Support Us

ދައުލަތުގެ އެއްވެސް ބާރަކަށް ނުފޫޒު ފޯރުވައިފައެއް ނުވާނެ، ދެން ވެސް ނުފޯރުވާނަން: ރައީސް

‏ދައުލަތުގެ އެއްވެސް ބާރަކަށް މިހާތަނަށް ނުފޫޒު ފޯރުއްވައިފައި ނުވާނެ ކަމަށާއި ދެން ވެސް ނުފޯރުއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސާއި ނައިބް ރައީސް އައްޔަނުކުރުމަށް މަޖިލީހަށް ނަން ފޮނުވުމުގެ ބާރު ލިބިދޭގޮތަށް އެ ދެ މުވައްސަސާގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅީ މިނިވަން މުވައްސަސާ ތަކަށް ސަރުކާރުން ނުފޫޒު ފޯރުވައި، އެ ދެ މުވައްސަސާ ގަޑުބަޑުކުރަން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަން ފެށުމުން އެކްސްގައި މިރޭ ލިޔުއްވި ޕޯސްޓެއްގައެވެ.

ނަމަވެސް ރައީސް ވިދާޅުވީ "އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ" ކަމަށެވެ.

"ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އަޅުގަނޑު މިއަދާ ހަމަޔަށްވެސް ކުރިކަމެއްނޫން އަދި ކުރިޔަށް އޮތް ތާނގައިވެސް ކުރާނޭކަމެއްނޫން!. އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަން," ރައީސް ވިދާޅުވިއެވެ.


އަނެއްކޮޅުން، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު އެކްސްގައި މިރޭ ވިދާޅުވީ އެ އިސްލާހަކީ މިނިވަން މުއައްސަސާތަކުން 2023 ގައި ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށާއި އެޓަރނީ ޖެނެރަލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް، އޭސީސީ، އީސީ، އެޗްއާރުސީއެމް އަދި ސީއެއްސީގެ މެންބަރުން ހުށަހެޅި ޕޭޕަރުގައި ހިމެނިފައިވާ ކަމެއް ކަމަށެވެ. އަދި އެއީ ދުނިޔޭގެ ކުރިއަރާފައިވާ އެމެރިކާ ފަދަ ޤައުމުތަކުންވެސް އެކަން ކުރަމުން އަންނަގޮތް ކަމަށެވެ.

"އީސީ، އޭސީސީގެ ރައީސާއި ނާއިބު ރައީސް، ރައީސުލް ޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާގޮތަށް މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާޙަކީ މިނިވަން މުއައްސަސާތަކުން 2023 ގައި ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށާއި، އެޓަރނީ ޖެނެރަލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް، އޭސީސީ، އީސީ، އެޗްއާރުސީއެމް އަދި ސީއެއްސީގެ މެންބަރުން ހުށަހެޅި ޕޭޕަރުގައި ހިމެނިފައިވާ ކަމެއް. އަދި އެއީ ދުނިޔޭގެ ކުރިއަރާފައިވާ އެމެރިކާ ފަދަ ޤައުމުތަކުންވެސް އެކަން ކުރަމުން އަންނަގޮތް،" ހަބީބު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *