އެދުރު ޢުމަރު މާފަތްކަލޭގެފާނު ނުވަތަ އަލްވަޒީރު އެދުރު ޢުމަރު މާފަތްކަލޭގެފާނަކީ މާލެއަށް އުފަން ބޭފުޅެކެވެ. މަލިކު މީހުން އަތުން ލިޔެ ނަކަލުކޮށްގެން ގެންގުޅޭ "ތައުފީދު" (ބޮޑު ތާހީދު) ރައިވަރު ފޮތްތަކުގެ ތެރެއިން ފޮތެއްގައި އޮތްގޮތުން އެދުރު ޢުމަރު މާފަތްކަލޭގެފާނަކީ ހައްދުންމަތީ ގަމު މޫސާ މޭނާކަލޭގެ ފުތް އަލްވަޒީރު ދޮންޢަލީ ދަހަރަދަ ކަލޭގެފާނުން، ކުޅުދުއްފުށީ އަލްޚަޠީބް މުޙައްމަދު ކަލޭގެ ދި ކަދީދާ ކަނބުލޯގެ ބަނޑުން އުފަން ޢުމަރު ގަދަހަމާންތި ކަލޭގެފާނު" އެވެ. މި ޢުމަރު ގަދަހަމާންތި ކަލޭގެފާނު އެންމެ މަޝްހޫރުވެފައިވަނީ މާފަތްކަމުގައި ހުންނެވިއިރުގެ ލަގަބުންނެވެ. އާދެ! އެދުރު ޢުމަރު މާފަތް ކަލޭގެފާނުގެ ގޮތުގައެވެ. މި ކަލޭގެފާނަކީ ދިވެހި އަދީބުންގެ ތެރެއިން އެންމެ ދުރުން އެނގެން އޮތް އަދީބުކަމަށް ގިނަ ބޭފުޅުން އެއްބަސްވެވަޑައިގަންނަވައެވެ.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ހާމަކުރައްވާފައިވާ ގޮތުގައި މިކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 12 ވަނަ ޤަރުނު ގެ ތެރޭގައެވެ. އަޙްމަދު ޝަފީޤު ލިޔުއްވާފައިވާ ގޮތުގައި މި ކަލޭގެފާނު އުފަންވެވަޑައިގަތީ މީލާދީން 1680 ވަނަ އަހަރުގައެވެ. އެދުރު ޢުމަރު މާފަތްކަލޭގެފާނު އުފަންވެ ވަޑައިގެންފައިވަނީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (1648-1687) ނުވަތަ މަޝްހޫރު އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އަލްޤާޟީ ޙަސަން ތާޖުއްދީން ލައްވާ ހުކުރު މިސްކިތުގެ ދާލައިގައި ދީނީ ތަޢުލީމު ދެއްވަން ފެއްޓެވި ދުވަސްވަރުއެވެ. ބޮޑުފުޅުވީ އައްސުލްޠާން މުޙައްމަދު މުޙުޔިއްދީނުލް ޢާދިލު (1691-1692) ގެ ރަސްކަމުގައި އިސްލާމްދީނަށާއި ދީނީ ޢިލްމުވެރިންނަށް އިސްކަންދެއްވައި، ދީނީ ޢިލްމު ފެތުރުއްވުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރެއްވި ދުވަސްވަރުގައެވެ. އެ ދުވަސްވަރު އެންމެ މަޝްހޫރު އެއް ދީނީ ޢިލްމުވެރިޔާ ކަމުގައިވާ އަލްޤާޟީ ޙަސަން ތާޖުއްދީނު އޭގެ ފަހުން ވެސް އެކިއެކި ރަސްރަސްކަލުންގެ އަރިހުގައި ދީނަށް ކޮށްދެއްވި ދުވަސްވަރުގައެވެ. އެހެންކަމުން އެދުރު ޢުމަރު މާފަތްކަލޭގެފާނު ވާނީ އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ދަރިވަރަކަށް ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވެއެވެ. އަދި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނުލް ޙަމަވީ (1692) ގެ ރަސްކަމުގައި ފަނޑިޔާރުކަމުގައި ހުންނެވި ދެއްވަދޫ ފަނޑިޔާރުތަކުރުފާނު ނުވަތަ ފަހުން އައްސުލްޠާން މުޙައްމަދު އިބްނު އަލްޙާއްޖު ޢަލީތުއްކަލާ (ދެއްވަދޫ ރަސްގެފާނު) އަކީ ވެސް އެދުރު ޢުމަރު މާފަތްކަލޭގެފާނުގެ އެދުރެއްކަމުގައި ބެލެވެއެވެ.
އެދުރު ޢުމަރު މާފަތްކަލޭގެފާނާ ބެހޭ ގޮތުން ބުނެވެނީ މިއީ ހައިބަތުހުރި ބަނިޔާދަން ބޭފުޅެއްކަމަށެވެ. ދީންވެރި، ތަޤުވާވެރި، ވަރަޢަވެރި ބޭފުޅެއްކަމަށެވެ. މުދާވެރިކަމަށާއި ފައިސާވެރިކަމަށް ލޯބިކުރެއްވި ބޭފުޅެއް ނޫނެވެ. މީހުންނަށް ޢިލްމު އުނގަންނައިދެއްވުމަށް ދަރުމައަށް މަސައްކަތްކުރެއްވި ޚިދުމަތްތެރި އެދުރު ބޭފުޅެކެވެ. ނަންފުޅާއެކު ލަގަބެއްގެ ގޮތުގައި "އެދުރު" ބޭނުންކުރަމުން އައީ އެ ސަބަބާހުރެއެވެ. މާފަތްކަމަކީ ރަދުންގެ ފަރާތްޕުޅުން ދެއްވާފައިވާ ކޮއިލުތެރޭގެ ރަސްމީ މަޤާމެކެވެ. މިއީ ދިވެހި ބަސްމަގު ރަނގަޅަށް އެނގިވަޑައިގެންފައިވާ ޝަރުޢީ އަދި ޤާނޫނީ ޢިލްމުގެ ބޭފުޅުންނަށް ދެއްވާ މަޤާމެކެވެ. އާދަކާދައިގެމަތީން މާފަތްކަން ދެއްވާ ބޭފުޅުންނަށް ދެއްވާ ޢިއްޒަތުގެ ހެދުމާއި އަސާ އެދުރު ޢުމަރު މާފަތްކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. ރަސްމީ ހައިސިއްޔަތުން ކުރެއްވި މަސައްކަތްޕުޅަކީ ކޮއިލުތެރޭގައި ޝަރުޢީ އަދި ޤާނޫނީ ރަސްމީ ލިޔެކިޔުންތައް އެކަށައެޅުއްވުމާއި، އެ ލިޔެކިޔުންތައް ބެލެހެއްޓެވުމުގެ އެންމެ އިސް ޢަމުރުވެރިއެއްގެ ގޮތުން މަސައްކަތްޕުޅު ކުރެއްވުމެވެ.
އެދުރު ޢުމަރު މާފަތްކަލޭފަނުގެ އެންމެ ބޮޑު ޤައުމީ ޚިދުމަތަކީ އެކަލޭގެފާނު ލިޔުއްވި "ބޮޑުތާހީދު" ނުވަތަ ތައުޙީދާއި ފަރްޟު ޢިލްމުގެ ބޮޑު ފޮތެވެ. މިއީ ދިވެހިބަހުގެ އަދީބުންނާއި މުއައްރިޚުން އިއްތިފާޤުވާ ކަމެކެވެ. މިފޮތް ލިޔުއްވާފައިވަނީ އެވޭލާ ޅެންބަހުން މުސްލިމަކު ދެނެގަތުމަށް ވާޖިބު ޢަޤީދާއާއި، ނަސޭހަތާއި، ސީރަތުގެ ބައިތައް ހިމަނައިގެންނެވެ. މި ފޮތަކީ ދިވެހިރާއްޖޭގެ ޒަމާންވީ ތާރީޚުގައި އެންމެ ކުރިން ލިޔެވުނު މި ބާވަތުގެ ފޮތެވެ. ބޮޑުތާހީދުގެ އިތުރުން ވެސް އެކިއެކި ފޮތްފޮތް ލިޔުއްވިއެވެ. ބުނެވޭގޮތުގައި އެ ފޮތްތައް ފެންނަންނެތި ދިޔައީއެވެ. މި ފޮތުގެ ނަމުގެ ފަހަތުގައި މިވާ "ތާހީދު" ގެ މުރާދަކީ ނުވަތަ މާނައަކީ ތައުހީދެވެ.
ބޮޑުތާހީދަކީ ދިވެހިބަހުގެ އަދަބުތައް ވެސް އަންގައިދޭ އެންމެ އިސްފޮތެވެ. އެހެންކަމުން ދިވެހި ޢިލްމީ ޚަޒާނާގެ އެންމެ އަޑީގައި އޮތީ މި ފޮތެވެ. 445 ރައިވަރުގެ މައްޗަށް އެކުލަވާލައްވާފައިވާ ބޮޑުތާހީދު ލިޔުއްވާފައިވަނީ ހިޖުރައިން 1150 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ މީލާދީން 1737-1738 ވަނަ އަހަރެވެ.
މި ރައިވަރު ފޮތުގައި ވަނީ އިސްލާމްދީނުގެ އަޤީދައިގެ ވާހަކަތަކާއި ދީނުގެ ހެޔޮނަސޭހަތް ތަކުގެ ވާހަކައެވެ. ނަބިއްޔުންނާއި ރަސޫލުންގެ ވާހަކަތެކެވެ. ސުވަރުގެ އާއި ނަރަކައިގެ ވާހަކަތަކެވެ. އާޚިރަތް ދުވަހުގެ ވާހަކައާއި ޢަޛާބާއި ޘަވާބުގެ ވާހަކަތެކެވެ. މި ފޮތް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ވަނީ 2006 ވަނަ އަހަރު ޝާއިޢުކުރައްވާފައެވެ. ބޮޑުތާހީދަކީ އަމިއްލަ މީސްމީހުން އެއްފޮތުން އަނެއްފޮތަށް ނަކަލުކުރަމުން އައިސްފައިވާ ފޮތަކަށްވާތީ ބައެއް ކުށްތަކާއި އެއްފޮތް އަނެއްފޮތާ ބައެއް ތަފާތުތައް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ.
އެދުރު ޢުމަރު މާފަތްކަލޭގެފަނުގެ ޅެންވެރިކަމުގެ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އަނެއް ކަމަކީ ދިވެހި ރައިވަރުގެ ބަހުގެ އަދަދު ތިންބަހާއި ހަބަހުގައި ހިފެހެއްޓެވުމެވެ. އޭގެ ކުރީގައި ރައިވަރުގައި ބަހުގެ ވަކި އަދަދެއް ނޯވެއެވެ. 10 ބަހާއި 12 ބަހުގެ ރައިވަރު ވެސް ހުއްޓެވެ.
އެދުރު ޢުމަރު މާފަތްކަލޭގެފާނު އަވަހާރަވީ މީލާދީން 1742 ވަނަ އަހަރުގައި، ޢުމުރުން 62 އަހަރުފުޅުގައެވެ.
ރިފަރެންސް:
އަޙްމަދު ޝަފީޤު. (1997). ޢިލްމީ ޚިދުމަތްތެރިން-1. މާލެ، ދިވެހިރާއްޖެ. މުދައްރިސުންގެ ތަޢުލީމީ މަރުކަޒު
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (2010). ޅެންވެރީންގެ ދުވަސް 2010. ލުއިފޮތް.
ނާޖިޙު ދީދީ. (2024) ފޭސްބުކް ޕޭޖް. ނެގީ https://www.facebook.com/share/p/Rd4s49AU7q9kU6J7/?mibextid=oFDknk
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމެއް



advertisment