އާދަތަކާ އިންސާނާގެ ތަގުދީރު: މީހެއްގެ އާދަތަކަކީ އޭނަގެ މަސީރު، އޭނަގެ ތަގުދީރު، ކަނޑައަޅާލާ ކަމެކޭ ބުނެވިދާނެއެވެ. އެހެން ވަނީ ކިހިނެއް ހެއްޔެވެ؟
އެ ސުއާލުގެ ޖަވާބު ޚުލާސާކޮށްލާފައި ބުނާ ނަމަ، މިހެން ބުނެވިދާނެއެވެ. ކަމެއް ތަކުރާރުކޮށް ކުރުމުން، އެކަން އާދައަކަށް ވެއެވެ. އެ އާދަ އިންސާނައިގެ ކިބައިގައި ހަރުލުމުން، އެ އާދައަކީ އޭނަގެ ޝަޚުސިއްޔަތުގެ ސިފައަކަށް ވެއެވެ. ދެން، އޭނަގެ ކަންކަން ކުރުމަށް ނުވަތަ ނުކުރުމަށް އެ ސިފަ ބާރު ފޯރުވައެވެ. އަދި، އެކަމުގެ ސަބަބުން ކަންކަންވުމުގެ ނުވަތަ ނުވުމުގެ ސަބަބަކަށް އެ ސިފަ ވެގެންދެއެވެ.
މި ނަންގަތް ވާހަކަ ސާފުވެދިޔުމަށްޓަކައި މިސާލެއްގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ މަސައްކަތުގައި އަވަދިނެތި އުޅުމުން ވަރުބަލިކަން އިހުސާސުވެއެވެ. ދެން، މަސައްކަތާ ދުރަށް ޖެހިލައި ސިނގިރޭޓެއް ބޯލައެވެ. އެކަމުގެ ނަތީޖާއަކީ ސިނގިރޭޓު ބުއިމަކީ އާދައަކަށް ވުމެވެ. ވަރުބަލިވުން، ނުވަތަ އެހެން ވެސް އެފަދަ ސަބަބެއް މެދުވެރިވުމުން، އެކަން ފިލުވާލައި، ހިތަށް ހަމަޖެހުން ގެނައުމަށްޓަކައި ސިނގިރޭޓު ބޮވޭ ގޮތް ވެއެވެ. ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ ނުރަނގަޅު އާދައެއްގެ ޝިކާރައަކަށް ތިމާވުމެވެ. ދެން، އާޚިރުގައި ތިމާގެ ނަފްސު ކެންސަރު ބަލި ފަދަ ބަލިތަކުގެ ނުރައްކަލަށް ހުށަހަޅާލެވެއެވެ. އަދި، ތިމާ ހޯދާ ފައިސާ ވެސް އެކަމަށް ޚަރަދުކުރެވި އެ ފައިސާ އެންމެ ރަނގަޅު ނޫން ގޮތުގައި ހޭދަކޮށްލެވޭ ގޮތް ވެސް ވެއެވެ.
ދެން، އެހެން މިސާލަކަށް ބަލާލަމާ ހެއްޔެވެ؟ ވަރުބަލިވާ ވަގުތުތަކުގައި ސިނގިރޭޓެއް ބުއިމުގެ ބަދަލުގައި ދިހަ ވަރަކަށް މިނިޓުގެ ކުރު ނިދި 'ބޮޅެއް ޖަލާލުމެވެ'. އާދެ، ހިނދުކޮޅަކަށް ނިދާލުމެވެ. ނުވަތަ، މަސައްކަތާ ދުރަށް ޖެހިލައި ކުޑަ ހިނދުކޮޅަކަށް ހިނގާލުމެވެ. އެއަށް ފަހުން، ތާޒާވެ، އަލުން މަސައްކަތަށް އެނބުރި އައުމެވެ.
މަތީގައި ނަންގެނެވުނު ދެ މިސާލުން އާދަ އުފެދޭ ގޮތް ފެނެއެވެ. ފުރަތަމަ މިސާލުން އެ ފެންނަނީ ނުރަނގަޅު އާދަ އުފެދޭ ގޮތެވެ. ދެވަނަ މިސާލުން އެފެންނަނީ ރަނގަޅު އާދަ އުފެދޭ ގޮތެވެ. ދެ އާދަ ވެސް އުފެދެން މެދުވެރި ވަނީ އެއް ހާލަތެކެވެ. ދެން، މި ހާލަތް މެދުވެރިވުމުން އުފެދޭ އާދަ، މީހާގެ ގައިގައި ހަރުލައި އޭނަގެ ޝަޚުސިއްޔަތުގެ ސިފައަކަށްވެ، އެކަން ދުރު ރާސްތާގައި ހެޔޮ ނުވަތަ ނުބައި ނަތީޖާއެއް ނެރެ، އޭނަގެ މަސީރު ނުވަތަ ތަގުދީރު ކަނޑައަޅާލައެވެ. އެއް ގޮތަކީ ހަޔާތުގައި ސިއްހީ މައްސަލަތައް ކުރިމަތިވެ، ބޭނުންވާ މަސައްކަތްތައް ކުރުމަށް ހުރަސް އެޅި ނާކާމިޔާބާ ކުރިމަތިލާން ޖެހުމެވެ. އަނެއް ގޮތަކީ މަސައްކަތްތައް ކުރެވި، ކާމިޔާބީއާ ހަމައަށް ވާސިލުވުމެވެ.

ދެން، ޗާލްސް ޑޫހިގުގެ 'ޕަވަރ އޮފް ހެބިޓްސް' – 2012 (އާދަތަކުގެ ބާރު)، މި ފޮތުގެ ޚުލާސާއެއް ހުށަހަޅާލާ ނަމެވެ. މި ފޮތަކީ، ބައެއް މީހުންގެ ނަޒަރުގައި، ކޮންމެ މީހަކު ވެސް، އެ މީހަކު މަރުވުމުގެ ކުރިން، ކިޔުން މުހިއްމު ފަސް ފޮތުގެ ތެރެއިން ފޮތެކެވެ. (އަނެއް ހަތަރު ފޮތުގެ ޚުލާސާ ފަހުން ގެނެސްދެވޭތޯ އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނަމެވެ.)
މި ފޮތުގައި މުހިއްމު ހަ މަފްހޫމެއް އެކުލެވިގެން ވެއެވެ. އެ މަފްހޫމުތަކުގެ މައްޗަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟
1. އާދަތަކުގެ ބޮޅު: ފޮތުގެ މުސައްނިފު ވިދާޅުވާ ގޮތުގައި އާދަތަކުގެ ބޮޅު އެކުލެވިގެން ވަނީ ތިން ކަމެއްގެ މައްޗަށެވެ. ފުރަތަމަ ކަމަކީ 'އިޝާރާތެވެ'. މިތާނގައި އިޝާރާތޭ ބުނެވެނީ އާދައެއް ފަށައިގަތުމަށް ހިއްވަރުދޭ ބާރަށެވެ. މަތީގައި ގެނެވުނު މިސާލުގެ މައްޗަށް ބަލައިލާ ނަމަ، ވަރުބަލިވުން، މިއީ އެ އިޝާރާތެވެ. ސިނގިރޭޓު ބުއިމުގެ ނުވަތަ އަރާމުކޮށްލުމުގެ އާދަ ފަށައި އަށަގެންނެވުމުގެ ބާރެވެ.
ދެވަނަ ކަމަކީ ސުލޫކެވެ. މާނައަކީ ވަކި ހާލަތެއް މެދުވެރިވުމުން، ސިކުނޑި ވަކި ކަމެއް ކުރުމަށް އިޝާރަތްކުރުމުން ކުރާ ކަންތަކެވެ. މަތީގައި ގެނެވުނު މިސާލުގެ މައްޗަށް ބަލައިލާ ނަމަ، ސިނގިރޭޓު ބުއިން ނުވަތަ އަރާމުކޮށްލުން އެއީ މި ނަންގަތް ސުލޫކެވެ.
ތިން ވަނަ ކަމަކީ ނަތީޖާއެވެ. ސިނގިރޭޓު ބުއިން ނުވަތަ އަރާމުކުރުން މެދުވެރިކުރުވާ ނަތީޖާއެވެ. ސިއްހީ މައްސަލަތައް ނުވަތަ ތާޒާވުން، މި ނަތީޖާއެވެ.
އާދެ، އާދަތަކުގެ ބުރު އެކުލެވިގެން ވަނީ މި ތިން ބައިގެ މައްޗަށެވެ: އިޝާރާތާއި ސުލޫކާއި ނަތީޖާގެ މައްޗަށެވެ.
2. ހަޔާތުގެ ބިންގަލުގެ އާދަތައް: މިއީ މީހާގެ އާދައެއްގެ ސަބަބުން ހަޔާތުގެ އެހެން އެތައް ކަމަކަށް ހެޔޮ ނޫނީ ނުބައި އަސަރު ކުރާ އާދަތަކެވެ. މިސާލަކަށް، ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް، ހެނދުނާއި ހަވީރު ކަސްރަތުކުރުމުން، ސިއްހީ ކަންކަމަށް އަހައްމިއްޔަތުކަން ދެވި، ކެއުމުގެ ބާވަތާއި އާދައަށް ބަދަލުގެނެވި، ނިދުމުގެ އާދަ ރަނގަޅު ކުރެވި، މީހާ މުރާލިވެ، އޭނަގެ އުފެއްދުންތެރިކަން އިތުރު ކުރެވޭ ގޮތް ވެސް ވެއެވެ.
މިއާ ޚިލާފަށް، މިސާލަކަށް ލަހުން، ދަންކޮށް ނިދަން އާދަވެއްޖެ ނަމަ، ލަހުން ހޭލެވި، މަސައްކަތަށް ގަޑި ޖެހި، މަސައްކަތުގެ ވަގުތުތައް ލޮޑުކަން މަތީ ހޭދަވެ، މީހާގެ އުފެއްދުންތެރިކަމަށް ބުރޫ އަރާ ގޮތް ވެއެވެ.
އެހެންވީމާ މިފަދަ ހަޔާތުގެ ބިންގަލުގެ އާދަތަކަކީ ހެޔޮ އާދަތަކެއް ކަމުގައި ހަދާލަން ޖެހެއެވެ. އެފަދަ އާދަތަކަކީ ހެޔޮ އާދަތަކެއް ކަމުގައި ހަދާލެވުމުން، ހަޔާތަށް ހެޔޮ ބަދަލު އައިސް ހަޔާތުގެ ލަނޑުދަނޑިތައް ހާސލިވެވޭ ގޮތް ވެއެވެ.
3. ތިމާގެ ނުރަނގަޅު އާދަތައް ބަދަލުކޮށްލެވިދާނެކަން ހިތުގެ އަޑިން އަމިއްލައަށް ގަބޫލުކުރުން: މި ގަބޫލުކުރުމަކީ ނުރަނގަޅު އާދަތައް ރަނގަޅު އާދަތަކަށް ބަދަލުކޮށްލުމަށް ވަރަށް ވެސް މުހިއްމު ކަމެއް ކަމުގައި ފޮތުގެ މުސައްނިފު ބަޔާންކުރައްވައި އޮޅުން ފިލުވާދެއްވައެވެ. މިސާލަކަށް، ޑުރަގުގެ ވަބާއިގައި ޖެހިފައިވާ މީހުން، އެކަމުން ދުރުވެވެނީ، އެކަމުން ދުރުވެވިދާނޭ ކަމުގެ ޔަގީންކަމެއް ހިތުގައި އަށަގަންނުވައި، އަދި، އެއަށް ފަހު، އެކަމުން އަރައިގަންނަން މަސައްކަތް ކުރުމުންނެވެ. އެކަމުން އަރައިގަތުމަށް އެހީވެދޭން ހުރި މުއައްސަސާތަކުގެ ބޭނުން ވެސް ހިފައިގެންނެވެ.
4. ނުރަނގަޅު އާދަތައް ބަދަލުކޮށްލުން: ފޮތުގެ މުސައްނިފު ޑޫހިގް ބަޔާންކުރައްވާ ގޮތުގައި ނުރަނގަޅު އާދަ ބަދަލުކޮށްލުމަށްޓަކައި މަތީގައި ނަންގަނެވުނު އާދަތަކުގެ ބުރަށް ކުޑަ ބަދަލެއް ގެނައުމުން ފުދެއެވެ. އެ ބުރުގައި ހިމެނޭ އިޝާރަތާއި އެއާ ގުޅިގެން އޮންނަ ސުލޫކު ނުވަތަ އަމަލުކުރާ ގޮތާއި ނަތީޖާގެ ތެރެއިން ބަދަލު ގެންނަން ޖެހޭނީ ސުލޫކަށް ނުވަތަ އަމަލު ކުރާ ގޮތަށެވެ. ވަރުބަލުވުމުގެ އިޝާރަތް މެދުވެރިވުމުން، ސިނގިރޭޓު ބުއިމުގެ ބަދަލުގައި އެހެން ގޮތަކަށް އަމަލުކޮށް ސުލޫކު ބަދަލުކޮށްލާނީއެވެ، މިސާލަކަށް ހިނދުކޮޅަކަށް ނިދާލުން ނުވަތަ ހިނގާލުމެވެ. ޝައްކެއް ނެތް ގޮތުގައި މި ބަދަލު ގެނެވޭނީ މި ބަދަލު ގެނެވޭނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފްސަށްދީ، ހެޔޮ ގޮތަށް އަމަލުކުރާނެ ކަމުގެ ނުގުޑާ ފަދަ އަޒުމެއް އޮވެގެންނެވެ.
5. ފޮތުގައި ދެން ބަލާލެވިފައި ވަނީ މުއައްސަސާތަކުގެ އާދަތަކުގެ މައްޗަށެވެ. ކާމިޔާބުތައް ހޯދާ މުއައްސަސާތައް، އެ މުއައްސަސާތަކުގެ މުވައްޒިފުންގެ އާދަތައް، އެ މުއައްސަސާތުކުގެ އަމާޒުފަތްގަނޑުތަކާ ގުޅުވާލައި ފުށުނާރާ ގޮތް ހަދާލައެވެ. މިސާލަކަށް ވިޔަފާރި ކުންފުންޏެއްގެ އަމާޒުފަތްގަނޑަކީ އުފެއްދުންތެރިކަން އިތުރުކުރުން ކަމުގައި އޮންނައިރު، މުވައްޒަފުންނަށް ރަނގަޅު މުސާރައާއި މަސައްކަތްކުރުމުގެ ރަނގަޅު މާހައުލެއް އުފައްދައި، އެ މީހުންގެ އުފެއްދުންތެރިކަން އިތުރުކުރެވޭ ގޮތް ހަދައެވެ. މިހެން ހެދުމުން، އެ ކުންފުނީގެ އުފެއްދުންތެރިކަން އިތުރުވެ، ފައިދާ ބޮޑުވެ، އެ ކުންފުންޏަކީ ކާމިޔާބު ކުންފުންޏަކަށް ވެގެންދެއެވެ.
6. އެންމެ ފަހުގެ ނުކުތާއަކަށް މުސައްނިފު ބައްލަވާލައް ވަނީ އިޖުތިމާއީ ހަރަކާތްތައް ވެސް ކާމިޔާބު ގޮތުގައި ކުރިއަށް ގެންދިޔުމަށް އާދަތައް ކުޅޭ ރޯލެވެ. މިސާލަކަށް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމުގެ އާދަ އަށަގެންނެވުމަށްޓަކައި މީޑިޔާގެ ބޭނުން ހިފައި އެކަމަށް މީހުން ހޭލުންތެރިކުރުވަން ޖެހެއެވެ.
އާދެ، އާދަތަކުގެ ބާރު، މި ފޮތުގައި ހަމައެކަނި ބަޔާން ކުރެވެނީ އިންސާނާގެ ހަޔާތުގައި، ކާމިޔާބީއާ ހަމައަށް ވާސިލުވުމަށްޓަކައި، ރަނގަޅު އާދަތައް ކުޅޭ ދައުރުގެ މުހިއްމުކަން އެކަންޏެއް ނޫނެވެ. އޭނަގެ ޖަމާއި ހަޔާތުގައި ވެސް– އާދެ، މުއައްސަސާތަކުގައްޔާއި އިޖުތިމާއީ ހަރަކާތް ތަކުގައި ވެސް– ހެޔޮ އާދަތަކަކީ އެ މުއައްސަސާތަކާއި ހަރަކާތްތައް ކާމިޔާބުގެ އަމާޒުފަތްގަނޑަށް ވާސިލުކޮށްދިނުމަށްޓަކައި ވަރަށް ވެސް މުހިއްމު ކަމެއް ކަމުގައެވެ. އާދަތައް އުފެދޭ ގޮތާއި އާދަތައް ބަދަލުކޮށްލެވޭ ގޮތް އެނގުމުން، ފަރުދީ އަދި ޖަމާއީ ހަޔާތައް ވެސް އަގު ނުކުރެވޭ ފަދަ ހެޔޮ ބަދަލުތައް ގެނެވެއެވެ.
