Support Us

"ޝާކިރުގެ ޝުއޫރު" ޅެންވެރިޔާ ޝާކިރާއި ލިއުންތެރިޔާ ޝިޔާމް (ކ) ކޮފީ މޭޒެއްދޮށުގައި
31 އަހަރު ފަހުން 25 އޯގަސްޓް

ދެ ލިޔުންތެރިއަކު "ކަތިލަން" ކުރި މަސައްކަތުގެ ހިތި ތަޖުރިބާ

ސިޓިން ރޫމުގައި ހުރި ފޯނުގެ ރަނގަބީލުވާން ފަށައިފިއެވެ. އޭރު ރޭގަނޑު އަށެއް ޖަހައިފިއެވެ. ފޯނު ނެގުމުން ވާހަކަދައްކަނީ ހިރިގާ އަހުމަދު ޒާހިރު ކަމުގައި ބުނުއްވިއެވެ. ދެން ބުނުއްވީ ވީހާ އަވަހަކަށް "ހަވީރު" ނޫހުގެ އިދާރާއަށް އައިސްދިނުމަށެވެ. ކީއްތޯ ވީ ނަންގަތުމުން ބުނުއްވީ "ހަވީރު"ގެ މަސްއޫލުވެރިޔާ އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިން އަޅުގަނޑާ ބައްދަލު ކޮށްލައްވަން ބޭނުންފުޅުވާތީ ކަމުގައެވެ.

ބޮލު ފުނާ އަޅާލައިގެން ސެންޓް ޖަހާލައިގެން ނުކުމެ ބައިސިކަލުގައި ނުހަނު ހަރުކޮށް "ހަވީރު"ގެ އިދާރާއާއި ދިމާއަށް މިސްރާބު ޖަހައިފީމެވެ. އެދުވަސްވަރު ހަވީރުގެ އިދާރާ ހިންގަމުން ދަނީ އޮލިމްޕަހުގެ އުތުރުބައިގައެވެ. އެއީ އޮލިމްޕަހުގެ ގޯތިން ބައެއް ވަކި ކުރުމަށް ފާރެއްލުމަށް ފަހު "ހަވީރު"ގެ އިދާރާ ހިންގުމަށް ސަރުކާރުން ދީފައިވާ ތަނެކެވެ. ދީފައި ހުރީ ކޮން ގޮތަކަށް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ.

އަޅުގަނޑަކީ ގަލޮޅުގައި ދިރިއުޅޭ މީހަކަށް ވާތީ އެތަނަށް ދާން މާގިނަ ވަގުތެއް ހޭދައެއް ނުވެއެވެ. ބައިސިކަލް އެ އިމާރާތުގެ ބޭރުފާރުގައި ލައްގައިލުމަށްފަހު މަގުފާރުގައި ހުރި ބޮޑު ދޮރުން ވަދެގެން ހަރުކޮށް ހިނގާފައި އޮފީސް ބަޔަށް ވަދެއްޖައީމެވެ. މިތަން އެހައި ރަނގަޅަށް އަޅުގަނޑަށް އެނގެނީ އަޅުގަނޑަކީ އެދުވަސްވަރު "ހަވީރު" ނޫހުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ މީހަކަށް ވާތީއެވެ.

އެ ދުވަހަކީ "ހަވީރު"ގެ އިދާރާ ބަންދު ދުވަހެކެވެ. އެއީ 1989 އޯގަސްޓް 25 ވީ ހުކުރު ދުވަހުގެ ރެއެވެ. ކޮންމެއަކަސް އަޅުގަނޑުގެ އިންތިޒާރުގައި ހުރީ "ހަވީރު"ގެ އިދާރާގައި މަސައްކަތް ކުރައްވާ ހިރިގާ ޒާހިރެވެ. އަޅުގަނޑު ފެނުމާއެކު އަންނާށޭ ބުނުއްވާފައި ގެންގޮސް ބޭންދީ، ޒާހިރު ޙުސައިން އިންނަވާ ކޮޓަރިކޮޅުގެ ބޭރުގައި ހުރި ގޮނޑިއެއްގައެވެ. ކޮޓަރިކޮޅުގެ އެތެރޭގައި ޒާހިރު އިންނެވިތަން އަޅުގަނޑަށް ވަރަށް ރީތިކޮށް ފެނެއެވެ.

ކުޑައިރު ކޮޅަކުން އަޅުގަނޑު އެތެރެއަށް ވައްދައިފިއެވެ. އަދި ޒާހިރު އިންނެވި މޭޒުގެ ކުރިމަތީގައި ހުރި އެއްތެޔޮ ފުރި ދެގޮނޑިންކުރެ އެއް ގޮނޑީގައި އިށީނުމަށް އަތުގެ އިޝާރާތުން ވިދާޅުވެއްޖެއެވެ. އެކޮޓަރީގައި އަދި އިތުރު ދެ މޭޒު ހުއްޓެވެ. އެއް މޭޒުގައި އިންނެވީ ޢަބްދުﷲ ފާރޫޤު ޙަސަނެވެ. އެއީ "ހަވީރު" ނޫހުގެ މަސްއޫލުވެރިންގެ ތެރެއިން އެއް ބޭފުޅެކެވެ. އަނެއް މޭޒުގައި ހިރިގާ އަޙްމަދު ޒާހިރެވެ.

ވާހަކަފުޅު ދައްކަވަން އިސްވެ ފެއްޓެވީ، މުޙައްމަދު ޒާހިރު ޙުސައިނެވެ. ފުރަތަމަ ވެސް ވިދާޅުވީ ޝިޔާމު މިވަރުގެ ކަމެއް ކޮށްފާނެ ކަމަށް ހީއެއް ނުކުރައްވާ ކަމަށެވެ. އިއްޔެގެ ހަފުތާ ނަންބަރުގައި އޮތް ޒުވާނުންގެ ސަފުހާގައި ޅެމެއް ޖެހީ ކީއްވެގެން ހެއްޔެވެ؟

އަޅުގަނޑު ދެންނެވީމެވެ. ޅެން ނުޖަހާން ވިދާޅުވިން ތޯއެވެ؟

ދެން ވިދާޅުވީ އެ ޅެމަކީ މިތަނުން ޖަހާ ނުދީފައިވާ ޅެމެކެވެ. ދެން ޝިޔާމު އެޅެން ޖަހަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟

އަޅުގަނޑު ދެންނެވީމެވެ. ތިޔަކަން އެޑިޓަރަށް އެނގޭނެ ނޫންތޯއެވެ؟ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހުގެރޭ ނޫސް ޗާޕަށް ދިއުމުގެ ކުރިން އަޅުގަނޑުގެ މަސައްކަތަކީ ޕޭޖް ލޭއައުޓް ނިމުމުން އެޑިޓަރުގެ މޭޒަށް ލުމެވެ. ނޫހުގައި އޮތް [ޝާކިރުގެ ޝުޢޫރު] ޅެމަކީ ނޫހުގައި ޖަހާ ނުދީފައި އޮތް ޅެމެއް ކަމެއް އަޅުގަނޑު ނުދެނަހުރީމެވެ.

25 އޯގަސްޓް 1989 ދުވަހުގެ "ހަވީރު" ނޫހުގައި ޖަހައިފައިވާ "ޝާކިރުގެ ޝުއޫރު"

އަޅުގަނޑު ދެއްކި ވާހަކަ އެއްގޮތަކަށް ވެސް ޒާހިރު ޙުސައިން ގަބޫލު ކުރައްވާކަށް ބޭނުންފުޅެއް ނުވިއެވެ.

އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑަކީ މިތަނަށް ހިލޭސާބަހަށް މަސައްކަތް ކުރަން އަންނަ މީހަކީމެވެ. އަދި ކޮންމެ ދުވަހަކު މިތަނަށް އަންނަ މީހެއްވެސް ނޫނެވެ. އަދި އަޅުގަނޑުގެ މައިގަނޑު މަސައްކަތަކީ ހަފުތާއަކު އެއްފަހަރު ޒުވާނުންގެ ސަފުހާ ތައްޔާރު ކުރުމެވެ. އަދި އަޅުގަނޑަށް އަންގަވާފައި އޮންނަނީ ސަފުހާ ނިމުމުން އެޑިޓަރުގެ މޭޒަށް ލުމަށެވެ. އަދި ޖަހަން ނުޖެހޭ ލިޔުމެއް ވެއްޖެނަމަ ސީދާ އެޑިޓަރު އެކަން އަންގަން ވާނެ ނޫން ތޯއެވެ؟

އެކަމާއި އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ. އިންނެވީ ވަރަށް ބޮޑަށް ކޯފާވެފައެވެ. އަދި މިކަމަކީ ގަސްދުގައި އަޅުގަނޑު ކުރި ކަމެއްކަން ދޭހަވާ ގޮތަށް ވާހަކަފުޅު ދެއްކެވިއެވެ. ޒާހިރުގެ ވާހަކަފުޅަށް ބާރު ލިބޭ ގޮތަށް ފާރޫޤު ވެސް ބައެއް ވާހަކަ ވިދާޅުވިއެވެ. ސީދާ މި ޅެމަކީ ގައުމުގެ ރައީސަށް ނިސްބަތްވާ ޅެމެކޭ ވިދާޅުވިއެވެ. އަދި އަޅުގަނޑާއި ޙަސަން ޝާކިރު މުޙައްމަދު ގަސްދުގައި ރާވައިގެން ކުރިކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މަޑުކުރާށޭ ބުނުއްވާފައި އަނެއްކާ ވެސް ބޭރުގައި ބޭންދީއެވެ. އެވަގުތުކޮޅުގެ ތެރޭގައި ހިރިގާ އަޙްމަދު ޒާހިރު ވެސް އަޅުގަނޑާ ވާހަކަ ދެއްކެވިއެވެ. އޭނާގެ ވާހަކައިގައި ވެސް އަޅުގަނޑު ރާވައިގެން ގަސްދުގައި ކުރި ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ފުލުސް އޮފީހަށް ގެންދިއުން

ގަޑިއެއްހައިއިރު ފަހުން ކުއްލިއަކަށް ފެނުނީ ސިފައިންގެ ދެ ބޭކަލަކު ދުރުވި ތަނެވެ. އެއް ބޭކަލަކީ އަންބަރީގޭ ޙުސައިން ޝާކިރެވެ. އެ ދެ ބޭކަލުން ޒާހިރު ޙުސައިން އިންނަވާ ކޮޓަރިކޮޅަށް ވެންނެވުމަށްފަހު ނުކުންނެވީ ސިޓީ އުރައެއް ހިއްޕަވައިގެންނެވެ. އަޅުގަނޑު ގޮވައިގެން އެބޭކަލުން "ހަވީރު"ގެ އިދާރާއިން ބޭރަށް ނުކުތްއިރު އޭރު ސިފައިން ބޭނުން ކުރާ ނޫކުލައިގެ ވޭނެއް އޮތެވެ. ބުނުއްވީ ވޭނަށް އެރުމަށެވެ.

އަޅުގަނޑު އޭރު ވަޒީފާ އަދާކުރަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައެވެ.

ވޭނުގައި ތިއްބެވީ މުޅިންވެސް ދަންނަ މޫނުތަކެވެ. ނަމަވެސް އެއްވެސް ބޭކަލަކު ވާހަކައެއް ނުދައްކަވައެވެ.

ފުލުސް އޮފީހަށް ގެންދެވިއްޖެއެވެ. އޭރު ފުލުހުންނާއި ސިފައިން ވަކި ދެ މުއައްސަސާގެ ގޮތުގައި ހިންގާކަށް ނުފަށައެވެ. ފުލުސް އޮފީސް ހިނގަމުން ދަނީ ބަންޑާރަ ކޮށީގައި، މިހާރު ޑިފެންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތުގެ ދެވަނަ ފަންގިފިލާގައެވެ. ފުލުސް އޮފީހުގައި މަސައްކަތް ކުރައްވާ ސިފައިންގެ އޮފިސަރުންނާއި ޕްރައިވެޓުން ވެސް އެކި ކަންކަމުގައި އޭރު ޑިފެންސް މިނިސްޓްރީއަށް ދުރުވެ ހައްދަވައެވެ.

އަޅުގަނޑު ފުލުހުންގެ އިދާރާއަށް ގެންދިޔައިރު އަޅުގަނޑުގެ އަޚު ޙަސަން ޝާކިރު މުޙައްމަދު ވެސް ފުލުސް އޮފީހުގެ ތިރީބައިގައި އިންނެވިއެވެ. އެކަމަކު ދެ މީހުން ތިބީ ވާހަކަ ނުދެއްކޭ ގޮތަށް ދެތާނގައި ބައިތިއްބާފައެވެ.

އަޅުގަނޑަށް ޝާކިރު ފެނުނީ ފާޚާނާއަށް ވަންނަވަން ހުރަސްކޮށްލެއްވި ވަގުތުއެވެ. ވާނޭ ގޮތެއް ނޭނގޭތީ ވަރަށް ކަންބޮޑުވިއެވެ. ބިރުވެސް ގަނެއެވެ. މުޅިމީހާ އިނީ ހާސްވެފައެވެ. އަތްފައިން ވަނީ ލޮނުދާ ހިއްލާފައެވެ. އޭރު އަޅުގަނޑުގެ އުމުރަކީ 22 އަހަރެވެ.

އިރުކޮޅަކުން ފުރަތަމަ ފަންގިފިލާއަށް އަރުވައިފިއެވެ. ސުވާލު ކުރަން އިންނެވީ ގަލޮޅު އަންބަރީގޭ ޙުސައިން ޝާކިރެވެ. ފުރަތަމަ ވެސް ކުރެއްވި ސުވާލަކީ ޅެމުގައި ބުނާ އެއްޗެއް އަޅުގަނޑަށް އެނގޭ ތޯއެވެ؟

އަޅުގަނޑު ދެންނެވީމެވެ. ޅެން ކިޔާލީމާ މަތިމަތިން މާނަ އެނގެއެވެ. ދެން ވިދާޅުވީ މީ ކާކަށް ނިސްބަތްކޮށް ހަދާފައިވާ ޅެމެއް ހެއްޔެވެ.؟

އަޅުގަނޑު ދެންނެވީމެވެ. ތިޔަކަން އެނގޭނީ ޅެންވެރިޔާއަށެވެ.

ދެން ސުވާލު ކުރެއްވީ މި ޅެން ނޫހުގައި ޖަހައިދިނީ ކީއްވެ ހެއްޔެވެ؟ މިއީ ނޫހުގައި ކުރިން ޖަހާނުދީފައި އޮތް ޅެމެކެވެ.

އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑަށް ތިޔަ ކަމެއް ނޭނގެއެވެ. ނޫހުގައި ޖަހައިނުދޭ އެއްޗެހި އެތާނގައި އިއުލާނުކޮށް ބަހައްޓާފައެއް ނުހުރެއެވެ. އަދި އަޅުގަނޑަށް ތިޔަކަން އަންގައިފައެއްވެސް ނުވެއެވެ. އެޑިޓަރާ ތިޔަ ސުވާލު ކުރައްވަން ވީނޫން ތޯއެވެ؟ ތިޔަ ކަމުގައި ޒިންމާ އުފުލަން ޖެހޭނީ އެ ތަނުގެ ވެރިންނެވެ. އަޅުގަނޑު ޒިންމާ އުފުލަން ޖެހޭނެ އެއްގޮތެއް ވެސް ނޯންނާނެއެވެ. އަޅުގަނޑަކީ ނޫހުގެ އެއްވެސް މަސްއޫލިއްޔަތެއް އަދާކުރާ މަގާމެއްގައި ހުރި މީހެއް ނޫނެވެ. އަދި ނޫހުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ މީހުން ގެންނަވާ ސުވާލު ކުރައްވާށެވެ.

ދެން ވިދާޅުވީ ތިރީގައި މަޑުކޮށްލުމަށެވެ.

އެ ދުވަސްވަރު އެޑިޓަރުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އުފުލަނީ ހޯރަފުށީ މުޙައްމަދު ސަލީމެވެ.

ބައިގަޑިއެއްހައިއިރު ފަހުން މީހަކު އައިސް ފާހެއް ދިނުމަށް ފަހު ބުނީ ދިޔައަސް އެންމެ ރަނގަޅު ކަމަށެވެ.

ކުރިން ވެފައި ހުރި ހާސްކަން ފިލައިފިއެވެ. އެކަމަކު އަދި މައްސަލަ ނުނިމޭނެކަން އެނގޭތީ ހުރީ ބިރުންނެވެ. ހިނގާފައި ގޮސް އޮލިމްޕަސް ދޮށުގައި ހުރި ބައިސިކަލުގައި ގެއަށް ގޮސް ނިދޭތޯ އުޅެއުޅެ ނިދޭ ގޮތް ވީ ވަރަށް ދަންވި ފަހުންނެވެ.

އާދައިގެ މަތިން އަނެއް ދުވަހު ހެނދުނު 7.30 އަށް އޮފީހަށް ދިޔައީމެވެ. އޮފީހުގެ ސައިގަޑީގައި ރޭގައި އަޅުގަނޑު ފުލުސް އޮފީހަށް ގެންދިޔަކަން ބައެއް މުވައްޒަފުންނަށް އެނގި އެކަމާއި ސުވާލު ކުރިއެވެ. ބައެއް މުވައްޒަފުން ވައްބަހުން އަދިވެސް ނޫހުގައި ފާޑުފާޑުގެ އެއްޗެހި ޖެހޭތޯ ބަލާށޭ ކިޔައި ދިމާކޮށް ވެސް ހެދިއެވެ.

އާދައިގެ މަތިން ފުލުހުންގެ ސެކްޝަންތަކުގެ އިސްވެރިން، ޑިފެންސްގައި އޮންނަ މައްސަލަތައް ބަލާ ކޮމެޓީއަށް ވަޑައިގަންނަވާނީ ހެނދުނު 10 ޖަހާއިރުއެވެ. އެއީ ކުރީ ދުވަހު ފުލުހުންގެ އިދާރާއަށް ހުށަހެޅި އަދި ބަލަމުންދާ މައްސަލަތަކަށް ގޮތް ނިންމާ ކޮމެޓީއެވެ. އެ ކޮމެޓީގައި ފުލުހުންގެ އެންމެ އިސްވެރިންގެ އިތުރުން ޑިފެންސްގެ އިސްވެރިން ހިމެނެއެވެ.

ކޮމެޓީ ނިމުނުތާ ކުޑައިރު ކޮޅެއް ވީތަނާ ސީނިއަރ އަންޑަރ ސެކްރެޓަރީ ޢަބްދުލްޤައްޔޫމް ޢަލީ އަޅުގަނޑަށް އިންޓަކަމުން ގުޅުއްވިއެވެ. އަދި ބައްދަލު ކޮށްލުމަށް އައުމަށް އެދުނެވެ.

ދިޔަތަނުން ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުވުމަށް އެފަރާތުން އެބައެދެއެވެ. މި ވަގުތަށް ހުރި މަސައްކަތްތައް އެހެން މުވައްޒަފަކާ ހަވާލު ކުރާށެވެ.

އަޅުގަނޑު ދެންނެވީމެވެ. އެނބުރި އާދެވޭނެ ނޫންތޯއެވެ؟

ވިދާޅުވިއެވެ. މައްސަލަ އޮތީ ވަރަށް ހޫނުކޮށެވެ. ފަހަރުގައި އެތަނުގައި ބައިންދަފާނެއެވެ. މިހެން ބުނުއްވުމުން އަނެއްކާ ހާސްވާން ފަށައިފިއެވެ. ފެންކަޅި ވާގޮތް ވެސް ވިއެވެ. ހިތަށް އެރިއެވެ. މި ފަހަރު ދެން އަޅުގަނޑުގެ ކަންތައް މި ދިޔައީއެވެ.

ޝާކިރު އަދިވެސް ދުލެއް ނުކުރެއެވެ. އެކަން އެނގުނީ ހެނދުނު ޝާކިރުގެ ރަޙްމަތްތެރިއަކަށް ގުޅައިގެންނެވެ. އެ ދުވަސްވަރަކީ މޯބައިލް ފޯނުގެ ޒަމާނެއް ނޫނެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި

ފުލުސް އޮފީހަށް ހާޒިރުވީ އޮފީސް ހެދުމުގައި ހުރި ގޮތަށެވެ. މިއަދުވެސް ތަހުގީގުގައި ކުރާ ސުވާލަކީ މިކަމަކީ ސީދާ އަޅުގަނޑާއި ޙަސަން ޝާކިރު މުޙައްމަދާ ދެ މީހުންގެ ރޭވުމުގެ މަތިން ކުރިކަމެއްގެ ގޮތުގައެވެ. ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާ ރައީސުލްޖުމްހުރިއްޔާ އަގުވައްޓާލަން ކުރި ކަމެއްގެ ގޮތުގައެވެ. އަދި ރައްޔިތުންގެ ހިތުގައި ސަރުކާރާ މެދު ނަފުރަތު އުފެއްދުން ކަމުގައެވެ. އަޅުގަނޑު އެކަމަށް އެއްބަހެއް ނުވަމެވެ. ދެން ކުރެވޭ ސުވާލަކީ މިކަމުން ނުކުމެދާނެ ނަތީޖާއާ ގުޅޭ ސުވާލެވެ.

ޅެމުގެ ސުރުޚީއަކީ "ސަލާމަތެއް އެބައޮތް ބާވައޭ؟" އެއީ ޝާކިރުގެ ޝުޢޫރެވެ.

ފުލުސް އޮފީހުގައި ބޭންދުމަށްފަހު މެންދުރުފަހު އަޅުގަނޑު ބަދަލުކުރީ މިހާރު ފުލުސް އޮފީސް ހިނގަމުންދާ އިމާރާތް ހުރި ތަނުގައި ހުންނަ މީހުން ބަންދުކޮށްފައި ބައިތިއްބާ ބަޔަށެވެ. އެތަނުގެ ދެކުނު ކޮޅުގައި ހުންނަނީ ޑިފެންސްގެ މުވައްޒަފުންގެ ބައިސިކަލް ގަރާޖެވެ. އެ ތަނަކީ ދެބުރިއަށް ހުރި އިމާރާތެކެވެ. މަތީބައި ބޭނުން ކުރަނީ ފުލުސް ކޯޓު ހިންގުމަށެވެ. ކުރިން އެތަން ބޭނުން ކުރީ ކަސްޓަމް އޮފީސް ހިންގުމަށެވެ.

ގެއަށް ލިސްޓް ފޮނުވައިގެން އަޅުގަނޑުގެ އަންނައުނު ގެނެސްފިއެވެ. މިތަން ހުންނަނީ ދެބަޔަކަށެވެ. ޑަބަލް އެނދުގެ ގޮތުގައި ހުންނަ ދަގަނޑު އެނދުތަކެކެވެ. އެނދުތަކުގައި ފްލައިވުޑް ފިލާ އަޅާފައި އޮންނައިރު ދެން އޮންނަނީ ފިލާގެ މަތިން ކުނަލެއް އަޅާފައެވެ. ބެޑްޝީޓެއް ބާލީހެއް ނޯވެއެވެ. ބާލީހަކަށް ބޭނުން ކުރަނީ އަތް ނުވަތަ އެމީހަކު ގެންގުޅޭ އަންނައުނު އަޅާ ދަބަސް ނުވަތަ ކޮތަޅެވެ. އަބަދުވެސް ފޯރި މަރާ ފުލުހަކު ހުރެއެވެ. ދެ ފާޚާނާ ހުރެއެވެ. އަދި ކެއުމާއި ސައިބުއިމަށް ޚާއްޞަ ބައެއް ވަކިން ހުރެއެވެ. އަޅުގަނޑުގެ އަޚު ޙަސަން ޝާކިރު މުޙައްމަދު ވެސް އެތަނުގައި ހުންނެވިއެވެ. ޝާކިރު ފެނުމުން ކުޑަކޮށް ހިތްހަމަޖެހުނެވެ. އަދި ދެރަ ވެސް ވިއެވެ. މިވީ ކަމަކުން ޝާކިރު ވެސް ހައްޔަރުވާން ޖެހުމުންނެވެ.

ހެނދުނު ސަޔަށް ހުންނަނީ މުގުރިހައާއި ރޮއްޓެވެ. އަދި ކަޅުސަޔެވެ. މެންދުރަށް ހުންނަނީ ބަތާއި ރިހަ ނުވަތަ ގަރުދިޔާއި ލުނބޯ މިރުހެވެ. ހަވީރު، ފާރޮއްޓާއި ކިރު ސަޔެވެ. ރޭގަނޑު ބަތާ ރިހައެވެ. މިއީ އޭރު ސިފައިންގޭގެ ކޮއްތުގެ ތެރެއިން ބަޔެކެވެ. އެކަން އަޅުގަނޑަށް އެނގެނީ ޑިފެންސް މުވައްޒަފުންނަށް ސިފައިންގެއިން ހެނދުނުގެ ސަޔާއި ހަވީރު ސަޔާއި ރޭގަނޑުގެ ކެއުން ވެސް ގެންނާތީއެވެ. އަދި ބައެއް ދުވަސް ދުވަހު މެންދުރު ކެއުން ވެސް ގެނެއެވެ.

އަޅުގަނޑަކީ އެހައި ހެނދުނާ ސައިބޮވޭ މީހަކަށް ނުވާތީ ގިނަ ދުވަސްދުވަހު ގޮވިއަސް ސައި ބޯކަށް ނުތެދުވަމެވެ. ބަނަހާއި ރިހަ ހުރި ދެ ދުވަހަކު ސައިބުއިމެވެ. ކާގަޑި ޖެހުމާއެކު އަލިހޮއްކޮ ކިޔާ ސިފައިންގެ ބޭކަލަކު ދުރުވެ ގޮވާލައްވައެވެ. ބައެއް ފަހަރު މީހުން ގިނަ ކަމުން ދެބުރަށް ކާމޭޒު ދޮށަށް މީހުން ގެންދެއެވެ. ޢަލި ހޮއްކޮއަކީ އުމުރުން ދުވަސްވީ މީހެކެވެ. ރުޅިވެސް އެހައި ގަދަ ބޭކަލެކެވެ. ބަންދު މީހުންނާ ބައެއް ފަހަރަށް ބޮޑު ފޮތުން ވެސް ވާހަކަ ދައްކަވައެވެ.

ފުރަތަމަ ވަރަށް ޖެހިލުންވިއެވެ. މިތާނގައި ވައްކަމުގެ މީހުންނާއި މާރާމާރީގެ މީހުންނާއި ކުޑަކުދިންނާ ބެހިގެން ގެނެސްފައި އިން އުމުރުން ދުވަސް ވީ މީހަކުވެސް އިނެވެ. އެންމެ ބޮޑަށް ޖެހިލުންވީ އެކި މައްސަލަތަކުގައި ޑިފެންސަށް ގެންނަ މީހުން ވެސް މިތަނުން ފެންނާތީއެވެ. އެމީހުންގެ އުނދަގޫ ފޯރާފާނެތީއެވެ. ކުރެވޭނެ މާބޮޑު ކަމެއް ނެތުމުން އަޅުގަނޑަށް ދިން އެނދަށް އަރައި އިސްޖަހައިލައިގެން އިނީއެވެ. ގިނަ ވަގުތު އޮންނަނީ އޮށޯވެގެންނެވެ. އަޅުގަނޑު ހޯދީ މަތީ އެނދެކެވެ. ހާސްވުން ކުޑަވާނެތީއެވެ. ނަމަވެސް ހީކުރިގޮތާ މުޅިން ތަފާތެވެ. އެތާ ތިބި ގިނަ މީހުން ޚަބަރުދަބަރު އަހައި ވަރަށް ހިތްވަރު ދިނެވެ. ވާހަކައެއް ދައްކައިގެން ގެނެސްފައި އިން ކަނދޮޅުދޫ ދޮންބެގެ ހިތްވަރު ވެސް ވަރަށް ލިބުނެވެ. އެންމެންގެ ސުވާލަކަށް ވެސްވީ ޅެމެއްގެ މައްސަލާގައި ހައްޔަރުކުރީމައެވެ. އަދި އެތަނުން ފެނުނު ދަންނަ މޫނުތަކާއި ނުދަންނަ މޫނުތަކުގެ ވެރިންގެ ފަރާތުންވެސް ލިބުނީ ހިތްވަރެވެ. އެމީހުން އަޅުގަނޑާއި ޝާކިރަށް ވަރަށް އިހުތިރާމު ކުރިއެވެ.

އެގާރަ ދުވަސް އެތަނުގައި ބަހައްޓާފައި ހުއްޓެވެ. ނަމާދު ކުރަނީ އެނދުމަށްޗަށް ކޮޅަށް އަރައިހުރެއެވެ. ބަންގީގެ އަޑުވަރަށް ރީތިކޮށް އިސްލާމީ މަރުކަޒުން އިވެއެވެ. ލަވަކިޔާ މީހުންނާއި ވާހަކަ ކިޔައިދޭ މީހުންވެސް ތިބެއެވެ. ފޫހިވީމާ އޮންނަ ކަމަކީ ނިދުމެވެ.

ފޯރިއަށް އަންނަ ސިފައިންގެ އެންމެންނަކީ ވެސް އެކި ކަންކަމުގައި ޑިފެންސަށް އައިސް ދެކެފަރިތަ ރައްޓެހިންނެވެ. އެމީހުން ވެސް ވެގެން އުޅޭ ގޮތް ސާފުކޮށް ހައިރާންވެގެން އުޅެއެވެ. ބައެއް މީހުންގެ ފަރާތުން އެނގުނު ގޮތުގައި ރަށުތޭރޭގައި އެ ޅެމުގެ އަޑު ވަރަށް ގަދައެވެ. މީހުން ފޮޓޯ ކޮޕީ ހަދައިގެން ގެންގުޅޭ ކަމުގެ ޚަބަރު ވެސް ލިބެއެވެ. އެއީ އަލަށް ގޮޅިއަށް ގެންނަ މީހުންގެ ފަރާތުންނެވެ.

ކާތަކެތި ހިފައިގެން އަންނަ ވޭޓަރުންނަކީ ސިފައިންގޭގެ ބަދިގޭގައި އުޅޭ މީހުން ކަމުން އެމީހުންނަކީ ވެސް ދަންނަ މީހުންނެވެ. އެމީހުންގެ އަތުން ލިބޭ ފޯއްކޮޅު އަޅުގަނޑުގެ ދަބަހުގައި ބަހައްޓައިގެން އެންމެންނަށް ދީ ހަދަމެވެ.

ކައިނިމުމުން އެންމެން ވެސް ދުފަން އަންނީ އަޅުގަނޑު ކައިރިއަށެވެ. ކޮންމެ މީހަކަށް ފޯއް ފޮއްޗެކެވެ. ނުވަތަ ފަޅިއެކެވެ. އަދި ކަރަންފޫ ބުރިއެކެވެ. ބިލެތެއް ނުލިބެއެވެ. ފޯއްކޮޅު މިގޮތަށް ބަހަން ޖެހެނީ ލިބިފައި ހުންނަ އެތިކޮޅު މަދުކަމުންނެވެ. ދޭތެރެއަކުން މީހުންގެ ދަބަސް ޗެކްކުރަން އަންނަ ސިފައިންގެ މީހުންވެސް އަޅުގަނޑުގެ ދަބަސް ޗެކްކޮށެއް ނަހަދައެވެ. އެމީހުންނަށް ކުރެވޭ އިތުބާރު ބޮޑީ ކަމަށް ވެދާނެއެވެ.

ގެއަށް ބަދަލުކުރުން

ސެޕްޓެމްބަރު 6 ވަނަ ދުވަހު ގެއަށް ބަދަލުކޮށްފިއެވެ. އަޅުގަނޑުގެ އަތުގައި އޮތް 25 އޯގަސްޓް 1989 ދުވަހުގެ "ހަވީރު" ނޫސް މިއަދާ ހަމަށް ރައްކާކުރީމެވެ. އަޅުގަނޑު ބަންދުކުރި ދުވަހުން ފެށިގެން ގެއަށް ލިބެމުން އައި "ހަވީރު" ނޫސް އައުން ވެސް ހުއްޓިއްޖެއެވެ. ނޫސް ބަހާމީހާ އަޅުގަނޑު ހުންނަގޭ ދޮށުން ދާނެތީ އޭނާއަށް އިންތިޒާރު ކުރަނިކޮށް ދިމާވެއްޖެއެވެ.

އަޅުގަނޑުމެންގެއަށް މިހާރު ނޫސް ނުލިބޭކަމާއި ވީ ކީއްތޯ ސުވާލު ކޮށްލުމުން ނޫސް ބަހާ ސައީދު ބުނުއްވީ، ނޫސް ތިގެއަށް ނުގެންދަން އޭނާއަށް "ހަވީރު"ގެ އިސްބޭފުޅަކު އަންގަވާފައިވާ ކަމަށެވެ.

އޭރު "ހަވީރު" ނޫހުގެ މުވައްޒަފުންނާއި އާންމުކޮށް ލިޔާ މީހުނަށް ހިލޭ ނޫސް ލިބެއެވެ. އެއީ އޭރުގެ އިޝްތިރާކަށް ބަލާ ނަމަ މަސް ދުވަހަށް 38 ރުފިޔާއެވެ.

ދެ އަހަރާ ބައި މެދުކެނޑުމެއް ނެތި "ހަވީރު" ނޫހަށް ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުމުން ލިބުނު އިނާމު ކުޑައެއްނޫނެވެ. ތިނެއް ނޮވެންބަރުގެ މީހުންގެ ޝަރީއަތްތައް ހައިކޯޓުގައި ހިނގަމުންދިޔައިރު އެ ޝަރީއަތްތައް ކަވަރު ކުރަން ދާނެ މީހަކު ނުވެގެން އެދުވަސްތަކުގައި އެކަން ވެސް ކުރީމެވެ. އެއީ ނޫހުގައި ފުލްޓައިމު ރިޕޯޓަރުން، ލިޔުންތެރިން ގޮތުގައި ގިނަ މީހުންތަކެއް އުޅުނު ދުވަސްވަރެއް ނޫނެވެ. އަދި ފުލުސް އޮފީހަށް ހުށަހެޅޭ އާދަޔާ ޚިލާފު މަރުތަކުގެ ހާދިސާތަކާއި ތަފާތު ބޮޑެތި މައްސަލައިގެ އަސްލު ރިޕޯޓް ޑިފެންސްގެ ވެރިން ދެއްވުމުން ޚަބަރުގެ ގޮތުގައާއި ލިޔުމުގެ ގޮތުގައި "ހަވީރު" ނޫހަށް ލިޔެދެމުން ދިޔައީމެވެ.

ދެ ދުވަސް ފަހުން ޑިފެންސަށް ގެންގޮސްފިއެވެ. މައްސަލާގައި ވެގެން އުޅޭގޮތް ސާފު ކުރަން ޑިފެންސްގެ ނައިބު އިލްޔާސް އިބްރާހީމް ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އަޅުގަނޑާ ބައްދަލު ކުރެއްވީ، ޑިފެންސްގެ ސީނިއަރ އަންޑަރ ސެކްރެޓަރީ އިސްތަފާ އިބްރާހީމް މަނިކެވެ.

ވެގެން އުޅޭގޮތް ދެންނެވުމުން އަނބުރާ އަނެއްކާ ގޭބަންދަށް ގެންގޮސްފިއެވެ. ދެން އޭގެ ދެ ދުވަސް ފަހުން އަނެއްކާ ޑިފެންސަށް ގެންގޮސްފިއެވެ. އެއް ރެއެއްގެ އިރު އޮއްސުނު ވަގުތުގައެވެ. މިފަހަރުވެސް ބައްދަލު ކުރެއްވީ، އިސްތަފާ އިބްރާހީމް މަނިކެވެ.

އަޅުގަނޑު އަތަށް ދިއްކޮށްލެއްވީ ސިޓީ އެކެވެ. އެ ސިޓީއަކީ "ހަވީރު" ނޫހުގެ ލެޓަރހެޑްގައި ލިޔެފައި އޮތް ސިޓީ އެކެވެ. ސިޓީގައި ވަނީ ކުރިން ތަހުގީގުގައި ކުރި ސުވާލުތަކާއި ގުޅުން ހުރި ވާހަކަތަކެވެ. އަޅުގަނޑު ތައްޔާރު ކުރާ ޒުވާނުންގެ ސަފުހާ "ހަވީރު" ނޫހުގެ އެއްވެސް މަސްއޫލުވެރިއަކަށް ނުދައްކާ ޕްރިންޓްކުރި ކަމަށެވެ. އޮންނަ އުސޫލުތަކާއި ޚިލާފަށް އެޑިޓަރަށް ވެސް ނުދައްކާ އަޅުގަނޑު ނުފޫޒާއި ބާރު ބޭނުން ކޮށްގެން ޕްރިންޓްކުރުވި ކަމަށެވެ.

އަޅުގަނޑާއި އިސްތަފާ އިބްރާހީމް މަނިކު ކުރެއްވި ސުވާލަކީ، މިގޮތަށް މިހާވަރުގެ ބާރުތަކެއް ޝިޔާމަށް އޮވޭތޯ ބައްލަވަން، ނައިބު އިލްޔާސް އިބްރާހީމް ބޭނުންފުޅުވާ ކަމަށެވެ. އަދި އެތަނުގައި ކަންކަން ރޭވިފައި އޮންނަނީ ކޮން ގޮތަކަށްތޯ އެއްސެވިއެވެ.

އަޅުގަނޑު ވަރަށް ސާފުކޮށް ކަން އޮންނަ ގޮތް ކިޔައިދިނީމެވެ. ސަފުހާއަށް ބޭނުންވާ ތަކެތި އަތުން ލިޔެގެން އަޅުގަނޑު ގެންގޮސްދެނީ އެވަގުތަކު ހުސްކޮށް އިންނަ ކެލިގްރާފަރެއްގެ އަތަށެވެ. އޭނާ ރީތިކޮށް އަތުން ލިޔެ ލޭއައުޓް ހަދައެވެ. އާންމުކޮށް އަޅުގަނޑުގެ ސަފުހާގެ ލިޔުންތައް ލިޔެ ދެއްވަނީ އިބްރާހީމް ޙަމްދީއެވެ. ލިޔެ ނިމުމުން ސަފުހާ ރާވަނީ ކަފާ ތަތްކޮށްގެންނެވެ. އެއީ ލޭއައުޓް ހެދުމަށް ތައްޔާރު ކޮށްފައި ހުންނަ ޚާއްޞަ ކަރުދާހެއްގައެވެ. ސަފުހާގެ ލޭއައުޓް ނިމުމުން އެޑިޓަރ އިންނަވާ މޭޒަށް ސަފުހާ ގެންދަނީއެވެ. އެކަން ގިނަ ފަހަރަށް ކުރާނީ ކެލިގްރާފަރުންނެވެ. އަދި ބައެއް ފަހަރަށް އަޅުގަނޑު ވެސް ގެންދަމެވެ. އެއަށް ފަހު އެ ސަފުހާ އެޑިޓަރު ބެއްލެވުމަށް ފަހު، ޑާކް ރޫމަށް ގެންދިއުމުގެ ކުރިން ޒާހިރު ޙުސައިން ލައްވާ ސަފުހާގެ މަތީ ކަނުގައި ސޮއި ކުރުވައެވެ. ޒާހިރު ރަށުގައި ނޫޅުއްވާނަމަ އެހެން މަސްއޫލުވެރިއަކު ބައްލަވާކަން އަޅުގަނޑަށް އެނގިފައިވާ ކަމުގައި ވެސް ދެންނެވީމެވެ.

އެކަން އެގޮތަށް ހިނގާކަން އެނގެނީ ކީއްވެތޯ އިބްރާހީމް މަނިކު ސުވާލު ކުރެއްވިއެވެ. އަޅުގަނޑު ދެންނެވީމެވެ. އެއީ ޑާކްރޫމްގައި މަސައްކަތް ކުރާ ޢަބްދުﷲ ރަޝީދު ބައެއް ފަހަރު ސަފުހާ ހިފައިގެން އައިސް ވެރިއެއްގެ ސޮއި ނެތިގެން ނެގެޓިވަށް ސަފުހާ ފޮޓޯ ނުނަގާނެކަން ބުނެ އެޑިޓަރަށް ދަންނަވާތީއެވެ. ހަމަޖެހިފައިވާ ގޮތުން ޑާކް ރޫމަކީ އެތަނުގައި މަސައްކަތް ކުރާ މީހުން ފިޔަވާ އެހެން މީހުން ވަދެ އުޅޭ ތަނެއް ނޫނެވެ. އަދި ވަނުން މަނާ ތަނެއް ކަމުގައި ވެސް ދެންނެވީމެވެ. ޑާކު ރޫމުން ސަފުހާ ނެގެޓިވަށް ނެގުމަށް ފަހުވެސް ބައެއް ފަހަރަށް ސަފުހާގެ ފޮޓޯ ކަމުނުދާތީ ނުވަތަ ރަނގަޅު ފޮޓޯ ނުލިބިގެން ޢަބްދުﷲ ރަޝީދު އަޅުގަނޑަށް ގުޅައި ފޯނުން ވާހަކަ ދައްކާ ކަމުގައި ވެސް ދެންނެވީމެވެ. ނެގެޓިވަށް ނެގުމަށް ފަހު ދެން ނަގަނީ އެލްމެނިއަމް ޕްލޭޓަށް ކަމަށާއި އެއަށް ފަހު ޗާޕުކުރަނީ ކަމުގައި ދެންނެވީމެވެ. މިގޮތަށް ހިނގާ ކަމެއްގައި އަޅުގަނޑުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން ކޮށްފައިވާ ކަމެއްތޯ ބެލުމަށް އެތަނުގެ އެއްވެސް މުވައްޒަފަކާ މިމައްސަލާގައި ސުވާލު ނުކުރާ ކަމުގެ ޝަކުވާ އަޅުގަނޑު ކުރީމެވެ.

މަޑުކޮށްލަން ވިދާޅުވެފައި ބޭރު ފެންޑާގައި އަޅުގަނޑު ބޭންދީއެވެ. އިރުކޮޅަކުން އެތެރެއަށް ވައްދާފައި ވިދާޅުވީ، ޑިފެންސް މިނިސްޓަރުގެ ނައިބު އިލްޔާސް ވިދާޅުވިއޭ ކުރިއަށް އޮތް ތަނުގައި ވިސްނައިގެން އުޅޭށެވެ. އަދި އޮފީހުގެ ވަޒީފާއަށް މާދަމާއިން ފެށިގެން ނުކުންނާށެވެ. މިހާ ހިސާބުން ގޭބަންދުން ދޫކޮށްލީއެވެ.

އަޅުގަނޑުގެ އެކުވެރި ޝާކިރު އޭރު ހުރީ ގޭބަންދުގައެވެ. ޝާކިރު ގޭބަންދުގައި ހުރިއިރު ބައްދަލުކޮށްލަން ދިޔައީމެވެ. ޝާކިރު ދޫކޮށެއް ނުލައްވައެވެ. ޝާކިރާ މެދު ދައުލަތުން ދައުވާކޮށް ފުލުސް ކޯޓުން 6 މަސްދުވަހަށް އަރުވާލަން ހުކުމް ކުރެއްވީއެވެ. ޝާކިރު އަރުވައިލީ ވ. އަތޮޅު ކެޔޮދޫއަށެވެ.

މައްސަލައިގެ ވަށައިގެންވާ އެހެން ކަންކަން

ނޫހުގައި ޅެން ޝާއިއުކޮށް ނެރުނީ ހުކުރު ދުވަހުއެވެ. އެންމެ ފުރަތަމަ މި ޅެމުގެ މައްސަލާގައި ކަންބޮޑުވެގެން ޒާހިރު ޙުސައިނަށް ފޯނު ކުރެއްވި ކަމަށް އެނގިފައި ވަނީ، ޝައިޚު މުޙައްމަދު ރަޝީދު އިބްރާހީމެވެ. އެފޯނު ކޯލަށް ފަހު ދެން އައީ ރައީސް މައުމޫންގެ ފޯނުކޯލެކެވެ. މިފޯން ކޯލްތަކަށް ފަހު އެ ޅެމުގެ މައްސަލަ ވަގުތުން ބަލަން ޒާހިރު ޙުސައިން ނިންމެވީއެވެ. މިކަން އެނގި ސާފުވީ ފަހުންނެވެ. އެކަން އަޅުގަނޑަށް ކިޔައިދިނީ ފޯން ކޯލްތައް އައިއިރު ޒާހިރުގެ އަރިއަހުގައި އިން މީހެއްގެ ފަރާތުންނެވެ.

ދިވެހި ނޫސްވެރިކަމުގެ 77 އަހަރުގެ ތާރީޚުގައި ނޫހަކުން ސީދާ ފުލުހާ ހަވާލުކުރި ދެ މީހުންގެ ތެރެއިން އެކަކީ އަޅުގަނޑެވެ. އަނެކަކީ އަޅުގަނޑުގެ އަޚު ޙަސަން ޝާކިރު މުޙައްމަދެވެ.

ނޫހުގައި މަސްއޫލިއްޔަތު އުފުލަން ތިބި މީހުން ހިމާޔަތް ކުރުމަށް ފަހު އެހެން މީހުން ގޮޅިއަކަށް ފައްތައިލުމަކީ އޭރުގެ ވިސްނުމެވެ. މިއީ އެ ނޫހުގެ ދިގު ތާރީޚުގައި ގިނަ ފަހަރަށް ކަން ހިނގާފައިވާ ގޮތެވެ. އެ ގޮތުން އެ ނޫހުގައި ލިޔުނު އެތައް ލިޔުންތެރިންނެއް ކުޑަގޮޅިއަށް ވަންނަން ޖެހުނެވެ. އަދި ބައެއް މީހުން ހުކުމްކޮށް އަރުވައިލީއެވެ.

މިޅެން ޝާއިއުކުރި ދުވަސްވަރަކީ 3 ނޮވެންބަރުގެ ހާދިސާއަށް ފަހު ގައުމުގެ ކަންކަން އިސްލާހު ކުރަން ޖެހޭ ކަމަށް ރައްޔިތުން ވާހަކަ ދައްކަމުން ދިޔަ ދުވަސް ވަރެކެވެ. ނަމަވެސް ޚިޔާލު ފާޅުކުރުން އޭރު އޮންނަނީ ސިއްރުންނެވެ. ސަރުކާރުގެ ކަމަކާ ބެހޭ ގޮތުން ހޮޓަލެއްގައި ނުވަތަ އެނޫން ތަނެއްގައި ވެސް ދެކެވޭ ވާހަކައަކުން މީހުން ހައްޔަރުވެ ޝަރިޢަތް ކުރެވެއެވެ.

ޝާކިރުގެ ޝުއޫރަކީ ނޭދެވޭ ކަންކަން ހިނގާނަމަ އެކަންކަމުގެ ނަތީޖާ އޮންނާނެ ގޮތުގެ މައްޗަށް ޅެންބަހުން ގެނެސްދީފާއިވާ އޭނާގެ ޝުޢޫރެވެ. ޝާކިރަކީވެސް އަދި އަޅުގަނޑަކީވެސް ސަރުކާރާ ދެކޮޅުވެ "ސަރުކާރު ވައްޓާލަން" އުޅޭ ބައެއްގެ ގޮތުގައި ލޭބަލް ކުރެވިގެން ދިޔައީއެވެ. އެދުވަހަށްފަހު އޭގެ ދެ އަހަރު ފަހުން ވެސް އަޅުގަނޑުމެން ދެ އެކުވެރިން އެކުގައި ގޮޅިއަށް ވަންނަން ޖެހުނެވެ. އަމަންއަމާން ކަމަށް ގެއްލުމެއް ލިބިދާ ފަދަ އަމަލުތަކެއް ހިންގާން އުޅޭ ކަމުގެ ތުހުމަތުގައެވެ. ދޫކޮށްލީ ކުށްސާބިތުނުވާތީ ނަސޭހަތްދީފައެވެ. ކުށް ސާބިތުނުވާ މީހަކަށް ދޭނެ ނަސޭހަތެއް އޮންނާނެތޯއެވެ؟

އޭގެ އެތަކެއް އަހަރު ފަހުން 2006 ވަނަ އަހަރު އަޅުގަނޑު ވަޒީފާ އަދާކުރަމުންދިޔަ ސަރުކާރުގެ އޮފީހުން މަގާމުގެ ކުރިއެރުމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔުނު ސިޓީއަށް ދެއްވި ޖަވާބުގައި އޮތީ، ސަރުކާރާ ދެކޮޅު ލިޔުމެއް ޝާއިޢު ކުރުމުގައި އެހީތެރިވެދީފައިވާތީ މަގާމުގެ ކުރިއެރުން ދެވެން ނެތް ކަމުގައެވެ. މިހިރީ މިކަމުގެ އަސަރު ދިގުދެމިގެން ފޯރާފައި ހުރި މިންވަރެވެ.

އެއީ އެ ދުވަސްވަރެވެ. މިއީ މި ދުވަސްވަރެވެ. އުޑާ ބިމާހާ ތަފާތެވެ. ނަމަވެސް މިހާރު ކަން ހިނގަނީ މުޅިން އެހެން ސިފައެއްގައެވެ.

"ހަވީރު" ނޫސް މިހާރު ވަނީ ނުކުތުން ހުއްޓިފައެވެ. އެއީ ދިވެހި ނޫސް ވެރިކަމަށް ލިބުނު ދެރައެކެވެ.

"ހަވީރު"ގެ މަސްއޫލުވެރިން މިއަދު މަގުމަތިން ފެނުނަސް އަޅުގަނޑު ހިނިތުންވުމާއެކު އެބޭފުޅުންނާ ވާހަކަ ދައްކަމެވެ. އެ ބޭފުޅުންނާ މެދު އަޅުގަނޑުގެ ހިތުގައި ހުރި ފާރުތައް މިހާރު ހިކިއްޖެއެވެ. ރިހުމެއް ނެތެވެ.

ޝާކިރުގެ ޝުޢޫރު:

ސަލާމަތެއް އެބައޮތްބާ؟

އިސްލާމަކަށް ވެގެންހުރެ ހިތުހުރި ގޮތަށް އުޅޭއިރު
"އިސްސަފު"ގެ ގޮތް ރަނގަޅުކޮށް ދީނަށް ނަޞުރު ނުދޭއިރު

ޢިލްމީ ރޮނގުން އެތައް މޮޅު ފާސްތައް ތިމާގެ އޮތަކަސް
ސިލްމާ ސަލާމަތާ ފަހެ ލިބެވޭހެ ޢަމަލު ނެތް އިރު

މަތިވެރި ޙަދީޘް އެއަންގާ "އޮރިޔާން" ހެދުން އަޅައިގެން
މަތިހަށި ނަގާ އުފަލުގައި ރަނގަޅަށް މަޖާ ކުރާއިރު

ތިޔަ ގޮތް ރަނގަޅު ނުވާނޭ ބުނެގެން ފުދޭނެ ހެއްޔޭ؟
ތިޔަ ނަފުސުތައް ހަނދާންނެތި ކަތުނަށް އެހެން ގޮވާއިރު

ބޮޑު ބޮޑެތި މީހުނެއްކަމު ކުރިމަތި ޢަޛާބު ވާނޭ
ބޮޑުބުރު ހިނގާގޮތަށް ބަލަ ކުދިބުރު އެނބުރި އުޅޭއިރު

މުލަ ރޯދަ އާއި ހައްޖުން ހުރިހާ ނަފާ ލިބޭހޭ؟
ޢުލަމާއުނަށް ވެގެންތިބެ "އެދުމަށް" ސަޖިދަ ޖަހާއިރު

ޢާދިލް އިމާމަކަށް ވެވި ނަފަޤާ ލިބޭކަށެއް ނެތް؟
ޤާބިލު މަޤާމުގައި ހުރެ ވާޖިބު ހަނދާން ނުވާއިރު

ގާތް މީހުނަށް ނަފާދީ ހުރިހާ މޮޅެއް އަދައިގެން
ގާތް ނުވެ ތިމާގެ ދީނާ ހިތުހުރި ގޮތަށް އުޅޭއިރު

ބަންގީގެ އަޑު އިވޭއިރު އެކަމާއި އަޅާ ނުލާފައި
ދަން ފަތިހަކަށް ވަންދެން އުފަލާ މަޖާ ނަގާއިރު

އިންސާފު ނެތި ކަމެއްގައި މޮޅު ދަރަޖަ ނެތް ލިބޭކަށް
އިންސާނުނަށް ވުރެ މޮޅު އިންސާފު ހާމަ ވާއިރު

ފަހު ދުވަހު ގައިމު ކަށަވަރު މަސްއޫލު ވާން ޖެހޭނޭ
ފަހު ނޭވަޔާ ޖެހެންދެން ކަންތައް މިހެން ހިނގާއިރު

ޝާކިރުގެ ޝުޢޫރުގައި ރައީސް މައުމޫނުގެ ވާހަކައެއް ނެތެވެ. ރައީސް މައުމޫނަށް ރައްދުވާ ވާހަކައެއްވެސް ނެތެވެ.

މިއަދަކީ އޭގެ 31 އަހަރު ފަހުން އައި އޯގަސްޓް މަހުގެ 25 ވަނަ ދުވަހެވެ. މިނިވަން ނޫސްވެރިންނާއި ޅެންވެރިން އަނިޔާވެރިންގެ ކިބައިން ސަލާމަތްކުރައްވާށިއެވެ!

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
341312
ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. މިލިޔުން ކިޔާފަ ވަރަށް ހައިރާންވެ ދެރަވެސްވި. ސުބުޙާނަﷲ! އަނިޔާވެރިކަން ހުރީ ހަމަ ތިޔަ ދަރަޖައިގަ؟ ހާލަތު ބަދަލުވިކަން ކިތަންމެހާވެސް ރަނގަޅު.

  2. އަހަންނަށް ދެރައީ ރައީސް މައުމޫން އަމިއްލައަށް ޅެމުގަ ހުރި ވާހަކަތަކަށް ހަވާލުވީމަ. އަދި ނުވީތާކަށް ވަކިމީހަކަށް ނިސްބަތްކޮށްފަ ނެތް އިރުވެސް އަރިސް ބޭކަލުންވެސް އުޅުއްވީ ޅެމުގަ ހުރި ކަންކަން ސީދާ މައުމޫން ބޮލުގަ އަޅުވަން. މަމީ މައުމޫން ނަމަ ފުރަތަމަ ޝަރިޢަތް ކުރާނީ އެމީހުން. ލޮލްލލލ….

  3. މިޅެމާއި ގުޅިގެން ސާކިރުއަށް ކުރެވުނު ޙުކުމާއި ބެހޭގޮތުން ސާކިރު ލިޔުއްވައިފަވާ ލިއުއްމެއްވާނެ. އެލިޔުން މިނޫހުގައި ޖަހައިދެއްވުން ވ ބޮޑަށް އެދެން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *