ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގެ ހަވާސާގައި ރޭ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ، ދިވެހިރާއްޖެ އާއި ސަޢޫދީ ފަންޑާ އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ދެފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނޭ އާ ގޮތްތައް ހޯދުމާ ގުޅޭގޮތުންނެވެ.
ސަޢޫދީ ފަންޑުގެ އެހީގައި މިވަގުތު ރާއްޖޭގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތައް ކުރިއަށްދާ ގޮތް މި ބައްދަލުވުމުގައި މުރާޖަޢާކުރައްވާފައިވެއެވެ. މީގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް ވައިގެބަނދަރު ތަރައްޤީކުރުމާއި، އެނޫންވެސް ބިނާރާއި މަސްވެރިކަމާ ގުޅޭ މަޝްރޫޢުތައް ހިމެނެއެވެ. ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ވަނީ، މި މަޝްރޫޢުތައް ވަގުތަށް ނިންމުމުގެ ޢަޒުމުގައި ސާބިތުވެ ތިއްބެވިކަން ފާޅުކުރައްވައި، ނަތީޖާ ނެރެވޭ ފަދަ ތަރައްޤީގެ މަސައްކަތްތަކަށް ދެފަރާތުންވެސް އިޚްލާޞްތެރިކަމާއެކު ދޭ އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ.
ދެ ބޭފުޅުންގެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދިވެހިރާއްޖެ އާއި ސަޢޫދީ ފަންޑުން ހިއްސާކުރާ އިޤްތިޞާދީ އަދި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި، ދެފަރާތުގެ ގުޅުން ހަރުދަނާކުރުމަށާއި، ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދިނުމުގައި ސާބިތުވެ ތިއްބެވުމަށް އެއްބަސްވެވަޑައިގަންނަވަމުންނެވެ.



advertisment