ޔޫ.އެސް އޭޖެންސީ ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫ.އެސް.އެއިޑް) ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.
އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރޭ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޔޫ.އެސް.އެއިޑްގެ އެޑްމިނިސްޓްރޭޓަރ ވަނީ، ރާއްޖެއިން ހުށަހަޅާފައިވާ މުހިންމު ޕްލޭންތަކަށް ތާރީފުކުރައްވާފައެވެ. އަދި މި ފަދަ ތަފާތު މަސައްކަތްތަކުގައި ބައިވެރިވުމަށް ޔޫ.އެސް.އެއިޑުން ތައްޔާރުކަމަށް އެކަމަނާ ވިދާޅުވިއެވެ. ދިވެހިރާއްޖޭގައި ޕޭ ޕާލްގެ ޚިދުމަތްތައް ބޭނުންކުރެވޭނޭ މަގުފަހިކުރުމާއި، އޯޕަން ގަވަމަންޓް ޕާޓްނަރޝިޕް (އޯ.ޕީ.ޖީ)ގެ މެމްބަރުކަން ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަރައްޤީގެ ތަޞައްވަރަށް ވާގިވެރިވެދޭ ކަންކަމަށް ވާނޭކަން ފާހަގަކުރައްވައި، މި ދާއިރާއިން ހުރި ފުރުޞަތުތަކާމެދުވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.
ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ތަފާތު މައްސަލަތަކާމެދު އެކުގައި މަސައްކަތް ކުރައްވައި، ދެ ފަރާތަށް ފައިދާވާނޭ ފަދަ މަސައްކަތްތަކުގައި އެއްބާރުލުންދޭނޭކަމުގެ ޔަޤީންކަންއަރުވާފައެވެ.



advertisment