Support Us

ބުޅަލަށް ހާއްސަ "އޮޅު ހިޔާ" ހުޅުއްވައިދެއްވައިފި

މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ "އޮޅު ހިޔާ" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. މި ސަރުކާރުގެ ހަފްތާ 14ގެ ވަޢުދުތަކުގައި ހިމެނޭ މި ފެސިލިޓީ އެމަނިކުފާނު ހުޅުއްވައިދެއްވީ މިއަދު ހަވީރު ހުޅުމާލޭގެ ފޭސް-2 ގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަޝްރޫޢުއަކީ އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ހިންގެވުމަށް މަސައްކަތްޕުޅު ކުރެއްވި މަޝްރޫޢެއްކަމަށެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން އެމަޝްރޫޢު ކުރިއަށް ނުގެންދެވުނީ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޅު ހިޔާ މަޝްރޫޢު ހަޤީޤަތަކަށް ހެދުމަށް މި ސަރުކާރުން ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި މަސައްކަތަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި ރާއްޖޭގައި މިފަދަ ދިރޭތަކެތި ރައްކާތެރި ގޮތެއްގައި ބެލެހެއްޓުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ނަމުގައި މިނިސްޓްރީއެއް ޤާއިމުކުރެއްވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ފެސިލިޓީ ޤާއިމުކުރުމަށް ބިން ހަމަޖައްސަވައި ހުރިހާ ވަޞީލަތްތަކެއް މަގުފަހިކޮށްދެއްވައި މި މަޝްރޫޢު ކުރިއަށްގެންދިއުމަށް މާލެ ސިޓީ ކައުންސިލާ ހަވާލުކުރެއްވި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންތައްތައް ކުރެއްވުމަށް އިސްކަންދެއްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކައުންސިލްތަކާ ބައްދަލުކުރައްވައި އެ ކައުންސިލްތަކުން ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގައި އެންމެ ބޮޑަށް އެންމެ އިސްކަމެއް ދީގެން އަޅުގަނޑުމެން މަސައްކަތްކުރަމުންދާކަން އެއީ ފެންނަން އޮތް ހަޤީޤަތް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ކުރައްވާ މަސައްކަތްތައްވެސް މި ރަސްމިއްޔާތުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުފަހިކޮށްދެއްވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުންވެސް އެމަނިކުފާނު ވަނީ ރައްޔިތުންނާ ގުޅިގެން ރައްޔިތުން ބޭނުންވާކަންކަން ފަހިކޮށްދެއްވުމަށް މި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި ދައުލަތުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕެޓް ކެއަރ ފެސިލިޓީ، "އޮޅު ހިޔާ" ހުޅުއްވައިދެއްވައި އެތަން ބައްލަވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *