މި ފަހަރުގެ ބަޖެޓުންވެސް، ޤާނޫނުގައި އޮތް ގޮތަށް، ބްލޮކް ގްރާންޓުގެ ގޮތުގައި ފަސް އިންސައްތަ ކައުންސިލްތަކަށް ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުވައި ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މަގުފަހިކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކައުންސިލްތަކަށްލިބޭ އާމްދަނީ އިތުރުކުރުމަށް ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭނެ މަގުފަހިކޮށްދެއްވުމާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކޮށްދިނުމަށް ނިންމާމަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބްލޮކް ގްރާންޓުގެ ފަސް އިންސައްތައިގެ އިތުރަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލުތަކަށް ލިބޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް ފޮނުއްވާނެ ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރަށްވެސް ޤާނޫނުގައި ލިޔެފައި ހުރި، މިއަދާ ހަމައަށް ނުކޮށް ހުރި ކަންތައްތަކެއް ކުރިއަށް އޮތް ހަފުތާއެއް ނުވަތަ ދެހަފުތާއެއްގެ ތެރޭގައި ކައުންސިލްތަކަށް ހަވާލުކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާތައް ހިނގަމުންދާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބާރުވެރިކުރުވައިގެން ކައުންސިލްތައް މެދުވެރިކޮށް ކަންތައްތައް ކުރުމުގައި މި ސަރުކާރުން ގެންދަނީ ޢަމަލާއި ބަހާ ދިމާކުރަމުން ކަމަށެވެ. އަދި މިއަދު ހުޅުވިގެންދާ "އޮޅު ހިޔާ" އަކީ އެކަމުގެ ނަތީޖާއެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



advertisment