ދިވެހިންގެ ސަގާފަތަކީ އަދުގެ ދިރިއުޅުމުގެ ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިކަމަށް އެދިވަޑައިގެންނެވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކ. މާފުށީ ޖަލުގެ ގޯތިތެރޭގައި ހައިފައިވާ "ދިވެހި ސަގާފީ ގޯތި" ރަސްމީގޮތުން މިއަދު ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅުގައި މިއަދުގެ ދިވެހިންގެ ދިރިއުޅުމުގެ ބަޔަކަށް ދިވެހިންގެ ރީތި ސަގާފަތް ހެދުމުން ކުރާނެ ފައިދާތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ސިޔާސަތެއް އެކުލަވާލެއްވުމަކީ އޭގައި މުހިންމު މަޤްޞަދުތަކެއް، މާނަތަކެއް އަދި މަންފާތަކެއް އެކުލެވޭކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ދިވެހިންގެ އިހުގެ ސަގާފަތަށް އެނބުރި ބަލައިލުމުން ފެންނަނީ އިޖުތިމާޢީ ބަލިމަޑުކަމެއް ނެތް ފުދުންތެރި ފަޚުރުވެރި ދިވެހިރާއްޖެއެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަގާފަތާއި ދިވެހިންގެ ތަރިކައިގެ މައްޗަށް ވަރަށް ތަފްޞީލީ ގޮތެއްގައި އަލިއަޅުވާލައްވައި އެކަމަނާ ވަނީ ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވާ މައްސަލަތަކަށް ޙައްލު ލިބެން އޮތީ ދިވެހި ޤައުމިއްޔަތު އިޢާދަކުރެވިގެންކަން ފާހަގަކުރައްވާފައެވެ.
މާފުށީ ޖަލުގެ ގޯތިތެރޭގައި ހަދާފައިވާ ދިވެހި ސަގާފީ ގޯއްޗަކީ ސަގާފީ ގޯއްޗެއްގެ ތެރެއިން އަދި ދިވެހިންގެ އިހުގެ ދިރިއުޅުމާ އާދަކާދައިގެ ތެރެއިން ފެންނަ ވަރަށް ގިނަ ކަންތައްތައް ހިމެނޭގޮތަށް ހަދާފައިވާ ތަނެކެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައީދިން ރިހެބިލިޓޭޓް ކުރުމުގައި ދިވެހި ސަގާފީ ގޯތީގެ ތެރޭގައި ހިމެނޭ ދިވެހިންގެ ސަގާފަތާ އާދަކާދައިގެ ތެރޭގައި ހިމެނޭ އެކި މަސައްކަތްތައް އެމީހުންނަށް ދަސްކޮށްދީ މަސައްކަތްތެރި ބަޔަކަށް އެމީހުން ހެދުންވެސް ހިމެނެއެވެ.



advertisment