Support Us

މީ ދެފުށް ފެންނަ، ރައްޔިތުންނަށް ޖަވާބުދާރީވާ، ރައްޔިތުން އެދޭ އަމާޒަށް ވެރިކަންކުރާ ސަރުކާރެއް: ރައީސް

މި ސަރުކާރަކީ ދެފުށް ފެންނަ، ރައްޔިތުންނަށް ޖަވާބުދާރީވާ، ރައްޔިތުން އެދޭ އަމާޒަށް ވެރިކަންކުރާ، ދިވެހި ޤައުމަށް ފާގަތިކަމާއި ބާއްޖަވެރިކަން ހޯދައިދޭ ހެޔޮ ވެރިކަމެއް ކޮށްދިނުމަށް މަސައްކަތްކުރާ ސަރުކާރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ޖުމްހޫރީ ދުވަހާ ގުޅިގެން ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރު ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދީ، ދެފުށް ފެންނަ ސަރުކާރެއް ގޮތުގައި މަސައްކަތް ކުރުމަށް ކުރައްވާފައިވާ މުހިންމު މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން "ރައްޔިތުންގެ އަޑު" ޕޯޓަލްގެ ތެރެއިން މިހާތަނަށް ގާތްގަނޑަކަށް 840 އަށް ވުރެ ގިނަ ސުވާލު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަން ފާހަގަކުރައްވައި އޭގެތެރިން ޖަވާބު ނުދެވި އޮތީ ގާތްގަނޑަކަށް 22 ސުވާލުކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަށް މިހާތަނަށް ލިބިވަޑައިގެންނެވި އާރު.ޓީ.އައި ތަކުގެތެރެއިން 90 އިންސައްތައަށް ޖަވާބުދާރީ ވެވަޑައިގެންފައިވާކަމުގައެވެ. އަދި މިފަހުން އައި އެއްވެސް ސަރުކާރަކުން ނުބާއްވާ ވަރަށް، ނޫސްވެރިންގެ ބައްދަލުވުން ސަރުކާރުގެ ފަރާތުން އެކި މިނިސްޓަރުންނާއި އެކި ބޭފުޅުން މެދުވެރިކުރައްވައިގެން ބާއްވަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސަރުކާރު ވެބްސައިޓް ނަމުގައި ވެބްސައިޓެއް ހައްދަވައިގެން ސަރުކާރުން ކުރަމުންދާކަންކަން ދުވަހުން ދުވަހަށް ރައްޔިތުންނާ ޙިއްޞާކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ބައްޕާފުޅުގެ "ދައުލަތާއި ވެރިންނާއި މަސްޢޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފުހޫމް" ފޮތުން މަޢުލޫމާތު ހާމަކުރުމާއި ޞައްޙަ މަޢުލޫމާތު ނޫސްވެރިން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން "ޑިމޮކްރެޓިކް ނިޒާމެއްގައި އެއް ނަޒަރަކުން އެންމެ ބާރުގަދަ ބަޔަކު ކަމުގައިވެސް ބަލަނީ ނޫސްވެރިންނޭ، އެހެންވީމާ ނޫސްވެރިންގެ ޒިންމާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކީގަ އަދާކޮށްދެއްވައްޗޭ. ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގަ އިސްލާމީ ޤައުމެއްގައި އޮންނަންޖެހޭ ގޮތަށް އެކަން ކުރެވުމަކީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *