މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކާ ބެހޭ ގާނޫން އިސްލާޙު ކުރަން ރައްޔިތުން މަޖިލީހަށް ފޮނުވުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މިއަދު ވިދާޅުވީ "މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޤައުމު ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ހުރި ބައެއް އުނި ކަންކަން" ކަމަށެވެ.
"އެހެންކަމުން، މަސްތުވާތަކެތީގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާބެހޭ ޤާނޫނު ރިވިއުކުރުމަށްފަހު، އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ،" ރައީސް ވިދާޅުވިއެވެ.
"ހަމައެއާއެކު، މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގޭންގު ކުށްތަކުގެ މައްސަލައިން ދިވެހި ޤައުމު ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައި، މިހާރު އަމަލު ކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނުގެ ބަދަލުގައި، މި ސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ."
ރައީސް އަދި ވިދާޅުވީ މި ފަދަ ބޮޑެތި މައްސަލަތަކަށް ދާއިމީ ޙައްލެއް ގެނައުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް "ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް ނުހަނު ޝުކުރު ދަންނަވަން" ކަމަށެވެ.



advertisment