެރި ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ނެރުގެ މައްސަލަ ހުރިކަން ފާހަގަކުރައްވައި އެކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. އަދި ރަށުގައި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާކަމާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ވިދާޅުވިއެވެ. މީގެ އިތުރުން ބިމުގެ ދަތިކަމާއި، ސްކޫލުގެ ޖާގައިގެ ދަތިކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ރަށް ގިރުމުގެ މައްސަލައަށާއި ސުކޫލުގެ ޖާގައިގެ ދަތިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަންވެސް ބައްލަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ހިމަންދޫގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ހިއްސާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި އެކިކަންކަމަށް ހައްލު ހޯދުމުގައި މިހާރު ކުރައްވަމުންދާ މަސައްކަތްތައް ވެސް ވަޒީރުން ހިއްސާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އާމްދަނީ ހޯދުމަށް އެބޭފުޅުން ކުރައްވަން ބޭނުންވާ ކަންކަން ހިއްސާ ކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީންން ވަނީ އެކި ކަންކަމުގައި ސްޓެލްކޯއިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *