Support Us

މިނިވަން، ތަހުޒީބު ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް އެންމެ މުހިންމީ ދިވެހި ޤައުމިއްޔަތު ނެގެހެއްޓުން: ނރ

މިނިވަން އަދި ތަހުޒީބު ޤައުމެއްގެ ގޮތުގައި އެތައް ހާސް އަހަރަކަށް ރާއްޖެ ދެމިއޮތުމަށްޓަކައި އެންމެ މުހިންމު ކަމަކީ، ދިވެހި ޤައުމިއްޔަތު ނެގެހެއްޓުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިއަށްދިޔަ "ކަޅުއޮށްފުންމި- ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާގެ ނައިބު ވަނީ "ކަޅުއޮށްފުންމި- ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" އަކީ ދިވެހީންގެ ޤައުމިއްޔަތާއި އަމިއްލަވަންތަކަން ރައްކާތެރިކުރުމަށާއި އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް އެޅޭ ވަރަށް ހަރުދަނާ، އަދި އީޖާބީ ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މިއަދު ފެށިގެންދިޔަ ދަރުބާރުގައި ދިވެހި ޤައުމިއްޔަތާ ގުޅުންހުރި، އަދި ދިވެހީންގެ އަމިއްލަވަންތަކަމާ ގުޅުންހުރި ވަރަށް މުހިންމު ދާއިރާތަކަކުން މަޢުލޫމާތު ހުށަހެޅި ޢިލްމީ މަޝްވަރާތަކެއް ކުރެވި އައު އީޖާދީ ވިސްނުންތަކެއް ލިބިގެންދާނެ ކަމަށް ޔަޤީންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހީންނަކީ ވަރަށް ނަސީބުވެރި ބައެއްކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ ވާހަކަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، ދިވެހި ބަހުގެ ޗާލުކަމާ ރާއްޖޭގެ ޤައުމިއްޔަތުގެ ބަހާތަކަކީވެސް ރާއްޖެއަށް ލިބިފައިވާ އިތުރު ޒީނަތްތެރިކަމެއްގެ ގޮތުގައި ދުނިޔެއަށް ހާމަކޮށްދޭންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖޭގެ އަމާންކަން، ދިވެހީންގެ އެކުވެރިކަން، ޚުލްގު ހެޔޮކަން މި ޤައުމަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ޢަމަލީގޮތުން ދެއްކުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހީންގެ އަމިއްލަވަންތަކަމާ ޤައުމިއްޔަތު ހިމާޔަތްކުރެއްވުމަށް ސަމާލުކަންދެއްވާ މިންވަރު ފާހަގަކުރައްވާފައެވެ. އެގޮތުން ތަޢުލީމީ މަންހަޖުގައި ޤައުމިއްޔަތު، ވަކި މާއްދާއެއްގެ ގޮތުގައި ހިމެނުއްވުމާއި، ދިވެހި ދިދައަށާ، ދިވެހީންގެ ޤައުމީ ސަލާމަށް ޚާއްޞަ އިސްކަމެއް، އެމަނިކުފާނު ދެއްވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އެހެންކަމުން ދިވެހި ޤައުމިއްޔަތުގެ ކޮލެޖް ޤާއިމުކުރައްވައި، ޤައުމިއްޔަތުގެ އިސްވަރު އުފައްދަވައި، ޤައުމީ ކަންކަން އެންމެ އުހަށް ނަންގަވަން، ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން އެ ގެންދަވާ މަސައްކަތްޕުޅަށް އެންމެހާ ދިވެހީން އެއްބާރުލުންދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ކަޅުއޮށްފުންމި ދަރުބާރަކީ ދިވެހީންގެ އެއްބައިވަންތަކަމާއި ދެމިތިބުމާމެދު ވިސްނައި، ފިކުރުކުރުމުގެ ބައްދަލުވުމެކެވެ. އަދި އެއީ ދިވެހިވަންތަކަމުގެ ބަހާތަކުގެ ފަންނީ، ޢިލްމީ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް އާލާކުރުމުގެ ހަފުލާއެކެވެ. ދިވެހިވަންތަކުމުގެ ސިފަތައް ޢިލްމީ ނަޒަރުން މާނަކުރުމަށް ހިތްވަރުދީ، އެފަދަ މަސައްކަތްތައް އާންމުކުރުން، އަދި ދިވެހީންގެ ރަށްވެހިކަމާއި، ވަޒަންވެރިކަމާއި، ކަނޑުވެރިކަމަށް މަގުފަހިވާނޭ ވިސްނުމާއި ޢިލްމުތައް، ދިވެހިރާއްޖެއަށް ވެރިކުރުމަށް ހިތްވަރުދީ ކުރިއެރުވުން، މި ކޮންފަރެންސްގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް