Support Us

އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ދައުލަތާއި ސަރުކާރުގެ އިދާރާތަކުގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް އަދި ޚާއްސަގޮތެއްގައި ހިންގުމުގެ އިސްފަންތީގެ ވެރިންގެ ފަންތީގެ މުވައްޒަފުން ބިނާކުރުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ލީޑަރޝިޕް ޕުރޮގުރާމުގެ ދެވަނަ ބެޗް "މޯލްޑިވްސް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް"ގެ ތަމުރީނު ސެޝަންތައް ރަސްމީގޮތުން ފެށުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ ތަރައްޤީގެ އެޖެންޑާއަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ފޯރުކޮށްދެއްވި އަގުނުކުރެވޭހާ އެހީތެރިކަމާ އެއްބާރުލެއްވުމަށްޓަކައި ދިވެހި ސަރުކާރުގެ ނަމުގައި އެކުވެރި ޢަރަބި އިމާރާތުގެ ރައީސް، އަދި އަބޫދާބީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާންއަށާއި ޔޫ.އޭ.އީގެ ބޮޑުވަޒީރު، ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމަށާއި ޔޫ.އޭ.އީގެ ނައިބު ރައީސް އަދި ބޮޑުވަޒީރުގެ ނައިބު ޝައިޚް މަންސޫރު ބިން ޒާއިދު އަލް ނަޙްޔާންއަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކަމާގުޅޭ ޢިލްމާއި ހުނަރު ލިބި، ދުނިޔެއަށް އަންނަ ބޮޑެތި ބަދަލުތަކަށް ލޯހުޅުވި، މުސްތަޤްބަލަށް ތައްޔާރުވެފައިވާ ލީޑަރުންނާއި ސިޔާސަތުތައް އެކުލަވާލާ ފަރާތްތައް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން އެ ފަރާތްތަކުގެ ލީޑަޝިޕް ހުނަރުތައް ތަރައްޤީކޮށް، އެއީ ކަންކަން ލީޑްކޮށް އީޖާދީ ބަދަލުތައް ގެނެސް، ސަރުކާރުން ކާމިޔާބީތައް ހޯދައިދިނުމުގައި މަސައްކަތްކުރާނެ ޗޭންޖް އެޖެންޓުންގެ ގޮތުގައި ބިނާ ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިގޮތަށް މަސައްކަތްކުރުމުގައި ގާތް ރަހުމަތްތެރި އަވަށްޓެރި ޤައުމުތަކާ ގުޅިގެން ރާއްޖޭގެ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކޮށް ހަރުދަނާކުރުމަށާއި އިދާރާތަކުގެ ޕަރފޯމަންސް ރަނގަޅުކުރުމަށް ކަމާގުޅޭ ފަރާތްތަކާ ވެސް ގުޅިގެން ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މޯލްޑިވްސް އެގްޒެކެޓިވް ލީޑަޝިޕް ޕްރޮގްރާމު ފެށުމުގެ ގޮތުން މިއަދު ވަނީ ސްޓްރެޓެޖިކް ލީޑަރޝިޕް އަދި ޕޮލިސީ ރަނގަޅު ނިންމުންތައް ނިންމުމަށް އަމާޒު ހިފައިގެން 2 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މަސައްކަތު ބައްދަލުވުމެއްގެ ފަށާފައެވެ. ދެ ދުވަހުގެ މުއްދަތައް ކުރިޔަށްގެންދާ މި ސެޝަންތަކުގައި މި ޕްރޮގްރާމުގައި ހިމެނޭ ޖުމްލަ ފަސް މޮޑިއުލްގެ ތެރެއިން ދެ މޮޑިއުލެއް ކުރިޔަށް ގެންދާނެއެވެ.

މި ޕުރޮގުރާމުގެ ދަށުން ޔޫ.އޭ.އީގައި ވެސް ބައެއް ކުރިއަށްގެންދާނެއެވެ. އެގޮތުން ޕްރޮގްރާމުގެ ބައިވެރިން ޔޫ.އޭއީގެ ކަނޑައެޅޭ ސަރުކާރުގެ ބައެއް އިދާރާތަކަށް ޒިޔާރަތްކޮށް އެ ޤައުމުގެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރިއަށްގެންދާ ރިފޯމް އެންޑް މޮޑަނައިޒޭޝަން ޕުރޮގުރާމުތައް ދެނެގަނެ، ތަޖުރިބާ ހާސިލުކުރުމަށް ހަމަޖެހިފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *