Support Us

ރައީސް މުއިއްޒުގެ އދ. ތަގުރީރު:

ބޭނުން ވަނީ އެއްބައިވަންތަ އެކުވެރި ދައުލަތްތަކެއް- ބައިބައިވެ، މާޔޫސްވެފައިވާ އދ.އެއް ނޫން: ރައީސުލްޖުމްހޫރިއްޔާ

ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކީ، ޚުދު އަޅުގަނޑުމެންގެ ޢަމަލުތަކުން އުފެދިފައިވާ މައްސަލަތައް ކަމަށާއި އަޅުގަނޑުމެންނަށް ބޭނުން ވަނީ އެއްބައިވަންތަ، އެކުވެރި ދައުލަތްތަކެއް ކަމަށާއި، ބައިބައިވެ މާޔޫސްވެފައިވާ އދ. އެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އދ. އިން ފަރުދީ ދިރިއުޅުމަށް ޙަޤީޤީ ނުފޫޒު ފޯރުވަންޖެހޭނެ ކަމަށާއި، އެ ޖަމްޢިއްޔާއިން ނިންމާ ނިންމުންތައް ދުނިޔޭގެ ފެންވަރުގައްޔާއި ދާޚިލީ ފެންވަރުގައި ތަންފީޒުކުރުމަށް ގޮވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށް އެހީތެރިވެދޭ މަލްޓިލެޓަރަލް ނިޒާމެއް ބޭނުންވާ ކަމަށެވެ. "އަޅުގަނޑުމެންނަށް ބޭނުންވަނީ އަޅުގަނޑުމެންގެ ނަމުގައި ވަކާލާތުކޮށްދީ، އަޅުގަނޑުމެންނަށް ނަތީޖާ ފޯރުކޮށްދޭ ނިޒާމެއް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކާއި ހަމަނުޖެހުންތައް ހައްލުކުރުމާއި ބޭއިންސާފު ނައްތާލުން ފަދަ މުހިންމު މައްސަލަތައް ޙައްލުކުރުމުގައި އެކަށީގެންވާ ގޮތެއްގައި އދ. އިން މަސައްކަތް ނުކުރާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. "މަލްޓިލެޓަރަލް ނިޒާމު ނާކާމިޔާބުވަމުންދާއިރު ދިވެހިރާއްޖެއަށް މަޑުން ތިބެވޭކަށް ނެތް، އަދި ނުތިބޭނަންވެސްމެ. އަޅުގަނޑުމެންގެ ދިރިތިބުން ބިނާވެގެންވަނީ ދުނިޔޭގެ ދުޅަހެޔޮކަމުގެ މައްޗަށް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޔޫއެންޖީއޭ 79 ވަނަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. ހަރުދަނާކުރުމަށް ފުޅާ ދާއިރާއެއްގައި އިސްލާޙުތަކެއް ގެނައުމަށް ގޮވާލައްވާފައެވެ. އެ ޖަމްޢިއްޔާގެ މުހިންމުކަން ދެމެހެއްޓޭނީ، ޙަޤީޤީ، އެދެވޭ ބަދަލުތަކެއް ގެނައުމުގެ ޤާބިލުކަން އދ. ގެ ކިބައިގައި ހުރެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އދ. އަކީ ސުލްޙައާއި، ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ ވަރުގަދަ ބާރަކަށް ހެދުމަށްޓަކައި، ލީޑަރުންގެ ކިބައިން، ސީދާ ޙަރަކާތަށް ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *