އެމެރިކާގެ ކަނޑުގެ ސިފައިންގެ ތަހުލީލުކުރާ މަނަވަރު އާރް.ވީ ފްލިޕްއަކީ ދުނިޔޭގައި އެއިރު ހުރި ކަނޑުގައި "ފްލިޕް" ކުރެވޭ ހަމައެކަނި އުޅަނދެވެ.
އާދަޔާހިލާފު ޑިޒައިނަކާއި އިންޖިނިއަރިންގެ ސަބަބުން ފްލިޕްއަށް ކަނޑުމަތީގައި "ކޮޅަށް ހުރެވެ"އެވެ. އެއީ އޭގެ "ބެލަސްޓް" ނުވަތަ ބެލެންސް ހިފަހައްޓަން "ބަރު"ލާފައި ހުރި ގޮތުންނެވެ. އެ ގޮތުން 700 ޓަނު ހުންނަ ފްލިޕް ކޮޅަށް ޖަހައިލަން ބޭނުންވުމުން ފްލިޕްގެ ބަރު ބަދަލުވާ ގޮތުން 90 ޑިގްރީ އޭންގަލަކަށް ބޯޓު ކޮޅަށް ހުންނަ ގޮތަށް ބަދަލުކޮށްލެވެއެވެ.
މި ގޮތަށް ފްލިޕް ކުރާއިރު ބޯޓުގެ ފަޅުވެރިންނާއި ޓެކްނިކަލް އާލާތްތަކަށް ގެއްލުމެއް ނުލިބޭ ގޮތަށް މަނަވަރު ފަރުމާކޮށްފައިވެއެވެ.
ދިގުމިނުގައި 354 ފޫޓު ހުރި ފްލިޕްގެ ކޮޅަށް ހުރުމުގެ މަގުސަދަކީ އިތުރު އެއްވެސް "ސަބްމާސިބްލް"އެއް ނުވަތަ ކަނޑުއަޑިއަށްދާ ކުޑަ އުޅަނދެއް ބޭނުންނުކޮށް ކަނޑުއަޑީގެ ދިރާސާތައް ކުރުމެވެ.

ފްލިޕްއަށް ކޮޅަށް ހުރެވުމުން ކަނޑުގެ މައްޗަށް ހުންނަ އެ ބޯޓުގެ ބައި ފަސްބުރި އިމާރާތެއްހާ އުހެވެ.
ކޮޅަށް ހުންނައިރު ކަނޑުގެ އަޑީގައިވާ ބައި ފުންކަމުން ބޯޓު ހުންނަނީ ބެލެންސްވެފައެވެ. އޮޔާއި ރާޅުން ގުޑުވައެއް ނުލައެވެ.
މި ގޮތަށް ކޮޅަށް ޖަހައިލަން 28 މިނެޓް ނަގައެވެ. ކޮޅަށް އުފުއްލައިލުމަށްޓަކައި ބޯޓުގެ ފަހަތުގައިވާ ބޮޑެތި ޓޭންކްތަކަކަށް ލޮނު އަޅައި ފުރައިލައެވެ. ބޯޓުގެ ފަހަތްކޮޅު ބަރުވެ، އަޑިއަށް ގޮސް، ބޯޓު ކޮޅަށް ތެދުވަނީ މިހެންވެއެވެ.

އެންމެ ޒަމާނީ ޓެކްނޯލޮޖީ އާލާތްތައް ލައިފައިވާ ފްލިޕް ކުރި ދިރާސާތަކުގެ ތެރޭގައި އޮޔާއި ކަނޑުގެ ފިނިހޫނުމިނާއި ދިރޭތަކެއްޗާ ބެހޭ މައުލޫމާތު އެއްކުރުން ހިމެނެއެވެ.
ފްލިޕްއަކީ ކަނޑުތަކުގެ ސައިންޓިފިކް ދިރާސާތައް ހެދުމަށް އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކަނޑުމަތީ އުޅަނދެވެ. ފްލިޕްއަށް ދުވަސްވެ، މަރާމާތާއި މެއިންޓެނަންސް ހަރަދު ބޮޑުވުމުގެ ސަބަބުން މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ ބޯޓު ވަނީ ނައްތައިލައިފައެވެ.



advertisment