Support Us

ބޮޑުތަކުރުފާނަކީ އެންމެ އިސް ޤައުމީ ބަޠަލުކަމުގައި ދިވެހީން ކަނޑައެޅި މައިގަނޑު 10 ސަބަބު

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މި ދުވަސް ނިސްބަތް ވަނީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑު ތަކުރުފާނު) ޕޯޗުގީޒުންގެ ކިބައިން މި ރާއްޖެ މިނިވަންކޮށްދެއްވި ދުވަހަށެވެ. އެއީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހަށެވެ. މީލާދީން 2 ޖުލައި 1573 އެވެ. ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބުރުވަރީ 1946 އެވެ.

ތިރީގައި މި ވަނީ ޤައުމީ ދުވަހެއް ދިވެހީން ފާހަގަކުރުމަށް ހަމަޖައްސައި އެ ދުވަހުގެ ބަޠަލަކީ ބޮޑުތަކުރުފާނު ކަމުގައި ކަނޑައަޅައި މިގޮތުގެ މަތީގައި ދިވެހީން ތިބި ކަމަށް އަޅުގަނޑަށް ފެންނަ މައިގަނޑު 10 ސަބަބެވެ. މިއަށްވުރެ މާގިނަ ސަބަބުތައް ވެސް އެބަހުއްޓެވެ.

1. ޤައުމު ބިނާކޮށްދެއްވުން

ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ދިވެހިރާއްޖެ އޮތް 15 އަހަރާއި ހަ މަސްދުވަހަށްފަހު ބޮޑުތަކުރުފާނު ޤައުމު ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅަކީ އެހެން އެއްވެސް ބޭފުޅަކު ނުކުރައްވާވަރުގެ އަގުހުރި މަސައްކަތްޕުޅެކެވެ. ޕޯޗުގީޒުންގެ އަތްދަށުން ޤައުމު މިނިވަންކޮށް ދެއްވުމުގެ އިތުރުން ޤައުމުގެ ދިފާޢީ ލަޝްކަރު އެކުލަވާލެއްވުމާއި، ދީނީ ޢިލްމު ފެތުރުއްވުމާއި، ދައުލަތުގެ ފައިސާ ތަޢާރަފުކުރެއްވުންފަދަ، ދިފާޢީ، ދީނީ، އިޤުތިޞާދީ އަދި އިޖުތިމާޢީ މުހިންމު ގިނަ ކަންތައްތަކެއްގެ ބިންގާ މި ޤައުމުގައި އަޅުއްވައިދެއްވިއެވެ. ބޮޑުތަކުރުފާނު މި ޤައުމާ ހަވާލުވެވަޑައިގެން ޤައުމު ބިނާކޮށްދެއްވަން ފެށްޓެވީ ގާތްގަނޑަކަށް ސުމަކުންނެވެ.

2. ޤައުމީ ލޯބި

ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގުލާލު އަނބުރާ ހޯއްދަވައިދެއްވުމަށް ބޮޑުތަކުރުފާނު މަސައްކަތް ފެށްޓެވީ ޤައުމީ ލޯބީގައެވެ. އެހެން އަމިއްލަ އެދުންފުޅެއްނެތިއެވެ. ބޮޑުތަކުރުފާނަކީ އަމިއްލަ ފުދުންތެރި ދިރިއުޅުއްވުމެއް އުޅުއްވި، ޢިލްމުވެރި މާލޭން އުތުރުގެ ރަށްރަށުގެ ކަތީބުކަން ޕޯޗުގީޒުން ވެސް ދީފައިވާ އަދި އެ ބައިމީހުން ކަމުކިޔަމުން އައި ބޭފުޅެކެވެ. ދުޝްމަނުންގެ ހެވަތީގައި ފަސޭހަކަމާއެކު ދިރިއުޅެވެން އޮއްވައި ޣާޒީ ރަދުން ޖިހާދަށް ނުކުންނެވީ ޤައުމީ ލޯބީގައެވެ. އެ މަނިކުފާނުގެ ހަޔާތްޕުޅުން ފެނިފައިވަނީ ދިވެހިރައްޔިތުންނާމެދު އޮތް ލޯތްބާއި، މި ޤައުމަށް ޓަކައި ފަޚުރުވެރިވެ ވަޑައިގެން މިންވަރެވެ.

3. ޤުރުބާނީ

ބޮޑުތަކުރުފާނަކީ އަމިއްލަ މަސްލަހަތުގެ ކުރިއަށް ދީނާއި ޤައުމު އިސްކުރެއްވި ބޭފުޅެކެވެ. ދުނިޔޭގެ ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރުވެފައިވާ ޕޯޗުގީޒުންނާ ދެކޮޅަށް އަނގަމަތި މަސްދޯންޏެއްގައި އަށް އަހަރެއްހާ ދުވަހު ޖިހާދުކުރެއްވިއެވެ. އާއިލާ މަލިކުގައި ބައިތިއްބަވައިގެން އެ ކުރެއްވި ޖިހާދުގައި ބޭބޭފުޅު ޢަލީ ތަކުރުފާނު ޝަހީދުވެވަޑައިގަތުމުން ވެސް ޖިހާދުގައި ވަޑައިގަތީ ކުރިއަށެވެ. އާއިލާއާއި އަމިއްލަފުޅު ފުރާނައަށް ނުރައްކާތެރިކަން އިންތިހާއަށް އޮއްވައި ދީނާއި ޤައުމުގެ ޙައްޤުގައި ބޮޑުތަކުރުފާނު ވެވަޑައިގަތީ މަތިވެރި ޤުރުބާނީއެކެވެ.

4. ތަޞައްވުރު

ބޮޑު ތަކުރުފާނުގެ ޤައުމީ ޖިހާދުގައި ވަރަށް މަތިވެރި ތަސައްވުރެއް އޮތެވެ. އެއީ ދީނަށް ނަޞްރު ދެއްވުމާއި ދިވެހި އުންމަތް މިނިވަންކޮށް ދެއްވުމެވެ. ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަންކޮށް ދެއްވައި ދިވެހީންގެ ރާއްޖެ ދިވެހީންނަށް އަނބުރާ ހޯއްދަވައިދެއްވުމެވެ. ދިވެހީންގެ ޤައުމިއްޔަތު އަލުން އިޔާދަކޮށްދެއްވުމެވެ.

5. ސާބިތުކޮށްދެއްވި ޢަޒުމާއި ހިތްވަރު

ބޮޑުތަކުރުފާނަކީ މި ޤައުމު ދުށް އެންމެ ހިތްވަރުފުޅު ގަދަ ޒަޢީމެވެ. ދުޝްމަނުންނާ ދެކޮޅަށްކުރި ޖިހާދުގައި ގޮތް ހުސްވެ މާޔޫސްވާފަދަ އެތައްއެތައް ހާދިސާއެއް ތަޖުރިބާ ކުރެއްވިއެވެ. ކަޅުއޮށްފުންމީގައި ވިޔަޒޯރު އުތީމު ތިންބޭންނާއެކު މާލެއަށް ކުރި ދަތުރުގައި ހަތިޔާރު އެޅި ޕޯޗުގީޒު ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކާ ކަޅުއޮށްފުންމީގެ ފަހުލަވާނުން ކުރިމަތިލެއްވިއެވެ. އެ ހުރިހާ ކާފަރުން މަރައި ކާށިދޫކަނޑަށް އުކާލި ހާދިސާއަކީ މިފަދަ އެއް ހާދިސާއެވެ. ވަރަށް ވަރުގަދަ އީމާންތެރިކަމަކާއި ޢަޒުމަކާއި ހިތްވަރެއް ހުރި ބޭފުޅަކަށް ނޫނީ ނުކުރެވޭނެކަމެކެވެ.

6. މިސާލެއްގެ ގޮތުގައި ޚިދުމަތްކުރުން

ބޮޑުތަކުރުފާނަކީ ނަމޫނާ ޝަޚުޞިއްޔަތެކެވެ. ކިޔަވާ ކުއްޖެއްގެ ޢުމުރުފުޅުގައި އެ ޒަމާނުގައި ތަޢުލީމު ހޯއްދެވުމަށް ހުރި ދަތިތަކާއެކު ވެސް ރާއްޖޭންނާއި ރާއްޖޭން ބޭރުން ތަޢުލީމު ހާސިލުކުރެއްވުމުގައި އުފުއްލެވި ބުރައަކީ ދަރިވަރުންނަށް މިސާލެކެވެ. ޒުވާން ދުވަސްވަރު ޒުވާންކަމުގެ ހޫނު ލޭފޮދުގެ ތާޒާކަމާއެކު ޖިހާދަށް ނިކުމެވަޑައިގެން ޤައުމަށް ޓަކައި ނެންގެވި އިސްނެންގެވުމަކީ ޒުވާނުންނަށް ނަމޫނާ މިސާލެކެވެ. ޖިހާދު ލީޑްކުރެއްވުމުގައި ޕްލޭންކުރެއްވުމުން ފެށިގެން މިޝަން ފުރިހަމަ ކުރެއްވުމާ ހަމައަށް އެއީ ލީޑަރުންނަށް މިސާލެކެވެ. ރަސްކަލެއްގެ ގޮތުގައި އެއީ ދައުލަތުގެ ވެރިންނަށް މިސާލެކެވެ. ދެން އޮތީ މިސާލީ ޚިދުމަތެވެ. އެ ތަކުރުފާނަށްވުރެ އިސް އެހެން ޚިދުމަތްތެރިއެއް މި ޤައުމު ދެކެފައެއް ނުވެއެވެ.

7. ތެދުވެރިކަން

ބޮޑުތަކުރުފާނަކީ ހަގީގަތް ގަބޫލުކުރެއްވި ތެދުވެރި އިޚުލާޞްތެރިއެކެވެ. ޤައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރެއްވި ލީޑަރެކެވެ. ކަމަށް އެކަށޭނަ މީހުން ބިނާކުރައްވައިގެން ޖިހާދު ކުރެއްވި ޤާއިދެކެވެ. ބޭބޭފުޅު ޢަލީ ތަކުރުފާނާއި ކޮއްކޯފުޅު ޙަސަން ތަކުރުފާނާއި ދުވާފަރު ޢަލީ ދަންޑަހެލާއި ތިމަރަފުށީ ޙަސަން ޙާޖީއާއި ޢަލީ ޙާޖީއަކީ ހުޝިޔާރު ކެރޭ ޢަޒުމު ވަރުގަދަ ހަނގުރާމަވެރިންނަށް ހެއްދެވިއެވެ. އެ ބޭފުޅުންނަކީ ދީނާއި ޤައުމަށް ތެދުވެރި ބޭފުޅުންނަށް ހެއްދެވީ ބޮޑުތަކުރުފާނުގެ ކިބައިގައި ހުންނެވި ތެދުވެރިކަމުގެ ޒީނަތްތެރި ސިފައިން ނަމޫނާ ދައްކަވައިގެންނެވެ.

8. ރިވެތި އަޚުލާޤު

ބޮޑު ތަކުރުފާނު ދުޝްމަނުންނާ ދެކޮޅަށް ކުރެއްވި ޖިހާދުގައި މަތިވެރި އަޚުލާޤަކާއި ސުލޫކެއް ގެންގުޅުއްވިއެވެ. ރާއްޖޭގެ ގިނަ ރަށްތަކަކަށް ރޭގަނޑަށް އަރުއްވައި ރައްޔިތުންނަށް ހިތްވަރުދެއްވައި ނަސޭހަތް ދެއްވިއެވެ. ދީނުގައި ސާބިތުވެ ތިބުމަށް ހިތްވަރު ދެއްވިއެވެ. ޢަލީ ތަކުރުފާނު ޝަހީދުކޮށްލުމާއެކު މަލިކުގައި ކަޅުއޮށްފުންމީގެ ފަހުލަވާނުން ޖިހާދުގެ ކަންތައްތައް ދެން ކުރިއަށް ގެންދަވާނެ ގޮތަކާމެދު ކުރެއްވި މަޝްވަރާގެ ތެރޭގައި ދަންޑަހެލު ދަންނަވައެވެ. ކާފަރު ދުޝްމަނުންގެ ކަންތައް ނިންމާލެވޭނީ ކިހިނެއްތޯއެވެ. ބޭބެ އުޅުއްވަނީ މިކަން ވެސް މާ ރީތިގޮތުގައި ކުރައްވަން ވިއްޔާއެވެ. މި ވާހަކައިން އެނގެނީ ބޮޑުތަކުރުފާނަކީ މަތިވެތި އަޚުލާޤެއްގެ ވެރި ބޭފުޅެއްކަމެވެ.

9. އިންސާނިއްޔަތުކަން

ބޮޑުތަކުރުފާނަށާއި ޙަސަން ތަކުރުފާނާ ދެބޭންނަށް ދުވާފަރު ދަންޑަހެލު ފުރަތަމަ ފެނިވަޑައިގަތީ ދުވާފަރު އަތިރިމަތީގައި "ކަސްއަޅާ ދޮސްއަޅާފައި" އިންދައެވެ. އެއީ ޔަތީމު ކުއްޖެކެވެ. އެ ކުއްޖާ އުރާލައިގެން ގެނެސް ކަޅުއޮށްފުންމިއަށް އެރުވުމުން އެކަމާ ނުރުހިގެން ޙަސަން ތަކުރުފާނު އެއްޗެއް ދެންނެވުމުން ބޮޑުތަކުރުފާނު ވިދާޅުވިއެވެ. "ޙަސަނާ ކޮއިފުޅާއެވެ. މީހުން މީހުންނަށް ވާނީ މީހުން މީހުންނަށް ހެދީމައެވެ." ކޮންފަދަ އިންސާނިއްޔަތު ކަމެއްތޯއެވެ. ދޫދޫމަތިން ވާރިދުވެފައިވާ ބޮޑުތަކުރުފާނުގެ ވާހަކައިން ވެސް މީހަކަށް ދެރައެއް އަނިޔާއެއް އަދަބެއް ބޮޑުތަކުރުފާނު ދެއްވި ކަމަކަށް ނުކިޔައެވެ. އެހެން މީހަކު ދެރަބަހެއް ބުންޏަސް ބޮޑުތަކުރުފާނު އިސްކުރެއްވީ ކެތްތެރިކަމެވެ.

10. ނަޒާހަތްތެރިކަން

ބޮޑުތަކުރުފާނަކީ ޤައުމާއި ރައްޔިތުންނަށް ވަފާތެރި ނަޒާހަތްތެރި ބޭފުޅެކެވެ. ޤައުމަށް ދެރަވެދާނެ އެއްވެސް ކަމެއް ނުކުރައްވައެވެ. ރާއްޖޭގެ ރައްޔިތުންގެ ދިފާޢުގައި ރާއްޖޭގެ ދިފާޢުގައި އަޅުއްވަން ޖެހިވަޑައިގެންނެވި ކޮންމެ ފިޔަވަޅުފުޅެއް ފަސްޖެހިވަޑައި ނުގެން އެޅުއްވިއެވެ. ޕޯޗުގީޒުންގެ ކިބައިން ރާއްޖެ ސަލާމަތްކުރެއްވުމަށް މަލާބާރުންގެ އެހީ ހޯއްދެވިއެވެ. އެކަމަކު އެ މީހުންނަށް މި ޤައުމުގެ ވިއްކައެއް ނުލައްވައެވެ. ޤައުމުގެ ސިތާދަތީ ބާރު ބޭރުބައެއްގެ އަތަކަށް ނުދެއްވައެވެ. މިއީ މިއަދު ވެސް އަދި މާދަމާ ވެސް މި ޤައުމުގެ ދަރީން ލިބިގަންނަންވީ ޢިބުރަތްތެރި ފިލާވަޅުތަކެވެ. އަލުގަނޑުމެންގެ ނަފުސުގައި ވެސް އަށަގަންނުވަން ވީ ރިވެތި ސިފަތަކެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *