Support Us

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވައިދެއްވައިފި

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ. އެމަނިކުފާނު މި މައުރަޒު ހުޅުވައިދެއްވީ އެކަމަށްޓަކައި ޚާއްޞަކޮށްގެން މިއަދު ހެނދުނު ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ މި މައުރަޒު ބައްލަވާލައްވާފައެވެ.

ސިފައިންގެ މައުރަޒުން ފެނިގެންދަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެދުވަހު ނަޞްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ. އަދި މި މައުރަޒުގެ މައިގަނޑު އެއް ބޭނުމަކީ ނަޞްރުގެ ދުވަހުގެ މަޢުލޫމާތު އަދުގެ ޖީލަށް ބުނެދިނުމެވެ. މި މައުރަޒުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ޑިސްޕްލޭ ފެންނަން ހުންނާނެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މައުރަޒުގައި ފޮޓޯގެ އިތުރުން ނަޞްރުގެ ދުވަހު ބޭނުންކުރެއްވި ބައެއް އަސްލު ހަތިޔާރާއި ބައެއް ތަކެތި އާންމުންނަށް ދައްކާލުމަށް ބަހައްޓާފައިވެއެވެ.

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ކުރިއަށްދާނީ ނޮވެންބަރު 3 އިން 9 އަކަށް ނެޝަނަލް އާޓް ގެލެރީގައެވެ. އަދި މި މައުރަޒު އާންމުންނަށް ބަލައިލުމަށް ހުޅުވާފައި ހުންނާނީ ހެނދުނު 9 އިން 12 އަށް، މެންދުރުފަހު 2 އިން 6 އަދި ރޭގަނޑު 8 އިން 10 އަށެވެ.

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން ސިފައިންގެ އިސްވެރިންނާއި ވަޒީރުން އަދި ދަޢުލަތުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ ނަޞްރުގެ ދުވަސް ފެށިގެން ދިޔައީ ބޮޑު ޖަމާޢަތުގައި ކުރެއްވި ފަތިސް ނަމާދުންނެވެ. އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *