މި ދައުރުގެ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި، "ޝަހީދުންގެ ހިޔާ"ގެ ނަމުގައި 50 ހައުސިން ޔުނިޓުގެ ހައުސިން އިމާރާތެއް އަޅައި ނިންމައި، ޝަހީދުންގެ ޢާއިލާތަކާ ހަވާލުކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި 29 ސިފައިންނާއި، ދެ ފުލުހުންނާއި ޢާއްމުންގެ 11 މީހުން، ޤައުމީ ޚިދުމަތާ ގުޅުން ހުރި އެކި ޙާލަތްތަކުގައި ދިމާވި ޙާދިސާތަކުގައި މި ދުނިޔެ ދޫކޮށްފައި ވީ ނަމަވެސް، އެ ބޭފުޅުންގެ އަގުވަޒަންކުރުމަށް، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުން އެއްވެސް ކަމެއް ކޮށްދެވިފައި ނުވާކަމީ ބޭއިންސާފެއް ކަމުގައި ވިދާޅުވެފައެވެ.
މި އަންނަ އަހަރުން ފެށިގެން، ޝަހީދުންގެ ޢާއިލާތަކަށާއި، 3 ނޮވެމްބަރުގެ މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ ލިބިވަޑައިގަތް ފަސް ބޭފުޅުންނާއި، މެޑަލް ފޯ ބްރޭވަރީ ލިބިވަޑައިގެންފައިވާ 10 ބޭފުޅުންނަށް ސަރުކާރުން ޚާއްޞަ އެލަވަންސެއް ދެއްވާނެކަންވެސް މިރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ އިޢުލާންކުރައްވާފައެވެ. އަދި މި އެލަވަންސް ދެއްވަމުން ގެންދަވާނީ، ކަނޑައެޅޭ، ގެޒެޓްކުރެވޭ އުޞޫލެއްގެ މަތިން، ދެމެހެއްޓެނިވި ގޮތެއްގައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތުން ކުރާ މި ފަދަ ކަމަކުން، ޝަހީދުންގެ ޖިހާދުގެ އަގެއް ނުދެއްކޭނޭ ކަމުގައްޔާއި ޢާއިލާތަކުގެ ހިތާމަތައް ފިލުވައި ނުދެވޭނޭކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ، ދައުލަތުން، ކުޑަމިނުން، މި ވަރު ކޮށްދޭން ވާނޭކަމުގައި ވިދާޅުވެފައެވެ.



advertisment