ރިޔާސީ އިންތިހާބުގެ ތެރޭގައި އާއްމުކުރި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅުގެ ވީޑިއޯއަކީ ބަޔަކު ސިޔާސީ ވިސްނުމެއްގައި ރައްޔިތުންނަށް ހަގީގަތް އޮޅުވައިލުމުގެ ބޭނުމުގައި ކޮށްފައިވާ ކަމެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ ރާއްޖޭގެ ތަރައްގީއާ ގުޅޭ މާސްޓަ ޕްލޭން އިފްތިތާހު ކުރެއްވުމަށް ފަހު، ސޯޝަލް ސެންޓަރުން ނިކުމެވަޑައިގެން މީޑިއާތަކަށް މިއަދު ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ބައްޕާފުޅު އަވަހާރަވިއިރު ކައިވެނި ބައްލަވައިގެން ހުންނެވި ސްރީލަންކާގެ ރައްޔިތެއް ކަމުގައިވާ ސްކީލާންއާ ގުޅޭ ގޮތުން މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެންޕެއިންގެ ތެރޭގައި ރާއްޖޭގެ ނޫހަކުން ނެރެފައިވާ "ދޮންމަންމަ" ވީޑިއޯއަކީ "އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް" ކަމަށް އޭރުވެސް ވިދާޅުވެފައިވާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ މީސްމީހުންގެ ޒާތީ ވާހަކަތައް ދައްކަވާ ބޭފުޅެއް ނޫން ކަމަށާއި މީހަކާ ބެހޭ ގޮތުން ވާހަކައެއް ދައްކަވާނަމަ އަބަދުވެސް ދައްކަވާފައިވާނީ އެމީހެއްގެ ރަނގަޅު ވާހަކަ ކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ދޮންމަންމާފުޅާ ބެހޭ ގޮތުން "އަދަދު" ނޫހުން އާއްމުކުރި އެ ވީޑިއޯއާ ގުޅިގެން އެ ކަމަކީ އާއިލީ ކަމަކަށް ވާތީ އެކަމާ އެއްޗެއް ވިދާޅުވާން ބޭނުންފުޅުވެސް ނުވި ކަމަށާއި ނަމަވެސް އެ ކަންތައް މިހާރު ބޮޑުވެފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބައްޕާފުޅު އަވަހާރަވުމާ އެކު އެ އޮންނަ އުސޫލުން ތަރިކަ ބެހުމުގެ ކަންކަން ކޯޓުން ނިންމައިފައިވާ ކަމަށެވެ. އެގޮތުން ސްރީލަންކާގެ ކޮލަންބޯގައި އޮތް ބައްޕަގެ ދެ ބިމަކާއި ކެންޑީގައި އޮތް ބިން އިމާރާތާ އެކު ދޮންމަންމައަށް ދެއްވައިފައިވާ ކަމަށާއި އެތަނުން ދެ ތަން ހުރީ ގެސްޓް ހައުސް ހަދައިފައި ވިޔަފާރިކޮށްގެން އާމްދަނީ ލިބޭ ގޮތަށް ކަމަށާއި ދެން ހުރީ ދިރިއުޅެން ހަދައިފައި ހުރި ތަނެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ނިންމީ އެ ތިން ގޯތި އިމާރާތާއި ވިޔަފާރިއާ އެއްކޮށް ދޮންމަންމައަށް ދޭން ހިލޭ. އެއްވެސް ބަދަލަކާ ނުލައި. އެހެންވެ އެ ތިން ގޯއްޗާއި ތިން އިމާރާތާ އެއްކޮށް ވިޔަފާރިއާ އެއްކޮށް ދޮންމަންމައަށް ދީފަ އެހެރީ ހިލޭ. އަދި ބައްޕަގެ ލަންކާގަ އެކައުންޓުގައި ހުރި ހުރިހާ ފައިސާއާ އެއްކޮށްދީފައި އެހެރީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެހެންކަމުން ރައީސް ޑރ. މުއިއްޒު ބައްޕާފުޅު އަވަހާރަވިއިރު ބައްޕަގެ އަންތބެއްގެ ގޮތުގައި ސްކީލާން އިންނެވުމުން ގާނޫނީ ގޮތުން މާލޭގެ ގޯތިން ލިބެން ޖެހޭ ތިން ބައި ކުޅަ އެއްބައި އެމަނިކުފާނަށް ދޫކޮށްލެއްވުމަށް ދޮންމަންމަ ނިންމެވީ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ބައްޕަ އަވަހާރަވުމަށްފަހު އެ އޮންނަ އުސޫލުން ތަރިކަ ބެހުމުގެ ކަންކަން ކޯޓު މަރުހަލާއިން ނިންމާފައިވާ ކަމަށެވެ. އަދި ދޮންމަންމައޭ ކިޔައިގެން އެނޫން ގޮތަކަށް ވާހަކަތައް ދައްކަނީ ސިޔާސީ ވިސްނުމުގައި އޮޅުވާލަން ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.



advertisment