Support Us

އިންޓަނެޓް ނުލިބުމުން ތަރައްޤީއާއި ޢަދުލުއިންސާފަށް ހުރަސް އެޅޭ: ރައީސުލްޖުމްހޫރިއްޔާ

ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓަރނެޓްގެ ޚިދުމަތާ ނުލައި ދިރިއުޅެމުންދާ މީހުން ކަމަށާއި އެކަމުގެ ސަބަބުން ވަކިން ޚާއްޞަކޮށް، ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަރައްޤީ އާއި ޢަދުލުއިންޞާފަށް ހުރަސް އެޅޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމެރިކާގައި ކުރިއަށް ދިޔަ ސަމިޓް އޮފް ދަ ފިއުޗަރ "އިންޓަރެކްޓިވް ޑައެލޮގް 3؛ ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ"ގެ ކޯ-ޗެއަރގެ ޙައިސިއްޔަތުން، ރިޔާސަތު ބަލަހައްޓަވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެއްވެސް މީހަކު ބާކީ ނުވާނެކަން ކަށަވަރު ކުރެވޭނޭ ފަދަ ސިޔާސަތުތަކެއް އެކުލަވާލުމަށް ގޮވާލައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިކަމަށް މަގުފަހިވާނެ މައިގަނޑު ތިން ކަމެއް ވަނީ ހުށަހަޅުއްވާފައެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ޒުވާނުން ބާރުވެރި ކުރުވުމެވެ. އެގޮތުން ޑިޖިޓަލް އިޤްތިޞާދީ ވެއްޓެއްގައި ޒުވާނުން ބާރުވެރިކުރުވާނެ ޙަރަކާތްތަކެއް ފެށުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އަދި ދޭސީ އީޖާދުތަކަށް ބާރުދީ، އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ބޭނުންވާ ޑިޖިޓަލް ހުނަރު އާލާކޮށް ތާޒާކުރުމުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމެވެ. އެގޮތުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ އެޖެންޑާ ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ އަމާޒުތައް ޙާސިލުކުރުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން މިހާރުވެސް މި މަސައްކަތް ކުރަމުންދާކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ޙައްޤުތައް ރައްކާތެރިކުރުމެވެ. އެގޮތުން އެމަނިކުފާނު ވަނީ، ހުއްދަ ނެތި އެކްސެސްވެވުމާއި ޑޭޓާ ޕްރައިވެސީ ނުވަތަ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުން ފަދަ ކަންކަމުގައި ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދީ، ޑިޖިޓަލް ވެއްޓެއްގައި، މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތުގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގައި، ނޭޝަނަލް ސައިބަރސެކިއުރިޓީ އޭޖެންސީއެއް ޤާއިމުކޮށްފައި ވަނީ މިފަދަ ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރުމަށްޓަކައި ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ޝާމިލު މުސްތަޤުބަލެއް ކަށަވަރުކުރުމަށްޓަކައި ޑިޖިޓަލް އިންޤިލާބުގެ ބޭނުންހިފުމުގެ މުހިންމުކަމުގެ މައްޗަށް ބާރު އަޅުއްވައި، ޝާމިލު، ވިލުންތެރި އަދި ޢަދުލުވެރި ޑިޖިޓަލް ދުނިޔެއެއް ބިނާކުރުމަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *