Support Us

ރާއްޖޭގެ ފުރަތަމަ ސްމާޓް ކްލާސްތައް މަޖީދިއްޔާގައި ޤާއިމުކުރުމަށް ނިންމަވައިފި

މިއަންނަ އަހަރު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސްކޫލް މަޝްރޫޢުތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލުގެ އިތުރު 40 ކްލާސް ރޫމްގެ އިމާރާތެއް ކުރިން ދަރުމަވަންތަ ސްކޫލް ހުރި ތަނުގައި އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ކްލާސްތައް ވާނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރާ ސްމާޓް ކުލާސްތަކުގެ ގޮތުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އޮތް މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފުތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖީދިއްޔާ ސްކޫލުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ އިސްދަރިވަރުންގެ ފަޚުރެއްކަމުގައިވާ ދާރުލް އުލޫމާ ކުރިބޯށި އިމާރާތް ނެޝަނަލް އެޑިއުކޭޝަން މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކުރުމަށްވެސް ނިންމާފައިވާ ކަމުގައެވެ. އަދި އެކަމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ރާއްޖޭގޭ ތާރީހީ ތަޢުލީމީ ހަޔާތުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަޔާތުގައި ކުރާ ކޮންމެ ކަމެއްގައިވެސް ކާމިޔާބީއާ ހަމައަށް ދިއުމަށް ހިންމަތާއެކު ނުގުޑާ ފަދަ ވަރުގަދަ އަޒުމެއްގައި މަސައްކަތްކުރެއްވުމަށް ބާރުއަޅުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ الله ސުބްޙާނަހޫވަތަޢާލާ އަންގަވާފައިވާ ގޮތަށް އެމީހަކަށް ކުޅަދާނަވެގެންވާ މިންވަރަކުން ހިއްމަތާއެކު މަސައްކަތްކޮށް ކާމިޔާބީ ދެއްވުން އެދި ވަކީލުކުރުމަށްވެސް ބާރުއަޅުއްވާފައެވެ. އަދި ދިރިއުޅުމުގައި ކުރުމަށް ކަނޑައަޅާ ކަންކަމުގައި ފަހަތަށް ނުޖެހި ކުރިމަތިވާ ދަތި އުނދަގޫ ހާލަތްތަކަށްވެސް ކުރިމަތިލައިގެން ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ހަޔާތުގެ މުހިންމު ކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ތަޢުލީމީ ދުވަސްވަރުގެ ހަޤީޤީ ބޭނުމަކީ ޤައުމަށް ޚިދުމަތްތަކެއް ކުރުމަށާއި އަމިއްލަ ހަޔާތް ބިނާކުރުމާއި މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމަށްޓަކައި ތަޢުލީމު ހާސިލްކޮށް ތަމްރީނުވެގެން ނުކުތުންކަމުގައެވެ. އަދި އެމަނިކުފާނު ވިދާޅުވީ ކިޔެވުމުގެ އަދި ކިޔަވައިދިނުމުގެ ބޭނުމަކީ ތިމާގެ ފަރާތުން ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނައި ފިކުރުކޮށް އެކަމެއް ކޮށްދިނުމަށް ތައްޔާރުވުން ކަމުގައެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖީދިއްޔާ ސްކޫލުގެ ދާރުލް އުލޫމް ހޯލުގައި ކުރިއަށްދާ ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ.

މަޖީދިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ ތައުލީމީ ބިނާއެވެ. މަޖީދީ "ސައްތަވީ ބިނާ" ރަމްޒުކޮށްދެނީ މަޖީދިއްޔާ ސްކޫލްގެ ޢިލްމީ ހިޔާވައްސެވެ. މި ސައްތަވީ ބިނާ އުފަންކުރުމުގެ އެންމެހާ މަސައްކަތެއް ކުރި ބަޔަކީ މަޖީދިއްޔާ ސްކޫލުގެ ކުރީގެ ދަރިވަރުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *