"މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރި ކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ދަރުބާރުގޭގައެވެ.
މި ރަސްމިއްޔާތުގައި، މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން އެއް ވަނަ އަދި ޤައުމީ ގަދަ 10ގެ އެއް ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
"މަތީ އަރުތަވެރިންގެ އިނާމު" 2022 – 2023 ދިނުމުގެ ރަސްމިއްޔާތު މިއަހަރު ކުރިޔަށް ގެންދަނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ.
މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މިދިޔަ އަހަރުގެ އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ޤައުމީ ގަދަ 10 ގައި 376 ދަރިވަރުން ހިމެނިފައިވެއެވެ. އަދި ޘާނަވީ އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަ ހޯދި ދަރިވަރުންނާއެކު ޖުމްލަ 441 ދަރިވަރުންނަށް މި ރަސްމިއްޔާތުގެ އެކި ދަންފަޅިތަކުގައި އިނާމު ލިބިގެންދާނެއެވެ.
މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއް އެރުވުން ވެސް އޮތެވެ.



advertisment