Support Us

"ޤައުމިއްޔަތުގެ އިސްވަރު" ވާނީ ޤާނޫނުން ބާރު ލިބިދޭ ޤައުމީ ތަރިކައިގެ ކޮލެޖަކަށް: ރައީސުލްޖުމްހޫރިއްޔާ

މުސްތަޤުބަލުގައި "ދިވެހި ޤައުމިއްޔަތުގެ އިސްވަރު" ވާނީ ޤާނޫނުން ބާރު ލިބިދޭ ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ދަރުބާރުގޭގައި ބޭއްވެވި ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ބޭއްވެވި ޖަލްސާގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ރައީސުލްޖުމްހޫރިއްޔާ ވަނީ އިފުތިތާޙު ކޮށްދެއްވާފައެވެ. މުސްތަޤުބަލުގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ޤާނޫނުން ބާރުލިބިދޭ ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖަކަށް ބަދަލުކުރައްވާނެކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ކޮލެޖަކީ ރާއްޖޭގައި މިހާތަނަށް އަދި ނުއުފައްދާ ބާވަތެއްގެ ކޮލެޖަކަށް ވާނެކަމުގައެވެ. އެގޮތުން އެކޮލެޖު ވާނީ މެންބަރުންގެ ވިޔުގަތަކެއްގެ މައްޗަށް އެކުލެވިގެންވާ މެންބަރޝިޕު ކޮލެޖަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ކޮލެޖުގެ މައިގަނޑު ބޭނުމަކީ ދިވެހީންގެ ތަރިކައާއި ސަގާފަތާއި ތާރީޚާ އަމިއްލަވަންތަ އަސްލުތަކަށް ޢިލްމީ ގޮތުން މީގެ ފަހުން އަބަދުވެސް ބަލަމުން ބަލަހައްޓަމުން ގެންދިއުމާއި ދިވެހި ޤައުމިއްޔަތަކީ ދިވެހީންގެ ދިރިއުޅުމުގެ ބައެއްކަމުގައި ހެދުންކަމުގައެވެ.

ދިވެހި ޤައުމިއްޔަތުގެ އިސްވަރަކީ ރައީސުލްޖުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ދިވެހި ޤައުމިއްޔަތު އިޔާދަ ކުރުމުގެ ޤައުމީ ނިޒާމުގެ މުހިންމު އެއް ގުނަވަނެވެ. ދިވެހި ޤައުމިއްޔަތުގެ އިސްވަރު އެކުލެވިގެން ވަނީ މައިގަނޑު 5 ދާއިރާއެއްގެ މައްޗަށެވެ. އެ ފަސްދާއިރާއަކީ، ދިވެހިބަހުގެ ދާއިރާއާއި ދިވެހި ތާރީޚާއި ދިވެހި ތަރިކައިގެ ދާއިރާއާއި ދިވެހި ސުމޭކުގެ ދާއިރާ އަދި ދިވެހި ފަންނުގެ ދާއިރާއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމިއްޔަތުގެ އިސްވަރުގެ ކައުންސިލުގެ ބޭފުޅުންނަށް އިސްވާރުކަމުގެ ރަސްމީ ލިއުން ހަވާލުކޮށްދެއްވާފައެވެ. މިކައުންސިލުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
– ދިވެހިބަހުގެ އިސްވާރުކަން: މަރްޔަމް ތައުފީޤާ، މ. ޑްރީމީ ލައިޓް
– ދިވެހި ތާރީޚުގެ އިސްވާރުކަން: އަލްއުސްތާޛް ކަށިމާ އަޙްމަދު ޝާކިރު، މއ. ކަށިމާ
– ދިވެހިތަރިކައިގެ އިސްވާރުކަން: ޙަސަން ޒަރީރު، ސ. މަރަދޫ، ލޮނުފެން
– ދިވެހި ސުމޭކުގެ އިސްވާރުކަން: މުޙައްމަދު ޢަބުދުލްޤާދިރު، ގ. ގޯޅިތެރޭގެ
– ދިވެހި ފަންނުގެ އިސްވާރުކަން: މަރްޔަމް ޢިޝާ ޢަޒީޒު، ހ. ހާލި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *