ލިލީމަގުގައި ހުންނަ، މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އަންނަ އިމާރާތާއި ގޯތި "ޒުވާނުންގެ ތަރޑް ސްޕޭސް" ނުވަތަ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމަޢުގެ އެކި ފަރާތްތަކާއެކު އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެ ތަނަކީ މާލޭގައި އެންމެ ފުރަތަމަ ޒުވާނުންގެ މަރުކަޒު ހިންގި ތަނެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މުލީއާގޭ ވެހިކަލް ގަރާޖު ހުންނަ ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ، މަގުމަތީގެ ކާރުބާރު ބޮޑު ސަރަހައްދަކަށް ވުމާއެކު، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެ ފަދަ، ރަނގަޅު ޓްރެފިކް މެނެޖްމަންޓް ޕްލޭނަކާއެކު، ޒުވާނުންގެ ތަރޑް ސްޕޭސް މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި މިފަދަ ތަންތަނަކީ، ޒުވާނުންގެ އީޖާދީ ވިސްނުން ހަޤީގަތަކަށް ހަދައި، ޒުވާނުން ބާރުވެރިކުރުވުމަށް މުހިންމު މަންސައެއްކަމުގައި ހައްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ޒުވާނުންނަށް ޚާއްޞަ "ތާރޑް ސްޕޭސް" އޭރިއާތަކަކީ، ޒުވާނުންގެ ހުނަރުތައް އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ލިބޭ ވަރަށް ބޭނުންތެރި މުހިންމު ތަނެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. މިގޮތުން މި ތަނުގައި ކުރިއަށް ގެންދެވުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އެކި ކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ހިމެނެއެވެ. މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމަށްވެސް މިތަނުގެ ބައެއް ހަމަޖެއްސުމަށް ހުށަހަޅާފައިވެއެވެ.
"ޒުވާނުންގެ ތަރޑް ސްޕޭސް" ނުވަތަ ޒުވާނުންގެ މަރުކަޒު ޑިޒައިންކުރުމަށް ހުށަހަޅާފައިވަނީ ޒުވާނުން ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިކުރެވޭނެގޮތަށް، ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ. އަދި މި ކޮންސެޕްޓުގައި، ރާއްޖެއަށް ޚާއްޞަ ކާބޯތަކެތި (ލޯކަލް ކުއިޒިން) ވިއްކުމަށާއި، އަދި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ކާބޯތަކެތި ވިއްކާ ފަރާތްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމާއި، ޞިއްޙަތަށް ފައިދާހުރި ކެއުންތައް ޕްރޮމޯޓްކުރާ، ކެފެޓޭރިއާއެއް ހިމެނުމަށްވެސް ހުށަހަޅާފައިވެއެވެ.



advertisment