Support Us

ގަރުދިޔައަށް އެސެންސް ޖެހުން

މީހަކު ފެނުމުން އެމީހަކީ ކޮން ކަހަލަ ކޮން މިޒާޖެއްގެ މީހެއްކަން ވަޒަންކުރާ އެކައްޗަކީ އޭނާގެ ބަސްމަގެވެ. ރިވެތި އަޚްލާގެވެ. ރިވެތި ބަސްމަގަށާއި ރިވެތި އަޚްލާޤަށް މާތްވެގެންވާ އިސްލާމްދީނުގައި ވެސް ވަނީ ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް  ދެއްވާފައެވެ.

ގަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. މި ރާއްޖޭގެ މީހުންގެ ތަޢުލީމީ ފެންވަރު ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ކުރިއަށް ހިނގައްޖެއެވެ. ސްކޫލުތަކުންދޭ ތަޢުލީމުގެ ސަބަބުންނެވެ. ކޮލެޖުތަކުންނާއި ޔުނިވަރސިޓީތަކުން ދޭ ތަޢުލީމުގެ ސަބަބުންނެވެ. ޢުމްރާނީ ގޮތުން ބަލާއިރު ވެސް ވަރަށް ބޮޑަށް ކުރިއަށް ހިނގައްޖެއެވެ. އެތައް ބުރިއަށް ހެދިފައިވާ ރީތި ގެތަކެވެ. ގެސްޓް ހައުސްތަކެވެ. ފަން ޖިފުޓީގެ ޒަމާން މާޒީގެ ތެރެއަށް ގޮސް އޮބާލައިފިއެވެ. އަދި ކޮބައިތޯއެވެ! ކުރިން ނެތް އެތައް މިނިވަންކަމަކާއި ޙައްޤުތަކެއް ވެސް ލިބިގެން ހިނގައްޖެއެވެ. ވާހަކަ ދެއްކުމުގެ މިނިވަންކަމެވެ. ލިޔުމުގެ މިނިވަންކަމެވެ. މިހެން ގޮސް އެތައްއެތައް މިނިވަންކަމަކާއި ޙައްޤުތަކެކެވެ.

މިހާރު ލިބިފައި ވަނީ ކުރިން ނެތް އެތައް ފަސޭހަތަކެކެވެ. މުވާޞަލާތުކުރެވޭނެ އެތައް ވަޞީލަތްތަކެކެވެ. މޮބައިލް ފޯނާއި އިންޓަނެޓެވެ. ވައިބަރާއި ވަޓްސްއަޕެވެ. ޓްވިޓަރ އާއި ޓެލެގްރާމެވެ. ޒޫމްއާއި ގޫގުލް މީޓެވެ. މިހެން ގޮސް މިފަދަ އެތައް ވަޞީލަތެކެވެ. މިއަށް ތަރައްޤީއާއި ކުރިއެރުން ނޫން އެހެން ނަމެއް ކިޔިދާނެ ބާވައެވެ؟ ޖަވާބަކަށް ވާނީ ނުކިޔޭނެއެވެ. ދެން އޮތީ މި ފަސޭހަތަކުގެ ބޭނުން ހިފޭގޮތެވެ. މީހުން ތަރައްޤީވެ، ތަހްޒީބުވެފައިވާ މިންވަރެވެ.

މިދެންނެވި ވަޞީލަތްތައް ބޭނުންކޮށްގެން ހިންގޭ މުޢާމަލާތްތަކެވެ. ދެކެވޭ ވާހަކަތަކެވެ. ލިޔެވޭ ލިޔުންތަކެވެ. މިގޮތުން، ދެކެވޭ ގިނަ ވާހަކަތަކަށް ބަލާއިރު ކަންބޮޑުވެއެވެ. ލިޔެވޭ ގިނަ ލިޔުންތަކަށް ބަލާއިރު ޙައިރާންވެއެވެ. ރައްޓެއްސެއް ނަމަ ގާތްކަން ބޮޑުވި ވަރަކަށް ބަސްމަގު ހުތުރުވެއެވެ. އަޑުއަހާލަން ކަންފަތަށް އުނދަގޫވެއެވެ. ލިޔުމެއް ލިޔާނަމަ ދޮގު ވާހަކަތައް ލިޔެގެން މަޢުޞޫމް އެތައް ބައެއްގެ އަބުރު ކަތިލެވެއެވެ. ސިޔާސީ ބޭފުޅެއް ނަމަ ނުވަތަ ސަރުކާރުގެ މަތީ މަޤާމްތައް ފުރުއްވާފައިވާ ޢިއްޒަތްތެރިއެއް ނަމަ އެބޭފުޅުންނަށް ކިޔާ އެއްޗެހި ގިނަވެފައި އަދި ވަކިން ހުތުރެވެ.

މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބާވައެވެ؟ ނޫނީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ ރީތި އާދަ ގެއްލި، އުފެދިގެން އުޅޭ އަޚްލާޤީ ބަލިމަޑުކަމެއް ނޫންބާވައެވެ؟ އަޚްލާޤީ ފޭރާން ވީދި ހަލާވެފައިވާ ކަމުގެ ނިޝާނެއް ނޫންބާވައެވެ؟ ކޮންމެ ގޮތެއްގައި ވިޔަސް ތަރައްޤީއާއި ކުރިއެރުމުގެ ތެރެއިން އުފެދުނު ވަޞީލަތްތައް ބޭނުން ކޮށްގެން، އަދި ލބިފައިވާ މިނިވަންކަމުގެ ޙައްޤު، މިހާ ނާތަހްޒީބު ގޮތަކަށް ބޭނުން ކުރެވެމުންދާނަމަ އެ ވާނީ ގަރުދިޔައަށް އެސެންސް އެޅުން ކަހަލަ ކަމަކަށް ނޫންތޯއެވެ؟ އެސެންސް އަޅަނީ ރަހަމީރު ކޮށްލުމަށެވެ. ގަރުދިޔައަށް އަޅައިގެން މީރު ނުވެ ހިނގައިދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *