Support Us

މަރުގެ އަދަބާ ކުރިމަތިލުމުގެ ކުރިން ވިކްޓަރ ހެރީ ފެގުއަރ ކާން ބޭނުންވީ ހަމައެކަނި އެންމެ ޒައިތޫނި އޮށެއް

މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން ކާން ބޭނުންވީ ހަމައެކަނި ޒައިތޫނި އޮށެއް- ކީއްވެ؟

އެމެރިކާގައި މަރުގެ އަދަބު ތަންފީޒުކުރާ ކުށްވެރިންނަށް އެންމެ ފަހުގެ ކަމެއްގެ ގޮތުން އެ މީހަކު ބޭނުންވާ ކާއެއްޗެއް ދެއެވެ.

ބައެއް މީހުން ގެރިމަހުގެ ސްޓޭކާއި ޗިޕްސް އާއި ބަނގުރާ ދިނުމަށް އެދޭއިރު ވިކްޓަރ ހެރީ ފެގުއަރ ބޭނުންވީ މުޅިން ތަފާތު އެއްޗެކެވެ. އޭނާ ހިޔާރު ކުރި "ކެއުން" އެންމެން ހައިރާންކޮށްލިއެވެ. ސަބަބަކީ އޭނާގެ އެންމެ ފަހު ކެއުމެއްގެ ގޮތުގައި އޭނާ ބޭނުންވީ ހަމަ އެންމެ ޒައިތޫނި އޮށެކެވެ.

އެއީ 1963 އެވެ. އުމުރުން އެންމެ 28 އަހަރުގައި ވިކްޓަރއަށް މަރުގެ އަދަބު ދޭން ހުކުމް ކުރީ މީހަކު މެރުމުގެ ކުށުގައެވެ.

ކަން ހިނގި ގޮތަކީ މިއެވެ: އޭގެ ތިން އަހަރު ކުރިން 1960 ގައި ވިކްޓަރ ޔެލޯ ޕޭޖަސް ހާވަމުން ގޮސް އެޑްވަޑް ބާޓަލްސް ނަމަކަށް ކިޔާ ޑޮކްޓަރެއްގެ ނަންބަރެއް ހޯދައިގެން އޭނާއަށް ގުޅިއެވެ. އަދި އަވަސް ފަރުވާ ބޭނުންވާ އަންހެނަކު އެބަހުރި ކަމަށް ބުނެ ދޮގުހެދިއެވެ.

ޑރ. އެޑްވަޑް އެ ގެއަށް ދިޔައިރު އެ ބުނާ އަންހެނަކު ނެތެވެ. ދެން، މިޗިގަން ސްޓޭޓަށް އުފަން ވިކްޓަރ އުމުރުން 34 އަހަރުގެ ޑރ. އެޑްވަޑް ކިޑްނެޕްކޮށްގެން އިލިނޮއި ސްޓޭޓަށް ގެންގޮސް މަރައިލީއެވެ. ޑރ. އެޑްވަޑްގެ ހަށިގަނޑު ފަހުން ފެނުނީ ޒުވާރި ދަނޑެއްގައި އޮއްވައެވެ. އޭނާގެ ބޮލުގައި ބަޑިޖަހައިފައިވާ ޒަހަމެއް ހުއްޓެވެ.

ޑރ. އެޑްވަޑް މަރައިނުލައިކަމަށާއި އެކަން ކުރީ ކޮންމެސް އެހެން މީހަކު ކަމަށް ވިކްޓަރ ކޯޓުގައި ބުނި ނަމަވެސް އޭނާ މަރަން ހުކުމްކުރިއެވެ.

ވިކްޓަރ އެ ހުކުމް އިސްތިއުނާފުކުރުމުން ވެސް ކޯޓުން އެ ހުކުމް ދެމެހެއްޓިއެވެ. އެހާ ހިސާބުން އޭނާ ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކަށްވީ އެމެރިކާގެ ރައީސް އަފޫކުރެއްވުމެވެ.

އަޔޯވާ ސްޓޭޓްގެ ގަވަރުނަރު ހެރޮލްޑް ހިއުސް އާއި ވިކްޓަރގެ ގާނޫނީ ވަކީލު އެއިރު އެމެރިކާގެ ރައީސްކަމުގައި ހުންނެވި، ފަހުން އަވަހާރަކޮށްލި ޖޯން އެފް. ކެނެޑީގެ އަރިހުން އެދުނީ ވިކްޓަރއަށް މައާފު ދެއްވުމަށެވެ. ނަމަވެސް ކުށުގެ ސީރިއަސް ކަމުން މައާފު ދެއްވަން ކެނެޑީ ބޭނުންފުޅު ނުވީއެވެ.

އެހާ ހިސާބުން ވިކްޓަރއަށް މަރުގެ ހުކުމް ތަންފީޒުކުރަން ހަމަޖެއްސި ތާރީހަކީ 1963 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހެވެ. އެ ދުވަހު އެންމެ ފަހު ކެއުމެއްގެ ގޮތުގައި ކާން ބޭނުންވަނީ ކޮން އެއްޗެއްތޯ ސުވާލުކުރުމުން ވިކްޓަރ ބުނީ ހަމައެކަނި އެންމެ ޒައިތޫނި އޮށެއް ދިނުމަށެވެ. ބޭނުމަކީ ކޮބައި ހެއްޔެވެ؟ ވިކްޓަރގެ އެދުމަކަށް ވީ އޭނާ މަރުވުމަށް ފަހު ވެސް ކޮންމެސް ސިފައެއްގައި އޭނާ ދުނިޔޭގައި ދިރިހުރުމަށް ކަމަށް ބެލެވެއެވެ.

"ވިކްޓަރ އެދުނީ އޭނާގެ ހަށިގަނޑު ވަޅުލާއިރު އެ ޒައިތޫނި އޮށާއެކު ވަޅުލުމަށް. އޭނާ ބޭނުންވީ ޒައިތޫނި ގަހެއް ހެދި، އެއީ ސުލްހައިގެ ނިޝާނެއް ކަމުގައި ދެމިހުރުމަށް،" ޖަލުގެ ގާޑަކު ބުންޏެވެ.

މަރުގެ އަދަބު ތަންފީޒު ކުރުމަށް ފަހު ގާޑުންނަށް އެ އޮށް ފެނުނީ ވިކްޓަރ މަރާކުރިމަތިލިއިރު ލައިގެން ހުރި ހެދުމުގެ ޖީބުން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އޭނާ ވަޅުލި ތަނުން ޒައިތޫނި ގަހެއް ނުފަޅައެވެ.

ޒައިތޫނި ގޮތްޕާއި ފަތަކީ އަންޒަމާނުއްސުރެ މީހުންގެ މެދުގައި ސުލްހަ ގާއިމުކުރަން ހުށަހަޅާ ރަމްޒީ ނިޝާނެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް