Support Us

ދިވެހީން، ދިވެހީންގެ ރަށްތަކުގެ ޙިމާޔަތުގައި މަސައްކަތް ކުރާނެ: ރައީސުލްޖުމްހޫރިއްޔާ

އެއްވެސް ދިވެއްސަކު އަމިއްލަ ރުހުމުގައި އެމީހެއްގެ އަމިއްލަ ރަށް ދޫކޮށް ދާން ނޭދޭނެ ކަމަށާއި ދިވެހީން، ދިވެހީންގެ ރަށްތަކުގެ ޙިމާޔަތުގައި މަސައްކަތް ކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހައި-ލެވެލް ޕްލެނަރީ މީޓީންގ އޮން އެޑްރެސިންގ އެގްޒިސްޓެންޝަލް ތްރެޓްސް ޕޯޒްޑް ބައި ސީ-ލެވެލް ރައިޒްގައި "ދިރިއުޅުން ބިނާވެފައިވާ މަސައްކަތް، އިޖްތިމާޢީ-އިޤްތިޞާދީ ގޮންޖެހުންތައް އަދި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ތަރިކައާ ސަޤާފަތާ ހުރިގުޅުން" މައުޟޫޢެއްގެ ގޮތުގައި ކަނޑައަޅައިގެން ކުރިއަށް ގެންދިޔަ މި ސެޝަނުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުމުގެ ސަބަބުން ކުރިމަތިމާ ނޭދެވޭ އަސަރުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަތުމަށެވެ. އަދި އެ މަނިކުފާނު ވަނީ މިކަމާ ގުޅޭ ގޮތުން މައިގަނޑު ތިން ނުކުތާއެއް ފާހަގަކުރައްވާފައެވެ.

ފުރަތަމަ ކަމަކަށް އިޤްތިޞާދު ސިންދަފާތުކުރުމާއި އަދި ކަނޑުފަޅުގެ ދިރުންތަކުގެ މައްޗަށް ބިނާވެފައިވާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ދިރިއުޅުމުގެ މަސައްކަތްތައް ޙިމާޔަތްކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ދެވަނަ ކަމަކަށް ޒުވާނުން އަދި އަންހެނުންނަށް އިސްކަންދީގެން މުޖުތަމަޢުތައް ބާރުވެރިކޮށް، ސަޤާފަތާއި ތަރިކަ އަދި އަމިއްލަވަންތަކަން ޙިމާޔާތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ތިންވަނަ ކަމަކަށް، ކަނޑުގެ ލޮނުގަނޑު އުފުލުގެ ނުރައްކަލާ އެއްވެސް ޤައުމެއް ގިނިކަންޏާ ކުރިމަތިލައި، ޙައްލު ހޯދަންޖެހިގެންނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެ، އަދި މި މައްސަލައިގައި މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުން މަސައްކަތް ކުރަންޖެހޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، އަންނަން އޮތް ޖީލުތަކުގެ ދިރިއުޅުމަށާއި ސަޤާފަތްތައް ހިމާޔަތްކުރެވިފައިވާ އަމާން މުސްތަޤްބަލެއް ލިބެންޖެހޭކަން ފާހަގަކުރައްވައި، މިކަމުގައި ހަރުދަނާ ގޮތްތަކެއް ނިންމުމަށް ގޮވާލެއްވިއެވެ. އަދި މިކަމަށް އެދެވޭ ޙައްލެއް ނުހޯދޭކަމުގައިވާނަމަ، މިތަނަށް އެއްވެ މިތިބި ބޭނުމާމެދު ސުވާލު އުފެދޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *