Support Us

ސައީދުގެ ތުލަ ކޮލަމް

އަޅުގަނޑުގެ މީޓަރުގެ ކޮންޓްރޯލް އަޅުގަނޑު އަތަށް

މީގެ އަހަރުތަކެއް ކުރިން، 2020ގެ ތަސައްވުރެއް ކަނޑައަޅައި، ރާއްޖެ 2020 ގައި އޮންނާނެ ގޮތާއި، ޙާސިލްކުރަން ބޭނުންވާ ކަންތައްތައް ތަރުތީބު ކުރެވި، އެ ކަންތައްތައް ޙާސިލްކުރަން މަގުކޮށަން ފެށުނެވެ. ނަމަވެސް، 2020 މުޅި ދުނިޔެއާއި ބައްދަލުކުރީ، ނުރައްކާތެރި ވަބާއަކާ އެކުގައެވެ. ގަރުނުގައިވެސް، އިންސާނުން ތަހައްމަލު ކުރަން ނުޖެހޭވަރުގެ ދަތި އުދަނގޫތަކާ އެކުގައެވެ. އާދެ، ކޮވިޑް19 އެވެ.

ކޮވިޑް19ގެ ސަބަބުން، މުސީބާތް ކުރިމަތިވީ ހަމައެކަނި އިންސާނީ ނަސްލަކަށް ނޫނެވެ. ގައުމުތަކުގެ އިގްތިސާދު ކުޑަކަކޫ މައްޗަށް ތިރިކޮށްލައިފިއެވެ. ކުރިއަރާފައިވާ ތަހުޒީބު ސިއްޙީ ނިޒާމުތައް ބަލިކަށިކޮށް ފޫއަޅުވާލައިފިއެވެ. ބޮޑެތި ކުންފުނިތައް ބަނގުރޫޓް ވެއްޖެއެވެ. ދަތުރުފަތުރު ހުއްޓައިލަން ޖެހިއްޖެއެވެ.

ކޮވިޑާ ގުޅިގެން ރާއްޖެއަށްވެސް އިންތިހާއަށް އަސަރުކޮށްފިއެވެ. ގައުމުތައް ފުރަބަންދު ކުރުމާއި ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ދުވަހަކުވެސް ދަށްނުވާ މިންވަރަށް ދަށްވެއްޖެއެވެ. މީހުން ވަޒީފާތަކުން ވަކިކުރަން މަޖުބޫރުވެއްޖެއެވެ. ކުއްލިއަކަށް މިއައި އިގްތިސާދީ ތަދުމަޑުކަމުގައި ހަދާނެ ގޮތެއް ނެތް އާއިލާތައް އިންތިހާއަށް ގިނަވެއްޖެއެވެ. ކުދި ވިޔަފާރިތައް ހުއްޓި، އަތްމަތި ދަތިވެއްޖެއެވެ. މިއީ މިޒަމާނުގެ ކުދިން ދުވަހަކުވެސް ދިމާވެދާނެ ކަމަށް ހިތައް އަރުވާލި ދުވަސްތަކެއް ނޫނެވެ. ކޮވިޑްގެ ބަނަކަން އަދިވެސް އޮތީ ކުރިއަށެވެ.

ރައްޔިތުންގެ ދަތި އުދަނގޫތަކަށް ސަރުކާރުން އަންނަނީ ކޮންމެވެސް މިންވަރެއްގެ ތަސައްލީއެއް ދެވޭތޯއެވެ. ތަފާތު ސްކީމްތަކުގެ ނަމުގައި އެހީތެރިކަމުގެ އަތް ދަނީ ދިއްކުރަމުންނެވެ.

ކޮވިޑްގެ މި ބަނަ ދުވަސްތަކުގައި ރައްޔިތުންނަށް ކޮންމެވެސް މިންވަރެއްގެ ހިތްހަމަޖެހުމެއް ލިބުނީ ފެނާއި ކަރަންޓުން ސަބްސިޑީ ދޭނެ ވާހަކަ އެވެ. ސާޅީސް އިންސައްތައާއި ހަމައަށް ސަބްސިޑީ ލިބުމަކީ ވަރަށް ބޮޑު އުފަލެއް ހުރިހާ ފަރާތްތަކަކަށް ލިބުނު ކަމެކެވެ.

އެހެން ނަމަވެސް، ސަބްސިޑީ ލިބިގެން އުފާވި މިންވަރަށްވުރެ ބޮޑަށް ތިލަވި ވާހަކައަކީ، ކަރަންޓުބިލް ފިތް ކަނޑައިގެންދާ ވަރަށް ބޮޑުވުމުގެ ވާހަކައެވެ. ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ބިލްތަކުގެ ފޮޓޯއާއެކު އެ ފަރާތްތަކުން ބުނަމުންގެންދިޔައީ، މިއިން ޒަމާނެއްގައިވެސް ބޮޑު ނުވާ މިންވަރަށް ކަރަންޓް ބިލް ބޮޑުވެއްޖެ ވާހަކައެވެ. ސަބްސިޑީއަކުން ވީ ފައިދާއެއް ނެތް ވާހަކައެވެ. މާޔޫސްކަން އިތުރުވީއެވެ. ޚިދުމަތްދޭ ފަރާތާ ދޭތެރޭ އަނެއްކާވެސް ޙަސަދަވެރިވާންވީއެވެ.

ރައްޔިތުންގެ މި ކަންބޮޑުވުމަށް ޚިދުމަތްދޭ ފަރާތުން އަބަދުވެސް ޖަވާބު ދެއެވެ. މިދުވަސްކޮޅު ހޫނީއެވެ. ކަރަންޓް ގިނައިން ބޭނުން ކުރެވުނީއެވެ. އެހެންވެ ބިލް ބޮޑުވީއެވެ. މިވާހަކައަށް، ސޯޝަލް މީޑިއާގައި ޖަވާބު ދީފައިހުރެއެވެ. އެހެންވިއްޔާ ދުވާލެއްގެ 24 ގަޑިއިރު، 48 ގަޑިއިރަށް ބަދަލުވީތޯއެވެ؟

އަޅުގަނޑުވެސް 12 މަހުގެ ކަރަންޓްބިލް އެއްކޮށްގެން ބަލާލީމެވެ. މިދިޔަ އަހަރުގެ މެއި، ޖޫން އަށް ވުރެ، މި އަހަރުގެ މެއި، ޖޫންގެ ކަރަންޓްބިލް ބޮޑެވެ. ބޮޑު ތަނުންނެވެ. ގޭގެ މީހުންގެ އަދަދު އެއްވަރެކެވެ. ކޮޓަރި އެއްވަރެކެވެ. ކަރަންޓް ޚަރަދު ކުޑަކުރުމަށް، އައިސްއަލަމާރިއާއި ދޮންނަ މެޝިނާއި އެއަރކޯންތައް، ބޮޑު ޚަރަދުކޮށްގެން އިންވާޓަރ އެއްޗިއްސަށް ބަދަލުކޮށްލީ، މިއަހަރު ކުރީކޮޅުގައެވެ. ހުރިހާ ލައިޓެއް އެނަރޖީ ސޭވް ލައިޓަށްވެސް ބަދަލުކޮށްލީމެވެ. މިކަމުންވެސް ވީ ފައިދާއެއް ނެތެވެ. ކަރަންޓް ބިލް ވީ ބޮޑެވެ. ކަރަންޓްބިލް ކުޑަކުރުމަށް ކުރެވުނު ޚަރަދުވީ ބޭކާރު އެއްޗެކަށެވެ.

ފެނާއި، ކަރަންޓާއި އިންޓަރނެޓުގެ އަގު ބޮޑުކަމުގައި އަބަދުވެސް މީހުން ޝަކުވާ ކުރެއެވެ. އެހެންނަމަވެސް، ޚިދުމަތް ހޯދާ އެއްވެސް ފަރާތެއްގެ ބިލް ގަސްދުގައި ބޮޑުކޮށް އޮޅުވާލާނެކަމަށް އަޅުގަނޑު އެއްވެސް އިރެއްގައި ގަބޫލެއް ނުކުރަމަވެ. އެހެންނަމަވެސް، ކުންފުނިތަކުން ޝާއިއުކުރާ އަހަރީ ރިޕޯޓުތަކަށް ބަލާއިރު، ފައިދާގެ ނިސްބަތުން އަދިވެސް ޚިދުމަތް އަގުހެޔޮ ކުރެވިދާނެނޫންތޯ ކިތައްމެ ފަހަރަކު ހިތައް އަރައެވެ. ސްޓެލްކޯގެ ވެބްސައިޓްގައި ޝާއިއުކުރައްވާފައިވާ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ބަލާލީމާވެސް ހިތަށް އަރަނީ ހަމަ އެހެންނެވެ.

އަޅުގަނޑުމެން ކުޑައިރު، މަގުމަތީގައި ހުންނަ ހޮޅިބުރި ދިއްލަނީ ބައިސްކަލެއްގައި އަންނަ މީހަކު އޭނާ ގެންގުޅޭ އޮނުބުރިއަކުންނެވެ. ނިކަން ފަރިތަކޮށް އޭނާ އެކަން ކޮށްލައެވެ. ނަމަވެސް، މިހާރު އެކަން ކޮށްލަނީ އިންޖީނުގޭގައި ހުންނަ ކޮންމެވެސް މީހަކު ޖައްސާލާ ސްވިޗަކުންނެވެ. ނުވަތަ މިކަން މިހާރު ހުންނާނީ ވަކި ގަޑިއެއް ޖެހުނީމާ، ދިއްލޭގޮތަށް "ޕްރޮގްރާމް" ކޮށްފައެވެ.

ރާއްޖޭގެ އާބާދީގެ ކޮންމެ މީހަކަ ކަހަލަ ގޮތަކަށް ސްމާޓް ފޯނެއް ގެންގުޅެއެވެ. ކަރަންޓުގެ ޚިދުމަތްދޭ ފަރާތްތަކުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، އެމީހެއްގެ ބެލުމުގެ ދަށުގައި ހުންނަ މީޓަރު ބޭނުންކުރެވޭ މިންވަރަކާއި، ގޭގައި ހުންނަ އާލާމްތަކުން ކަރަންޓް ބޭނުންކުރާ މިންވަރަކާއި، މަހެއްގެ މައްޗަށް އޭނާ ކަނޑައަޅާ މިންވަރަށްވުރެ އިތުރަށް ކަރަންޓް ބޭނުންކުރާނަމަ، އެލާރޓް އެޅުންފަދަ ކަންކަން ފުރިހަމަ ކުރެވިއްޖެނަމަ، ބިލް ބޮޑުވެގެން ކުރާ ޝަކުވާ ހުއްޓުނީއެވެ.

ޚިދުމަތް ދޭ ފަރާތުގެ މުސާރަތައް ކިތައްމެ ބޮޑަސް، އަޅުގަނޑުގެ މީޓަރުގެ ކޮންޓްރޯލް އަޅުގަނޑުގެ އަތުގައި އޮތިއްޔާ އެއާމެދު އަޅުގަނޑަށް ޝަކުވާއެއް ނުކުރެވޭނެ ދެއްތޯއެވެ؟