Support Us

ބަރމިއުޑާ ޓްރައިއޭންގްލް: ތެދު ހަގީގަތާއި ބުހުތާނު ދޮގު

ބަރމިއުޑާ ޓްރައިއޭންގްލް އަކީ އުތުރު އެޓްލާންޓިކް ކަނޑުގައި ތިނެސްކަނަށް އޮންނަ ސަރަހައްދެއް ގޮތަށް ބެލެވިފައިވާ ކަނޑުގެ ބައެކެވެ.

("ޓްރައިއޭންގްލް" ކިޔަނީ ތިނެސްކަނަށް ބަލައިގެންނެވެ.)

މި ތިނެސްކަން ގުޅިފައިވަނީ އިނގިރޭސި ވިލާތުގެ ބާރު އޮންނަ ބަރމިއުޑާ ޖަޒީރާ އާއި އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ މަޔާމީ ސިޓީ އަދި އެމެރިކާގެ ބާރު ހިނގާ ޕުއޭޓޮ ރިކޯ ޖަޒީރާއާއެވެ.

ކަނޑުމައްޗާއި ވައިގެ މަގުގައި ދުނިޔޭގައި އެންމެ ސުވާލު ގިނަ ސަރަހައްދަކީ ބަރމިއުޑާ ޓްރައިއޭންގްލްއެވެ. ސަބަބަކީ މި ތަނުގެ ގޮތް ނޭނގޭ ކަންތައްތައް ގިނަކަމުން މީހުންގެ ޝައުގުވެރިކަން އަދިވެސް އޮތީމައެވެ. އެ ގޮތުން މި ތަނަކީ ވާނުވާ ނޭނގި މަނަވަރާއި މަތިންދާބޯޓު "ގެއްލުމަށް" ދިމާވާ ތަނެކެވެ. އަދި މިހެންވެ، މި ކަމުގެ ތެދުހަގީގަތާއި ބުހުތާނުދޮގު ވަކިކުރުމަކީ އަދިވެސް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.

ސަރަހައްދުގެ ބޮޑުމިނުގައި ވަނީ ބައި މިލިއަން އަކަ މޭލާއި 1.5 މިލިއަން އަކަ މޭލާ ދެމެދުގެ ބޮޑުމިނެކެވެ. ކަނޑައެޅިގެން ވަކި ބޮޑުމިނެއް ނޯންނަނީ އިނގިރޭސި ވިލާތާއި އެމެރިކާއިން ބަރމިއުޑާ ޓްރައިއޭންގްލްއަކީ ކޮބައިކަމާމެދު އެއްބަސްވުމަކަށް އައިސްފައިނުވާތީއެވެ.

ބަރމިއުޑާ ޓްރައިއޭންގްލްގެ އެންމެ ފުން ހިސާބަކީ ޕުއޭޓޮ ރިކޯ "ޓްރެންޗް" ނުވަތަ "ފުންގަނޑު" ކިޔާ ސަރަހައްދެކެވެ. އެ ތަނުގެ ފުންމިނުގައި 28،000 ފޫޓު ނުވަތަ އަށް މޭލު ހުރެއެވެ.

ބަރމިއުޑާ ޓްރައިއޭންގްލްއަށް މީހުންގެ ސަމާލުކަން ލިބިފައިވަނީ އެ ތަނުގައި ގިނަ އަދަދަކަށް މަނަވަރާއި މަތިންދާބޯޓު ގެއްލިފައިވާތީއެވެ. އެ ގޮތުން މިހާތަނަށް 50 އަށްވުރެ ގިނަ ކަނޑުގެ ބޯޓާއި 20 އަށްވުރެ ގިނަ މަތިންދާބޯޓު ގެއްލިފައިވެއެވެ. ނަމަވެސް ދުނިޔޭގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ބުނަނީ މި ތަނަކީ ކޮންމެ ދުވަހަކު ވެސް "ޓްރެފިކް" ގިނަ ހިސާބަކަށް ވާތީ އެކްސިޑެންޓްތަކާއި އުޅަނދުފަހަރު ގެއްލުމުގެ ހާދިސާތައް ގިނަވުމަކީ ހައިރާންވާވަރުގެ ކަމެއް ނޫން ކަމަށެވެ.

އެމެރިކާ ބައްރު ދެވަނަ ފަހަރަށް ހޯދި އިޓަލީގެ ސައްޔާހެއް ކަމަށްވާ ކްރިސްޓޮފާ ކޮލަމްބަސް 1492 ވަނަ އަހަރު ލިޔެފައިވަނީ ބަރމިއުޑާ ޓްރައިއޭންގްލްގައި "އުޑުން ގޮތްނޭނގޭ އައްޔެއް ފައިބާ މަންޒަރު ފެންނަ" ކަމަށާއި އަދި އެހެން ދިމާވާއިރު "ސަމުގާ ދެކޮޅަށް އެނބުރޭ" ކަމަށެވެ.

ބައެއް މީހުން ބަރމިއުޑާ ޓްރައިއޭންގްލްއަށް ކިޔަނީ "ދުނިޔޭގެ އާ ބައެ"ވެ. އަނެއް ބައި މީހުން އެ ތަނަށް ކިޔަނީ "ހާއްސަ ތަނެ"ވެ.

ވައިގެ މަގުންނާއި ކަނޑުގެ މަގުން އެ ތަނުގައި ދަތުރުނުކުރެވޭ ކަމަށް ކުރިން މީހުން ބުނަމުން އަޔަސް މިހާރު ހާމަވެފައިވާ ގޮތުގައި މިއީ ތެދު ވާހަކައެއް ނޫނެވެ.

ގެއްލުނު މަނަވަރުތަކާއި މަތިންދާބޯޓުތަކާއި ދަތުރުވެރިން އެ ތަނުން ގެއްލުނީއެވެ. ނަމަވެސް ދަތުރުފަތުރާ ބެހޭ ދުނިޔޭގެ އިދާރާތަކުން ބުނަނީ ދުނިޔޭގެ އެހެން ސަރަހައްދުތަކަށްވުރެ ވަކި އިތުރަކަށް ބަރމިއުޑާ ޓްރައިއޭންގްލް ނުރައްކަލެއް ނޫން ކަމަށެވެ. އެ ފަރާތްތަކުން ބުނަނީ ބަރމިއުޑާ ޓްރައިއޭންގްލްއަކީ "ބިރުވެރި ތަނެއް"ގެ ގޮތުގައި މީހުން ދެކެން ފެށީ އެ ތަނަކީ އާދަޔާ ހިލާފު ތަނެއް ކަމަށް މީޑިއާތަކުން "ކަންތައް ބޮޑުކޮށްލުމުން" ކަމަށާއި "ފުލޯކު" ވާހަކަތަކުގެ ސަބަބުން ކަމަށެވެ.

ބަރމިއުޑާ ޓްރައިއޭންގްލްއާމެދު ފެތުރިފައިވާ ވާހަކަތަކުގެ ތެރޭގައި އެ ތަނުގައި އާދަޔާ ހިލާފު ދަގަތްފާނު ބާރަކާއި ކަރަންޓްގެ ބާރެއް ވެސް ހުންނަ ކަމަށް ބުނެވެއެވެ. މަނަވަރުތަކާއި މަތިންދާބޯޓުތައް އެ ތަނުގެ ކަނޑުމައްޗަށް ގެއްލިގެން ދަނީ މިހެންވެ ކަމަށް ވާހަކަދެކެވެއެވެ.

މީގެ އިތުރުން ބަރމިއުޑާ ޓްރައިއޭންގްލްގައި ކަނޑުއަޑިން ވަރުގަދަ "ކޯރެއް" ދެމޭ ވާހަކައަކީ ވެސް ދެކެވޭ ވާހަކައެކެވެ. މި ކޯރުގެ އޮއިވަރުގައި މަނަވަރުތައް ކަނޑުގެ އަޑިއަށް ދަމައިގަންނަނީ ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ.

އަނެއް ވާހަކައަކީ މި ތަނަކީ ދުނިޔެއިން ބޭރުން އައިސް ވަޒަންވެރިވެ ސިއްރިޔާތުގައި "އޭލިއަނު"ން އުޅޭ ތަނެއް ކަމެވެ. ނަމަވެސް އެހެން ޕްލެނެޓަކުން "އޭލިއަންސް" މި ދުނިޔެއަށް އައިސްފައިވާކަމީ މިހާތަނަށް ކަށަވަރުވެފައިވާ ކަމެއް ނޫނެވެ. އަދި ފަހުގެ ތާރީހަށް ބަލާއިރު އިންޑިއާ ކަނޑުގައި ސުމާލިއާގެ ކަނޑުފޭރޭ މީހުން އުޅުނަސް އެޓްލާންޓިކް ކަނޑަކީ މިހާރު އެ ކަހަލަ ބިރުވެރިކަމެއް އޮތް ތަނެއް ނޫނެވެ.

ނަމަވެސް ބަރމިއުޑާ ޓްރައިއޭންގްލްއަށް ތޫފާން އަންނަ ކަމީ ހަގީގަތެކެވެ. މިއީ "ހަރިކޭން" އާއި "ތަންޑަސްޓޯމް" އަދި "ސްކޯލް" ބާވަތުގެ ތޫފާން ވަރަށް ދޯޅު ހިސާބެކެވެ.

މީގެ އިތުރުން މަނަވަރާއި މަތިންދާބޯޓު އޮޕެރޭޓްކުރުމުގައި މީހުންނަށް ހެދޭ ގޯސްތަކާއި އެ ފަދަ އުޅަނދުތަކަށް ކުރިމަތިވާ މެކެނިކަލް އަދި ޓެކްނިކަލް މައްސަލަތަކަކީ ވެސް ބަރމިއުޑާ ޓްރައިއޭންގްލްއަށް އެ ތަކެތި "ގެއްލެން" ދިމާވާ ސަބަބެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެ ގޮތުން މިސްރާބު ރަނގަޅަށް ނުބަލާ ދުއްވުމާއި ތެޔޮ މަދުން އަޅައިގެން ދުއްވުމާއި އިންޖީނު ފޭލިވެގެން ހާދިސާތައް ކުރިމަތިވުން އެކަށީގެންވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ދުނިޔޭގައި ޒަމާނީ މަނަވަރުތަކާއި މަތިންދާބޯޓުތައް އުފައްދައި، އެ ތަކެތީގެ ދަތުރުތައް މިދިޔަ ގަރުނުގައި ފެށި ފަހުން، ބަރމިއުޑާ ޓްރައިއޭންގްލްގެ ބިރުވެރިކަމުގެ ވާހަކައަކީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ ކަމެކެވެ. މި ތަނުގައި ކަނޑާއި ވައިގެ އުޅަނދުތައް ގެއްލެނީ ކިހިނެތް އަދި ކީއްވެ ހެއްޔެވެ؟ މިއީ މި ވަގުތަށް އަދި ޖަވާބު ނުލިބޭ ބޮޑު ސުވާލެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް