Support Us

ލުޠުފީގެ ވާހަކައިން ޔަގީންވީ އެއީ ތިނެއް ނޮވެންބަރުގެ އެންމެ ބޮޑު މުޖުރިމްކަން: 1

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގެ މޭސްތިރިޔާ، ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ މިނިވަންވި ފަހުން އާންމުކޮށް ވާހަކަ ދެއްކި ފުރަތަމަ ފަހަރު ވެސް އެނގި ޔަގީންވީ އެއީ ދިވެހި ޤައުމު ދެކެފައިވާ އެންމެ ބޮޑު އެއް ޚާއިނުކަމެވެ. އެއީ އެއްވެސް ރަޙުމެއް އަދި އިންސާނިއްޔަތުކަމެއް ނެތް ބޮޑު މުޖުރިމެއްކަމެވެ. ނޮވެންބަރު ތިނެއްގެ ހާދިސާގައި ޝަހީދުކޮށްލި 19 ދިވެހީންނާއި ޒަޚަމުކޮށްލި އެތައް ބައެއްގެ ލޭ އޮހޮރާލުމުގައި އިސްކޮށްހުރި ޤާތިލުކަމެވެ. އެއީ ދިވެހި ޤައުމަށް ޣައްދާރުވި ބޮޑު ބާޣީއެއް ކަމެވެ.

ދެން އެނގުނީ ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއާ ގުޅިގެން ހިންގި ފުޅާ ތަހުގީގާއި އެ ބޮޑު ޝަރީޢަތް ކުރިއަށް ގެންގޮސްފައި އޮތް ގޮތުގެ ފުރިހަމަކަމެވެ. އޭރުގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެކަންކަން ގެންގޮސްފައި ވަނީ ރަނގަޅަށްކަމެވެ. ތަހުގީގަށް ލުތުފީ ދީފައިވާ ދިގު ބަޔާނަކީ ސާފު އިޢުތިރާފެއްކަމެވެ. ލުޠުފީގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނާއި އިސްލާމީ ޝަރީޢަތުން ސާބިތުވި ބޮޑުކުށާއި އެ ކުށަށް އިއްވި ޙުކުމުގެ ވެސް ގޯސް ނޫންކަމެވެ.

ކުލަބް ހައުސްގައި ނޮވެންބަރު 3 ވަނަ ދުވަހު އޮތް ފޯރަމެއްގައި ލުތުފީ ދެއްކި ވާހަކައިގައި އޭނާ ވަނީ ސްރީލަންކާގެ ހަތިޔާރު އެޅި ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ޕްލޯޓް ޖަމާޢަތުގެ ކުލީ ސިފައިން ގޮވައިގެން ރާއްޖެއައި އިސް މީހަކީ އޭނާކަމަށް އަނެއްކާ ވެސް އިއުތިރާފު ވެފައެވެ. އޭނާ އައީ ޕްލޯޓް ޖަމާޢަތުގެ އިސްވެރިޔާ އުމާމަހޭޝްވަރަމާ ދެމެދު ވާހަކަތަކެއް ދެކެވި މަޝްވަރާތަކެއް ކުރެވި ކަންތައްތަކަކަށް އެއްބަސްވެ، ޕްލޭންތަކެއް ކޮށްގެން ކަމަށް ބުނެފައެވެ.

އޭރު ރާއްޖޭގައި އޮތް ގާނޫނީ ސަރުކާރު ބަދަލުކޮށްލަން ހަތިޔާރާއި ހަނގުރާމަވެރި ޓެރަރިސްޓުން ގޮވައިގެން ރާއްޖެ އައުމުގައި ދިވެހީންގެ ތެރެއިން އެތައް ބަޔަކު ބައިވެރިވާ ކަމަށާއި އެކަމަކު މި ހަމަލާއަށް ދިވެހި އެހެން އެއްވެސް ވިޔަފާރިވެރިއަކު ޚަރަދުކޮށް ފަންޑު ނުކުރާ ކަމަށް ވެސް ބުންޏެވެ. ރާވައިފައި އޮތީ ވެރިކަން ވައްޓާލުމަށްފަހު ފުރަތަމަ ހަތް މީހުންގެ ކޮމެޓީއަކުން ވެރިކަން ހިންގާ ގޮތަކަށް ކަމަށް ވެސް ބުންޏެވެ. އެކަމަކު ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެއިން އެއްވެސް މީހެއްގެ ނަމެއް ނުބުންޏެވެ. އޭނާގެ ޝަކުވާއަކީ އެތައް ބަޔަކު ބައިވެރިވެގެން ހިންގާފައިވާ މި ޢުދުވާނީ ހަމަލާގައި ބައިވެރިވި އެހެން ހުރިހާ އެންމެން އޭނާ ބޮލަށް ޖަހާފައި މިއީ ހަމައެކަނި އޭނާ ކުރި ކަމެއް ކަމަށް ހަދައި ރެކިގެން އުޅޭތީއެވެ.

ބައެއް އެހުން ތެރިން ކުރި ސުވާލަށް ޖަވާބު ދެމުން ތަކުރާރުކޮށް ލުތުފީ ވަނީ އޭނާގެ އިތުރުން ތިނެއް ނޮވެންބަރުގެ ޢުދުވާނުގައި ބައިވެރިވެގެން ޝަރީއަތުން ޙުކުމްކުރި މީހުންގެ ތެރެއިން ބައެއް މީހުން އެކަމުގައި ބައިވެރިނުވާ ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ޝަރީޢަތުން ހުކުމްކޮށްފައިވާ ބައެއް މީހުންގެ ބައިވެރިވުން އޮތްކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފައެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއާ ސިއްކަ އަޙްމަދު އިސްމާޢީލް މަނިކާ އޮތް ގުޅުމާ ބެހޭ ގޮތުން ލުޠުފީ ބުނީ އެ ހަމަލާގެ ކަންތައްތަކުގެ މަޢުލޫމާތު އޭނާއަށް އެނގޭވަރަށް ސިއްކައަށް ވެސް އެނގޭނެ ކަމަށެވެ. "އަޅުގަނޑުގެ އަޚު ސިއްކައަކީ ވަރަށް ގާތުން މި ހުރިހާ ކަމެއް އެނގިވަޑައިގަންނަވާ ބޭފުޅެއް. އަޅުގަނޑަށް އެނގޭ ހުރިހާ އެއްޗެއް ސިއްކައަށް އެނގިވަޑައިގަންނަވާނެ،" ލުތުފީ ބުންޏެވެ.

ސަގަރު އަޙްމަދު ނާޞިރާ ބެހޭ ގޮތުން ލުޠުފީ ބުނީ ނާޞިރު ޖަންގަލީގައި ހުންނަ ޓެރަރިސްޓުންގެ ކޭމްޕަށް ގެންދިޔައީ ރަހީނުކޮށްގެން ނޫން ކަމަށާއި، އެތަނަށް ދިޔަ ފަހުން ވެސް ނާޞިރު ކިބައިން ނުރުހުމުގެ އަޑެއް ނާހާ ކަމަށެވެ. ލުތުފީ ބުނިގޮތުގައި ނާޞިރު އޭނާއާއެކު ރާއްޖެ އައީ ރުހުމުގައެވެ.

"މިކަމުގައި ނާޞިރު ވަރަށް ގިނަ ދޮގުތަކެއް ހަދާފައި އެބަހުރި. އެހެން ނަމަވެސް އެއީ ނާޞިރު އަމިއްލައަށް ރާވައިގެން ދައްކާފައިވާ ވާހަކަތަކެކޭ އަޅުގަނޑަށް ދެންނެވޭނީ،" ލުތުފީ ބުންޏެވެ.

ޢުމަރު ޖަމާލާއި ޢަބްދުﷲ ޝާހިދާ ބެހޭ ގޮތުން ބުނީ ލުތުފީ ވިލުދޮޅީގައި ގޭބަންދުގައި ހުރިއިރު އެ ދެ މީހުން ގޮސް އޭކޭ 47 ގެ ފަސްބަޑި ލިބިދާނެ ކަމަށް ބުނިކަމަށެވެ. ޢުމަރު ޖަމާލާއި ޢަބްދުﷲ ޝާހިދަށް ވެސް ލުތުފީ ޓެރަރިސްޓުންނާއި ހަތިޔާރާއެކު އައިސް މި ޢުދުވާނީ ހަމަލާ ދޭނެކަން އެނގޭނެކަމަށް ލުތުފީ ބުންޏެވެ.

"އުމަރު ޖަމާލަށް އެނގެންވާނެ މިކަމުގައި އެންމެ ފުރަތަމަ ހަކުރު ތިކި ޖަހާފައި ވަނީވެސް އޭނަކަން" ލުތުފީ ބުންޏެވެ.

(ނުނިމޭ)

 

  • ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އުމަރު ޖަމާލު ސަރުކާރާ ދެކޮޅުވީ ކީއްވެގެން ބާވެއޭ މި ހިތަށް އަރަނީ އިނގޭ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *