އިންޑިއާގެ ބެންގަލޫރުގައި ހުންނަ ސެއިންޓް ޖޯސެފް ޔުނިވަރސިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަކީ ސެއިންޓް ޖޯސެފް ޔުނިވަރސިޓީގެ އިސްދަރިވަރެކެވެ.
ޔުނިވަރސިޓީއަށް ވަޑައިގަތުމުން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ، އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، ރެވެރެންޑް ޑޮކްޓަރ ވިކްޓަރ ލޯބޯ އާއި ރަޖިސްޓްރާ، ޕްރޮފެސަރ ޑޮކްޓަރ މެލްވިން ކޮލާކޯއެވެ.
މެޑަމް ސާޖިދާ ސެއިންޓް ޖޯސެފް ޔުނިވަރސިޓީއަށް ޒިޔާރަތްކުރެއްވީތީ، ވައިސް ޗާންސެލަރ އެކަމަނާއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އެކަމަނާއަކީ، ސެއިންޓް ޖޯސެފް ޔުނިވަރސިޓީގެ ފާހަގަކޮށްލެވޭ އިސްދަރިވަރަކަށް ވީތީ އުފާކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މެޑަމް ސާޖިދާ ދެއްކެވި ވާހަކަފުޅުގައި، ސެއިންޓް ޖޯސެފް ޔުނިވަރސިޓީއަށް ޒިޔާރަތްކުރެއްވީ އުފަލާއެކުގައިކަން ފާހަގަކުރައްވައި، އެ ޔުނިވަރސިޓީ އަކީ އެކަމަނާގެ މަތީ ތަޢުލީމުގެ ދަތުރު ފެއްޓެވި މަންޒިލްކަމުގައި ވިދާޅުވިއެވެ. އަދި ސެއިންޓް ޖޯސެފް ޔުނިވަރސިޓީއަކީ އެކަމަނާގެ ހިތްޕުޅުގައި ޚާއްޞަ މަޤާމެއް ދެވިފައިވާ ތަޢުލީމީ މުއައްސަސާއެއްކަމަށް ވެސް ވިދާޅުވިއެވެ.
ޔުނިވަރސިޓީ ދައުރުގެ ހަނދާންތައް އާކުރައްވަމުން، އެ ދައުރުގައި ލިބިވަޑައިގެންނެވި ރަޙުމަތްތެރިންނާއި އޭރު އިރުޝާދު ދެއްވި މުރުޝިދުން އެކަމަނާގެ ހަޔާތްޕުޅުގައި ތަބްދީލީ ދައުރެއް އަދާކުރެއްވި ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި ތަޢުލީމު ހާސިލްކުރެއްވުމަށް ބެންގަލޫރުގައި ދިރިއުޅުއްވި އިރު، އެ ސިޓީ ފާހަގަކުރެއްވުނީ، ޘަޤާފީ އަދި ބަހަވީ ސިންދަފާތު ފެންނަ، ދިރުން ހުރި ތަނެއްގެ ގޮތުގައިކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.



advertisment