Support Us

ރާއްޖޭގެ ތަރައްޤީގައި ޔޫ.އެން.ޑީ.ޕީން މުހިންމު ދައުރެއް އަދާކުރޭ: ރައީސް

ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ހޯދަމުންދާ ކުރިއެރުންތަކުގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އިން މުހިންމު ދައުރެއް އަދާކުރާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގައި ޔޫއެންޑީޕީގެ އޮފީހެއް ގާއިމުކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފުލާގައި ޔޫއެންޑީޕީގެ އިސްފަރާތްތަކާއި ވަޒީރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވޭތުވެ ދިޔަ 45 އަހަރުގެ ތެރޭގައި އދ. އާއެކު މަސައްކަތްކޮށް ރާއްޖެއިން މުހިންމު ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ގުޅިގެން ކުރެވޭ އެ މަސައްކަތްތަކަކީ ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ކަންކަން ހާސިލުކުރުމަށާއި ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ވެސް އެހާމެ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ޔޫ.އޭން.ޑީ.ޕީ- މޯލްޑިވްސް އުފައްދައިފައި ވަނީ ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއާއި އިންސާނީ ކަރާމާތާއި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ދޭ އަހައްމިއްޔަތުކަން ހިމެނޭހެން ދެފަރާތުން ހިއްސާކުރާ މުހިންމު ކަންތައްތަކެއް ނަގަހައްޓައި އަދި ކޮންމެ ދިވެއްސަކަށްވެސް ކުރިމަގުގައި ކުރިޔަށްދެވޭނެ ފުރުޞަތުތައް ފަހިވެފައިވާކަން ކަށަވަރުކޮށްދިނުމަށް ކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ، ރާއްޖެއަކީ އިޤްތިޞާދީ ގޮތުން އެންމެ ކުޑަކޮށް ތަރައްޤީ ހާސިލުވެފައިވާ ޤައުމަކުންފެށިގެން އައިސް ޒަމާނީ ބަދަލުތަކާއެކު ވިލުންތެރި އަދި ތަރައްޤީގައި ކުރިއަށް ދަތުރުކުރާ ޤައުމަކަށް ބަދަލުވުމުގައްޔާއި، އަދި މުޅި އެބަދަލުގައި ޔޫ.އެން.ޑީ.ޕީން އަދާކުރި ދައުރުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އުނިވެ ތަރައްޤީވަމުން އަންނަ ޤައުމަކަށް ރާއްޖެ 2011 ވަނަ އަހަރު ބަދަލުވި މަރުހަލާގައި ޔޫ.އެން.ޑީ.ޕީން ލިބުނު އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޔޫ.އެން.ޑީ.ޕީން ހަމައެކަނި ތަރައްޤީގެ އަސާސީ ކަންކަމަށް އިސްކަންދިނުމުގެ ބަދަލުގައި މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ވިލުންތެރިކަން އިތުރުކުރުމާއި އިޤްތިޞާދު ސިންދަފާތުކުރުމާއި އިޖުތިމާޢީ ބައިވެރިކުރުވުމާއި އަންހެނުން ބާރުވެރިކުރުވުމާއި ހިންގުމުގެ ރަނގަޅުގޮތްތަކާއި މުޢައްސަސާތައް ރިފޯމުކުރުން ފަދަ ފަހުން ކުރިއަރަމުން އަންނަ ކަންކަމަށް ޔޫ.އެން.ޑީ.ޕީގެ ޕްރޮގްރާމުތައް ފުޅާކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަންދޭ ޑިޖިޓަލް އިކޮނޮމީއެއްގެ ގޮތުގައި ކުރިޔަށްގޮސް ދިވެހިރާއްޖެ 2040 ވަނަ އަހަރާހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ތަކުރާރުކުރައްވާފައެވެ. އަދި ސަރުކާރުން މިހާރު ފަށާފައިވާ ރާއްޖޭގެ ކުރިއަށްއޮތް 20 އަހަރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތާއި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ޔޫ.އެން.ޑީ.ޕީން ފޯރުކޮށްދޭ އެހީތެރިކަން ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ވޭތުވެދިޔަ އަހަރުތަކުގައި އދ އިން ރާއްޖެއަށް ވެދެއްވަމުންގެންދެވި އެހީތެރިކަމާ ދެއްވަމުން ގެންދެވި އެއްބާރުލެއްވުމަށްޓަކައި އދ އަށް ޝުކުރު އަދާކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *