މި ބަލައިލަނީ ޒަވާޖީ ހަޔާތެއް ފަށާއިރު ކައިވެނިކުރުމުގައި ގެންގުޅެން އެކަށީގެންނުވާ ނުވަ ސަބަބަށާއި އެ ކަމުގެ ސަބަބުން ދިރިއުޅުމުގައި ކަންތައްތައް ކުރިއަށް ހިނގައިދާނެ ގޮތްތަކަކަށެވެ.
- އަމިއްލަ ނަފުސު ރަނގަޅަށް ނޭނގުން:
މިހެންވުމުން ކައިވެނިކުރަން އިހުތިޔާރުކުރެވޭނީ ތިބާގެ "ވެލިއުސް" ނުވަތަ ތިބާ އަގުކުރާ ކަންތައްތަކާއި ތިބާ ބޭނުންވާ ކަންތައްތައް ދިމާނުވާ މީހެކެވެ.
- އަވަސްއަރުވައިލައިފައި ނިންމާ ނިންމުން:
ރަނގަޅަށް ވިސްނައިނުލައި ނުވަތަ ކައިވެނިކުރަން ބޭނުންވާ މީހާގެ މައުލޫމާތު ރަނގަޅަށް ނޭނގި އޭނާ އިހުތިޔާރުކޮށްފި ނަމަ އެއީ ދުރު ކުރިމަގަކަށް އެކުގައި ދިރިއުޅެވޭނެ ބައިވެރިއެއް ނޫނެވެ.
- ބޭރުން އަންނަ ޕްރެޝަރުތައް:
މުޖުތަމައު އާއި އާއިލީ ޕްރެޝަރުގެ ސަބަބުން ތިބާއާ ނުގުޅޭ ނުވަތަ ޒަވާޖީ ހަޔާތެއް ފަދަ ދިގުދެމިގެންދާ ގުޅުމަކަށް އެކަށީގެން ނުވާ މީހަކާ ކައިވެނިކުރެވުން އެކަށީގެންވެއެވެ.
- އަޅައިގަތުމާއި ލޯތްބާ ހުރި ތަފާތު:
"އިންފެޗުއޭޝަން" ނުވަތަ މީހަކާ އަޅައިގެންފި ނަމަ ދެވޭނީ ހަމައެކަނި ބޭރުފުށް ރީތި މީހަކާ ދިމާއަށެވެ. އޭނާއަކީ ތިބާގެ މިޒާޖާ ގުޅޭ ނުވަތަ އެއްގޮތް މީހެއްތޯ ބެލުމަށް ސަމާލުކަން ނުދެވިދާނެއެވެ.
- ނުބައި ސިގްނަލްތަކަށް ސަމާލުކަން ނުދެވުން:
"ރަތް ދިދަ" ފެންނަން ޖެހޭ ފަހަރުގައި އެ ކަމަށް ސަމާލުކަން ނުދީ، ތިބާގެ ވެލިއުސްތަކާއި މުއާމަލާތްކުރާ ގޮތްތަކާއި ދުރު ކުރިމަގެއްގެ އަމާޒުފަތްގަނޑުތަކަށް އެކުގައި މިސްރާބު ނުބެހެއްޓޭނެ މީހަކު ހިޔާރު ކުރެވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.
- ހަގީގީ ތަސައްވުރަށްވުރެ މަތިން ކަންތައްތަކަށް އެދެވުން:
ހަގީގަތުގައި ކަންތައްތައް ހުންނަ ގޮތް ނުވަތަ "ރިއަލިޓީ"އާ ހިލާފަށް ތިބާގެ "އެކްސްޕެކްޓޭޝަންސް" ނުވަތަ އެދެވޭއެދުންތައް މާ މަތި ނަމަ، ކައިވެނި ކުރާ ބައިވެރިއެއްގެ ފަރާތުން ނުވަތަ އޭނާއާއެކު އުޅޭ ޒަވާޖީ ހަޔާތުން ލިބޭނީ ހިތްހަމަނުޖެހުމާއި ދެރައެވެ.
- އެކަނިވެރިކަން ދެކެ ބިރުގަތުން:
މި ކަމުގެ ސަބަބުން ބައިވެރިއަކު ހޯދުމުގައި ކަންފަސޭހަކޮށްލެވޭ ގޮތް ދިމާވެއެވެ. ނަތީޖާއަކަށް ވާނީ ތިބާގެ ހަޔާތާ ނުގުޅޭ މީހަކާ ކައިވެނިކުރެވުމެވެ.
- މުހިންމު ކަންތައްތަކާމެދު މުއާމަލާތްނުކުރުން:
ޒަވާޖީ ހަޔާތެއްގައި މުހިންމު ދައުރެއް އަދާކުރާ ކަންތައްތަކާމެދު އެއްބަސްވުމަކަށް އަންނަންޖެހެއެވެ. މިސާލަކަށް، މާލީ ހާލަތު ރަނގަޅުކުރުމާއި ރަނގަޅަށް ބެލެހެއްޓުން، އާއިލާ ރޭވުން އަދި ދެ ބައިވެރިންގެ އަމިއްލަ ކަންތައްތައް ފުރިހަމަކުރުން ހިމެނެއެވެ.
- މުހިންމުކަން ދެވޭ ކަންތައްތަކަށް ބަދަލު އައުން:
މަތީގައިވާ އަށް ނުކުތާއަށް ބަލައިގެން ކައިވެނިކުރިއަސް ހަގީގަތަކީ ވަގުތު ފާއިތުވަމުންދާ ވަރަކަށް މީހުން ވެސް ބަދަލުވަމުންދާ ކަމެވެ. އެ މީހުން ބޭނުންވާ ނުވަތަ އެދޭ ކަންތައްތަކަށް ބަދަލު އާދެއެވެ. މި ގޮތުން، އެ މީހުން އިސްކަން ދޭ ކަންތައްތައް ބަދަލުވުމުން ކުރިން ރަނގަޅަށް މަސައްކަތްކުރާ ޒަވާޖީ ދިރިއުޅުމެއް ފަހުން ރަނގަޅު ކައިވެނީގެ ހަޔާތެއް ގޮތަށް ކުރިއަކަށް ނުދާނެއެވެ. އަދި މިހާ ހިސާބުން ދެ ބައިވެރިންނަށް އިހުސާސްކުރެވުން އެކަށީގެން ވަނީ ދެ މީހުންނަށް ވެސް މި އިނދެވުނީ އެކަށީގެންނުވާ ބައިވެރިންނާކަމެވެ.
މި ފާހަގަކޮށްލި ނުވަ ކަމަކީ ޒަވާޖީ ހަޔާތެއް ދާއިމަށް ދެމިގެންދާނެ ގެރެންޓީއެއް ދޭ ކަންތައްތަކެއް ނޫނެވެ. ނަމަވެސް މީގެ މާނައަކީ އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްނުކުރާށެކޭ ނޫނެވެ.
ނޯޓު: ތަރުޖަމާއެއް



advertisment