Support Us

ޗާގޮސް މުއާހަދާ އެކުލަވައިލި ޖޮނަތަން ޕަވަލް (ވ) މޮރިޝަސްގެ އާ ބޮޑު ވަޒީރު ނަވީން ރާމްގޫލަމްއާ ބައްދަލުކުރަނީ

ޗާގޮސް މުއާހަދާ ކަމަކުނުދޭ: މޮރިޝަސްގެ އާ ބޮޑުވަޒީރު

ރާއްޖެއާ 310 މޭލު ދެކުނުން އޮންނަ ފޯޅަވަހި ނުވަތަ ޗާގޮސް ޖަޒީރާ، މޮރިޝަސްއާ ހަވާލުކުރާ މުއާހަދާއާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމަށް މޮރިޝަސްގެ އާ ބޮޑުވަޒީރު ނަވީން ރާމްގޫލަމް ވިދާޅުވެއްޖެއެވެ.

މީގެ ދެ ހަފުތާ ކުރިން އާއްމު އިންތިހާބު ކާމިޔާބުކުރެއްވުމުގެ ކުރިން އިދިކޮޅު ފަޅީގައި ހުންނެވި ނަވީން ވަނީ މި އެއްބަސްވުމުގައި ސޮއިކުރެއްވުމަކީ ކުރީގެ ބޮޑު ވަޒީރު ޕްރަވިންދް ޖަގްނައުތު ގައުމަށް ވެވަޑައިގަތްފައިވާ "ބޮޑު ހިޔާނާތެއް" ކަމަށް ސިފަކުރައްވައި، މިއީ "ވޯޓު ކޮޅަކަށްޓަކައި ގައުމު ވިއްކައިލުން" ކަމަށް ވިދާޅުވެފައެވެ.

މި އެއްބަސްވުން އެކުލަވައިލި އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ކެއާ ސްޓާމާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޮނަތަން ޕަވަލް މި ހަފުތާގައި މޮރިޝަސްއަށް ދަތުރެއްކޮށް، ހޯމަ ދުވަހު ނަވީންއާ ބައްދަލުކުރުމުން ނަވީން ވިދާޅުވީ މުއާހަދާ އިތުރަށް ދިރާސާކުރައްވަން ބޭނުންވެވަޑައިގަންނަވާކަމަށެވެ.

ބައްލަވަން ބޭނުންވެވަޑައިގަންނަވާ ކަންތައްތަކުގެ ތެރޭގައި އިނގިރޭސި ވިލާތުން މޮރިޝަސްއަށް ބަދަލެއްގެ ގޮތުން ދެނީ ކިހާ ފައިސާއެއްކަން ހިމެނެއެވެ. މި ކަން އިނގިރޭސި ވިލާތުން އަދި ހާމައެއް ނުކުރެއެވެ.

ޗާގޮސް ޖަޒީރާގެ އެންމެ ބޮޑު ރަށްކަމަށްވާ ޑިއެގޯ ގާސިއާގައި އިނގިރޭސި ވިލާތާއި އެމެރިކާއިން ގުޅިގެން ހިންގާ އަސްކަރީ މަރުކަޒު

މީގެ އިތުރުން ޗާގޮސް ޖަޒީރާގެ 58 ރަށުގެ ތެރެއިން އެންމެ ބޮޑު ރަށްކަމަށްވާ ޑިއެގޯ ގާސިއާގައި އިނގިރޭސީންނާއި އެމެރިކާއިން ގުޅިގެން އަސްކަރީ މަރުކަޒެއް ހިންގާއިރު، އެ ރަށް އިނގިރޭސި ވިލާތަށް ކުއްޔަށް ދެނީ ކޮން އުސޫލަކުންކަން ބައްލަވަން ވެސް ބޭނުންވެވަޑައިގަންނަވާކަމަށް ނަވީން ވިދާޅުވިއެވެ.

"ގާނޫނީ އޮފިޝަލުންނާ މަޝްވަރާކޮށް، މުއާހަދާގެ ތަފުސީލުތައް ބަލަން ބޭނުންވާކަމަށް ޕަވަލްއަށް ދެންނެވިން،" ނަވީން ވިދާޅުވިއެވެ.

މި މުއާހަދާގެ ތަފުސީލުތައް އެކުލަވައިލީ މޮރިޝަސްގެ އާއްމު އިންތިހާބު ބާއްވަން މަހަކަށްވެފައިވަނިކޮށްކަމަށްވާތީ އެ ކަމާމެދު ވެސް ހައިރާންވެވަޑައިގަންނަވާކަމަށް ނަވީން ވިދާޅުވިއެވެ.

ޖަވާބުގައި ޕަވަލް ބުނީ މި މުއާހަދާއާ ބެހޭ މަޝްވަރާތައް ކުރިއަށްގެންދާނެކަމަށެވެ. އެ ގޮތުން، މަޝްވަރާތައް ކުރިއަށްދާ ގޮތާމެދު މައުލޫމާތު ބަދަލުކުރުމަށް ދެ ހަފުތާ ފަހުން އަލުން މޮރިޝަސްއަށް އަންނާނެކަމަށް ޕަވަލް ބުންޏެވެ.

ޗާގޮސް ޖަޒީރާގައި ހިމެނޭ 58 ރަށް ތެރެއިން އެންމެ ބޮޑު ރަށްކަމަށްވާ ޑިއެގޯ ގާސިއާ

މުއާހަދާގެ ދަށުން ޑިއެގޯ ގާސިއާ އިނގިރޭސީންނަށް ކުއްޔަށް ދޭ މުއްދަތަކީ 99 އަހަރު ކަމަށް އިނގިރޭސީން ބުންޏަސް މޮރިޝަސްގެ ދަނޑުވެރިކަމާއި މަސްވެރިކަމާ ބެހޭ އާ ވަޒީރު އަރްވިން ބޫލަލް ބުނީ އެ މުއްދަތަކީ 200 އަހަރަށްވުރެ ވެސް ގިނަ ދުވަސްކަމަށެވެ.

"ކުލި ދައްކައިގެން އުޅުނު މީހާ މިހާރު މި ވަނީ ޑިއެގޯ ގާސިއާގެ ވެރިމީހާއަށް ބަދަލުވެފައި،" އޭނާ ބުންޏެވެ.

އެމެރިކާގެ ރައީސްކަމާ ޑޮނަލްޑް ޓްރަމްޕް ޖަނަވަރީ 20 ގައި ހަވާލުވެވަޑައިގަތުމުގެ ކުރިން މުއާހަދާ ތަންފީޒުކުރަން އިނގިރޭސި ސަރުކާރުން ޕްރެޝަރުކުރާތީ ވެސް މޮރިޝަސްގެ ބައެއް އޮފިޝަލުން ވަނީ ހިތްހަމަނުޖެހޭކަން ފާޅުކޮށްފައެވެ.

ޓްރަމްޕްގެ ޓީމާ ބައްދަލުކުރަން ޕަވަލް އެމެރިކާއަށް ދަތުރުކުރަން ވަނީ ހަމަޖެހިފައެވެ. ބޭނުމަކީ މި މުއާހަދާގެ ހުރިހާ ތަފުސީލެއް ދީ، މި މުއާހަދާއާމެދު ޓްރަމްޕްގެ ހިތުގައި އުފެދިފައިވާ އުދާސްތައް ނައްތައިލުމެވެ.

ޓްރަމްޕްގެ ހިޔަނި ކެބިނެޓްގެ ބައެއް މެންބަރުން ބުނެފައިވަނީ މޮރިޝަސްއިން އެމެރިކާއާ ވާދަވެރި ޗައިނާއާ ގާތް ގުޅުމެއް ބާއްވާތީ ޑިއެގޯ ގާސިއާއަށް ޖާސޫސްކުރުމުގެ އިތުރުން ޗާގޮސްގެ ރަށެއްގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ހަދަން ވެސް މޮރިޝަސްއިން ހުއްދަ ދީފާނެކަމަށެވެ.

އިނގިރޭސި ވިލާތުގެ އިދިކޮޅު ރިފޯމް ޕާޓީގެ ލީޑަރު ނައިޖެލް ފެރެޖް ބުނީ ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމާ ޓްރަމްޕް ކަނޑައެޅިގެން ދެކޮޅުކަމަށެވެ.

އިރުމަތީ އެފްރިކާ އާއި އިންޑޮނޭޝިއާއާ ދެމެދު އިންޑިއާ ކަނޑުގައި އޮންނަ ޗާގޮސްއަށް "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ"ގެ ނަން ދީފައި، މޮރިޝަސްއަށް އިނގިރޭސީން މިނިވަންކަން ދިނީ 1968 ގައެވެ. ޗާގޮސްއަކީ މޮރިޝަސްގެ ތަނެއްކަމަށާއި ޗާގޮސް އިނގިރޭސި ވިލާތަށް ދޫކޮށްލަން ޖެހުނީ އިނގިރޭސީންގެ ކިބައިން މިނިވަންކަން ހޯދުމަށްކަމަށް އެހާ ހިސާބުން ފެށިގެން މޮރިޝަސްއިން ބުނަމުންދިޔައެވެ. އަދި އދ.ގެ އާއްމު މަޖިލީހުން ވެސް ވަނީ މޮރިޝަސްއަށް ތާއީދުކޮށް، ބައިނަލްއަގުވާމީ ކޯޓު ކަމަށްވާ އދ.ގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)އިން ވެސް ބުނަމުން ދިޔައީ ޗާގޮސް އިސްތިއުމާރުކޮށްގެން ތިބުމަކީ އިނގިރޭސީން ހިންގާ ޖަރީމާއެއްކަމަށެވެ. އދ.އިން ޗާގޮސް ސިފަކޮށްފައިވަނީ އެއީ އިނގިރޭސީންގެ
"އެފްރިކާއިން އިސްތިއުމާރުކުރި އެންމެ ފަހު ތަން"ކަމަށެވެ.

މޮރިޝަސްއަށް މިނިވަންކަން ދިނުމަށް ނިންމިއިރު ވެސް ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ހަދަން ޑިއެގޯ ގާސިއާ އެމެރިކާއަށް ދޭން އިނގިރޭސީން ވަނީ ސިއްރު އެއްބަސްވުމެއް އެމެރިކާއާއެކު ގާއިމުކޮށްފައެވެ.

ޗާގޮސް މޮރިޝަސްއާ ހަވާލުކުރާ މުއާހަދާއާ ބެހޭ ގޮތުން ރަސްމީ ނިންމުމެއް ނިންމާނީ ނަވީންގެ ކެބިނެޓް މާދަމާ ބާއްވާ ބައްދަލުކުރުމުގައި މަޝްވަރާތައް ދާ ގޮތަކަށް ބަލައިފައެވެ. މިއީ ނަވީންގެ ސަރުކާރުން ވެރިކަމަށް އައިސް ބާއްވާ ކެބިނެޓުގެ ފުރަތަމަ ބައްދަލުވުމެވެ.

މި މުއާހަދާއަކީ ކަމާ ބެހޭ ހުރިހާ ފަރާތަކަށް ހުރިހާ ގޮތަކުން ފައިދާކުރާނެ އެއްބަސްވުމެއްކަމަށް އިނގިރޭސި ހާރިޖީ ވަޒީރު ޑޭވިޑް ލެމީ އިއްޔެ ބުންޏެވެ.

"މި އެއްބަސްވުން ބަލައިގަތުމާ ނަވީން ދެކޮޅެއް ނުހައްދަވާ. މުއާހަދާ ތަފުސީލުކޮށް ދިރާސާކުރެއްވުމަށް ވަގުތު ދޭން އިނގިރޭސި ސަރުކާރުން ދެކޮޅެއް ނޫން،" ލެމީ ބުންޏެވެ.

މޮރިޝަސްގެ ހުރިހާ ޕާޓީއަކަށް ވެސް މި މުއާހަދާއިން ފައިދާކުރާނެކަމަށް އެ ޕާޓީތަކުން ދެކޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ލެމީ ބުންޏެވެ.

"އެމެރިކާގެ ޖާސޫސީ އިދާރާތަކާއި ހާރިޖިއްޔާ އާއި ދިފާއީ ވުޒާރާ އާއި ރިޔާސީ ގަނޑުވަރުން ވެސް މި މުއާހަދާ ވަނީ ބަލައިގަތްފައި. ބަލައިގަތީ ހަމައެކަނި ޑިމޮކްރެޓިކް ޕާޓީގެ އޮފިޝަލުންނެއް ނޫން. ރައީސް ޖޯ ބައިޑެންއަށް ވެސް މި މުއާހަދާ ކަމުދޭ. ސަބަބަކީ އަންނަ ގަރުނަށް ވެސް ޑިއެގޯ ގާސިއާ އަހަރެމެންނަށް ލިބޭތީ،" ލެމީ ބުންޏެވެ.

އިނގިރޭސި ވިލާތުގެ ގިނަ އޮފިޝަލުން ވެސް ބުނަނީ މި މުއާހަދާ ނާކާމިޔާބުވާނެކަމަށް ނުފެންނަ ކަމަށެވެ.

"އިންޑިއާއިން ވެސް މި އެއްބަސްވުން ބަލައިގަތްފި،" އިނގިރޭސި އޮފިޝަލަކު ބުންޏެވެ.

މުއާހަދާ އެކުލަވައިލުމާ ގުޅިގެން އިނގިރޭސި އިދިކޮޅު ލީޑަރު ކެމީ ބެއިޑަނަކް ބުނީ ބޮޑު ވަޒީރު ކެއާ ސްޓާމާގެ ސަރުކާރަށް ގައުމީ ކަންތައްތައް ދިފާއުކުރަން އެނގިވަޑައިނުގަންނަވާކަމަށެވެ.

ޗާގޮސްގެ 1،000 އެއްހާ އަސްލު ވަޒަންވެރިން މަޖޫބޫރުން އެ ޖަޒީރާއިން ބާލުވައި، ސީޝެލްސް އާއި އިނގިރޭސި ވިލާތުގައި ވަޒަންވެރިކުރުވުމުން އެ މީހުންގެ ދިފާއުގައި ވަކާލާތްކުރާ ފަރާތްތަކުން ވެސް ވަނީ މި މުއާހަދާއާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަބަބަކީ މުއާހަދާ އެކުލަވައިލީ ޗާގޮސްގެ ރައްޔިތުންގެ ބަހެއް ނުހޯދައިކަމަށްވާތީއެވެ.

ޗާގޮސްއިން އެ ތަނުގެ ރައްޔިތުން ބޭލުމަށް ފަހު އެއިރު އިނގިރޭސީން ވަނީ އެ ކަމަށް މައާފަށް އެދިފައެވެ. އަދި އިތުރަށް ބުނެފައިވަނީ ޑިއެގޯ ގާސިއާގެ އަސްކަރީ ބޭނުން ކެނޑުމުން ޗާގޮސް، މޮރިޝަސްއާ ހަވާލުކުރާނެކަމަށެވެ. ނަމަވެސް ވަރަށް ފަހަކާޖެހެންދެން ވެސް އިނގިރޭސީން ބުނަމުން އައީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެއްކަމަށް މޮރިޝަސްއިން ބުނާބުނުމުގައި އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތްކަމަށެވެ.

މި އަހަރުގެ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވީ ފޯޅަވައްސާއި ރާއްޖެއާ ދެމެދު އޮތް ތާރީހީ ގުޅުމާ ބެހޭ ގޮތުން އަލިއަޅުވައިލައިފައިވާ ސިޓީފުޅެއް އިނގިރޭސި ސަރުކާރަށް ފޮނުއްވިކަމަށެވެ.

ދާދި މިދާކަށް ދުވަހު އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޮސް ހަވާލުކުރުމާބެހޭ ވާހަކަތަކެއް އިވިވަޑައިގަތުމުން، ޗާގޮސްއަކީ އަޅުގަނޑުމެންނާ ތާރީހީ ގުޅުމެއް ވަރަށް ބޮޑަށް އޮތް ތަނަކަށް ވާތީ، ރަސްމީ ލިޔެކިޔުމުން އެކަންކަން ބަޔާންކޮށް، ދިވެހި ސަރުކާރުން މިހާރު އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކަނޑުން ގެއްލުވާލި ބައި އަނބުރާ ހޯދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރޯމާ ދުވާލު، ކަނޑައެޅިފައިވާ ދުސްތޫރީ ނިޒާމާ ޚިލާފަށް، ޤާނޫނު އަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގައި އަހާލުމެއްނެތި، އަޅުގަނޑުމެންގެ ކަނޑުން ބޮޑު ބައެއް ދޫކޮށްލާފައިވާ ކަމަށާއި އެކަން ކޮށްފައިވާގޮތުން އެ މައްސަލަ ޙައްލުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި މި ސަރުކާރު ވެރިކަމަށް އައި ހިސާބުން ފެށިގެން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅަކު އ.ދ.ގައި ބަހައްޓައިގެން އަދި ގާނޫނީ ވަކީލުންގެ ޓީމަކުން ވެސް ގިނަ މަސައްކަތްތަކެއް މެދުކެނޑުމެއްނެތި ކުރަމުންގެންދާ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ދެކުނުން، މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، ރާއްޖޭގެ ދެކުނުން 47،232 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި 45،331 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް މޮރިޝަސް އަށް ދޭގޮތަށް ކަނޑާ ބެހޭ ބައިނަލްއަގުވާމީ ކޯޓު، އިޓްލޮސް އިން މިދިޔަ އަހަރު ކުރީކޮޅު ނިންމުމުން ރާއްޖެ އަށް ގެއްލުންވެފައިވާ ކަމަށް ބުނެ ސިޔާސީ ޕާޓީތަކާއި ދިވެހީންގެ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔައިފައެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ބަހާލި ގޮތުންނެވެ. އިޓްލޮސް އިން އެގޮތަށް ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް