އދގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ދަށުން ބާއްވާ 29 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީޒް (ކޮޕް29) ގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަޒަރްބައިޖާންގެ ބާކޫއަށް ވަޑައިގެންފިއެވެ. ކޮޕް29 ބޭއްވުމަށް ހަމަޖެހިފައިވަނީ، ނޮވެމްބަރު 11 އިން 22 އަށެވެ.
އަޒަރްބައިޖާން ސަރުކާރުގެ އިސް އޮފިޝަލުން ވަނީ، ހައިދަރް އަލިޔޭވް ބައިނަލްއަޤުވާމީ ވައިގެބަނދަރުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ކޮޕް29ގެ އެޖެންޑާގައި، އެންހޭންސްޑް ޓްރާންސްޕޭރެންސީ ނެޓްވަރކް ފުރިހަމަކުރުމަށާއި، ހުރިހާ މެންބަރުން ހިއްސާކުރާ މާލީ އައު ލަނޑުދަނޑިއެއް ކަނޑައެޅުމަށާއި، ބައިނަލްއަޤުވާމީގޮތުން އެއްބާރުލުންދިނުން އިތުރުކުރުމަށާއި، ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް (އެން.ޑީ.ސީ) ތަރައްޤީކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރުމަށް ސަމާލުކަން ދިނުމަށް ވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަޒަރްބައިޖާނަށް ވަޑައިގަތީ، ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި އިއްޔެ ބޭއްވި ޖޮއިންޓް ޢަރަބް-އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހުގައެވެ.
އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޒްރޭލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޚުޠޫރަތްތެރި މައްސަލަތަކާމެދު ސަރަޙައްދީ އަދި އިސްލާމީ ޤައުމުތަކުގެ އިސްވާރުން ކުރެއްވި މަޝްވަރާގައި ބައިވެރިވެވަޑައިގެންފައެވެ.



advertisment