ގަޑިން ރޭގަނޑު 12:00 ޖެހުމާއެކު، 1968 ގެ ނޮވެމްބަރު 11 އަށް އެޅީއެވެ.
'އަހުރެން އިސްލާމްދީނަށާއި، ރާއްޖޭގެ ޤާނޫނު އަސާސީއަށާއި ، ރައްޔިތުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި، މިއިން ކަމަކަށް ޚިޔާނާތްތެރި ނުވުމަށް، މާތް ﷲ ގަންދީ ހުވާކުރަމެވެ.'
ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ، އިބްރާހީމް ނާސިރު އެ ކުރެއްވިއްޔެވެ. ކޮންމެއަކަސް މި ހުވަޔަށްފަހު، 21 ބަޑީގެ ސަލާމެއް އެރުވުނެވެ.
ތިޔަ ވިދާޅުވީ މުވައްރިޙުން އެރޭ ސިފަކުރެއްވި ގޮތެވެ. އޭގެ ކުރިން ކިތަންމެ ކަމެއް މިކަމަށްޓަކައި ހިނގިއެވެ. ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމާބެހޭ މައްސަލަ، ބޮޑުަވަޒީރު ނާސިރު، އެމަނިކުފާނުގެ ވަޒީރުންގެ މަޖިލިހަށް ގެންނެވިއެވެ. އެ މަޝްވަރާ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވިއެވެ. ފެންނަ ނުފެންނަ ވޯޓު ނަގަން މަޖިލިހުން ފާސްކުރިއެވެ. މާޗު 15، 1968ގައި މި ވޯޓު ނެގިއެވެ. އެ ވޯޓުން ރަސްކަމަކަށް 8،551 ވޯޓު ލިބުނުއިރު، ޖުމްހޫރިއްޔަތަކަށް 36،997 ވޯޓު ލިބި ރައްޔިތުން ގޮތް ނިންމުމުން، ގާނޫނުއަސާސީ އިސްލާޙުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާން ފެންނަ ބޭފުޅަކީ، ނާސިރު ކަމަށް މަޖިލިހުން ފާސްވިއެވެ. އެހެންކަމުން އިންތިޚާބަށް ކުރިމަތިލައްވައި، ކާމިޔާބު ކުރެއްވިއެވެ.
ހިނގައި ދިޔަ ކަންކަމުގެ ތެރޭގައި ރަސްކަމުގެ ބޮޑުގަނޑުވަރު ތަޅާލައްވައި، ވޯރާވިޔަފާރިވެރިން ފޮނުވާލައްވައި، ނާސިރު ފެށި ޖުމްހޫރީ ނިޒާމުގެ ވެރިކަން ނުވެއްޓި ކުރިއަށް ގެންގޮސް، މި ނިޒާމު ވައިގައި ހިފިއެވެ. ނާސިރުގެ ތޫނު ސިކުނޑިފުޅުގެ ޙިކްމަތުޢަމަލީންނެވެ. އަމީންދީދީއާމެދު ކަން ހިނގި ގޮތަށް ނާސިރާމެދަކު ތަކުރާރެއް ނުކުރެވުނެވެ. ނާސިރު ރިޔާސީ ދެ ދައުރު ފުރުއްވުމަށްފަހު، އިސްތިޢުފާ ދެއްވިއެވެ. ބޮޑުވަޒީރު ކަމާއެކު ޖުމްލަ 21 އަހަރުގެ ޒަޢާމަތެއް ދެއްކެވިއެވެ. ރައީސްކަން ދޫކޮށްލަވަންވީ ވަގުތު، ނިންމެވީ ނާސިރެވެ. އާ ދައުރަކަށް މަޖިލީހުން އެދިއެދި އޮތްވައެވެ. އިސްތިޢުފާއަށްފަހު، މަންޒަރުން ވެސް ދުރަށްވަޑައިގަތެވެ. ރާއްޖެ ދޫކުރެއްވިއެވެ. އޭރު އެ ހިނގަނީ ޖުމްހޫރީ ނިޒާމުގެ އައު ރައީސެއްގެ ޒަޢާމަތެވެ. މައުމޫންގެ ރިޔާސަތެވެ. އެހާތަނާޖެހެންދެން ނާސިރު ކުރެއްވި މަސައްކަތްޕުޅުން، ރާއްޖެ މިނިވަން ގައުމަކަށް ހެއްދެވިއެވެ. އދ.މެންބަރަކަށް ހެއްދެވިއެވެ. އިނގިރޭސި މީޑިއަމް ތަޢާރަފުކޮށް، ސެޓެލައިޓު ކޮމިއުނިކޭޝަނަށް ގޮސް، ދުނިޔެއާ ދިވެހިރާއްޖެ 'ހެލޯ ވޯލްޑް’، ކިޔުއްވިއެވެ. ސަތޭކަ ބޯޓުގެ އަމިއްލަ ޝިޕިންލައިނެއް އުފައްދަވައި، ރޯމަސް ގަންނާނެ ބަޔަކު ގެންނަވައި، އިންޖީނު އަޅުއްވައި، ޓޫރިޒަމް ތަޢާރަފުކުރަށްވައި، މި ޖުމްހޫރިއްޔާ ހަމަވައިގައި ބޮޑުރިޔަލާއި ދައްސޫރަ ރިޔަލުގައި، ދުއްވައިގަންނާނެ ވަރު ކުރެއްވިއެވެ. އެދުވަހު ނާސިރު ފެށްޓެވި ޖުމްހޫރީ ދަތުރު މިއޮތްެގެން ދުވަނީއެވެ. ކައްޕިއަކަށްފަހު، ކައްޕިއެއްގެ މާލިމީ ކަމުގައެވެ.
ރައީސް ނާސިރެވެ! ތިޔަ ތޫނު ސިކުނޑިފުޅުގެ ތޫނުކަން ލިޔާނެ ޤަލަމެއް ބަޔާންކުރާނެ ދުލެއްނެތެވެ! މަނިކުފާނަށް އައްސަރިބަހުން ސާބަހެެވެ!



advertisment