Support Us

ކެޔޮނިރު ކޮލަމް

އެންމެ ފައިދާ ހުރި ގޮތަކީ ނާޤާބިލް ސަރުކާރު އިސްތިއުފާ ދީ، އިންތިޤާލީ ވެރިކަމަކަށް ފުރުސަތު ދިނުން

ދިވެހި ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ގެ ބަލި މީހެއް ފެނުނީ މިއަހަރު މާރޗް މަހުގެ 7 ވަނަ ދުވަހު އެވެ. ފުރަތަމަ ކޭހަކީ ރާއްޖޭގައި ހުރި އިޓަލީ ވިލާތުގެ، އުމުރުން 69 އަހަރުގެ ފަތުރުވެރިއެކެވެ. އެދުވަހުން ފެށިގެން ފާއިތުވި ފަސް ވަރަކަށް މަސް ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން ކޮވިޑް19 ގެ ބައްޔާއި ގުޅިގެން ދައުލަތުގެ އެއް ބިލިއަން ރުފިޔާ، ނުވަތަ 1000 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ހޭދަކޮށްފިއެވެ. އެއީ އެވްރެޖްކޮށް ކޮންމެ ދުވަހަކަށް 7 ވަރަކަށް މިލިއަން ރުފިޔާއެވެ. އެއީ އަދި ބޭރުގެ އެކި ފަރާތްތަކުން މިބައްޔާ ގުޅިގެން ރާއްޖެއަށް ދިން ބޭހައި ތަކެއްޗާއި ފައިސާގެ އެހީ ނުލައެވެ. މިހުރިހާ އެއްޗެއް ހިމަނައިފި ނަމަ ދިވެހި ސަރުކާރުން މިކަމަށް ހޭދަކުރި ވަރު އެއްބިލިއަން ރުފިޔާ އަށް ވުރެ އަދި މާބޮޑުތަން އިތުރުވެގެން ދާނެއެވެ.

މިހުރިހާ ހޭދައެއްކޮށް، އަދި ޑުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ވެންޓިލޭޓަރު ގަތުމުގެ ނަމުގައި ބޮޑުވެގެންވާ ކޮރަޕްޝަނުގެ ޖަރީމާ ދިވެހި ސަރުކާރަށް ނިސްބަތްވާ ބަޔަކު ހިންގުމަށް ފަހު، މި ބަލި ކޮންޓްރޯލް ނުވުމުން ސަރުކާރުން މިހާރު މަސައްކަތް ކުރަނީ މިކަމުގެ ޒިންމާ ދިވެހި ރައްޔިތުންގެ ބޮލުގައި އެޅުވުމަށެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ދަށުން ހިންގާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ވެރިޔާ، ޑރ. އަލީ ލަތީފް މިދިޔަ އާދީއްތަ ދުވަހު ވިދާޅުވެފައި ވަނީ މިހާރު މިދާ ބާރުމިނުގައި ކޮވިޑް-19 ފެތުރޭ ނަމަ ބަލި މީހުންގެ އަދަދު ކޮންޓްރޯލްނުވެ، ބަލި މެނޭޖް ނުކުރެވިދާނެ ކަމަށެވެ. އަދި ބަލި ފެތުރެނީ އެޗް.ޕީ.އޭގެ އެންގުންތަކަށް ރައްޔިތުން ބޯނުލަނބާތީ ކަމަށް ދޭހަވާ މޭރުމުން ޑރ. އަލީ ލަތީފް ވާހަކަ ދެއްކެވިއެވެ.

ހަމަ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ ވިދާޅުވީ އެޗް.ޕީ.އޭގެ ފިޔަވަޅުތަކަށް ރައްޔިތުން ބޯލަނބާނެކަމުގެ އުއްމީދުގައި ސިއްހީ ތަޖުރިބާކާރުން ތިއްބެވި ކަމުގައި ވިއަސް ހީކުރި ވަރަށް ވުރެން ވެސް ހާލަތު މިހާރު ގޯސްވެފައިވާ ކަމަށާއި، އެކަން އެގޮތަށް ދިމާވީ އެޗް.ޕީ.އޭގެ ފިޔަވަޅުތަކަށް ރައްޔިތުން ބޯނުލެބުމުން ކަމަށެވެ. މީގެ އިތުރުން ޑރ. ޝީނާ ވިދާޅުވި ގޮތުގައި ކޮވިޑް19 ބަލީގައި އެޑްމިޓްކޮށް ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު، ބޭނުންވާ މިންވަރަށް ޑޮކްޓަރުންނާއި ނަރުހުން ރާއްޖޭގައި ނެތެވެ. މިވެސް ރައްޔިތުންގެ ކުށެއްބާވައެވެ؟

ރައްޔިތުންގެ ޓެކްސް ފައިސާއިން ހެސްކިޔާފައި ހޭދަކޮށްފިއެވެ. ވެންޓިލޭޓަރު ގަންނަން ކަމަށް ބުނެ އެތައް މިލިއަން ޑޮލަރެއްގެ ކޮރަޕްޝަން ސަރުކާރަށް ނިސްބަތްވާ ފަރާތްތަކަކުން ހިންގައި، ވައްކަން ކޮށްފިއެވެ. އެއިން މީހަކަށް އެޅުނު ފިޔަވަޅެއް ނެތެވެ. ފަސް މަސް ދުވަހުގެ ތެރޭ 1000 މިލިއަން ރުފިޔާ ތަޅައި ދުމަށް ބުރުއްސާލާފައި މައްސަލަ މި ކަނޑާލީ ރައްޔިތުންގެ ބޮލަށެވެ.

ސަރުކާރުގެ ބޮލުގައި އެޅިފައި އޮތް ޒިންމާއިން ރެކެންވެގެން އެކި ފަރާތްތަކުން މިދައްކާ ވާހަކަތަކުގެ ބޮޅަށް އިތުރު ކޮށްލަންޖެހޭ އެންމެ ހައިރާން ކުރަނިވި ވާހަކަ އަކީ މިބަލިން ރާއްޖެ ސަލާމަތް ކުރަން މަސައްކަތް ކުރުމުގެ ފުރިހަމަ ކެޕޭސިޓީ އެޗް.ޕީ.އޭގައި ނެތް ކަމަށް އެ އެޖެންސީން ބުނުމުންނެވެ. މިހެން ބުނަން އެނގުނީ ފަސް މަސް ދުވަހު ޗަރުކޭސް ކުޅެ، 1000 މިލިއަން ރުފިޔާ ދުމަށް ބުރުއްސާލައި އެތައް ކޮރަޕްޝަނެއް ހިންގައިފައި ތޯއެވެ؟

ނުރައްކަލުގެ ރަނގަބީލު އެހިސާބުން ނިމުނީއެއް ނޫނެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް އާދީއްތަ ދުވަހު ވިދާޅުވި ގޮތުގައި މާލޭ ސަރަހައްދުން ކޮވިޑް19 އަށް ހާއްސަކޮށްފައިވާ ހޮސްޕިޓަލު އެނދުތަކުގެ 62 ޕަސެންޓު ވަނީ ފުރިފައެވެ. ކޮވިޑް ބައްޔަށް ހާއްސަކުރި އެނދުތައް ފުރެނީއެވެ. އެޗް.ޕީ.އޭގައި ފެންވަރެއް، ކެޕޭސިޓީއެއް ނެތެވެ. ކޮރަޕްޝަން އިންތިހާ އަށް ހިނގައްޖެއެވެ. ކޮވިޑް ކަންތަކުގައި އެންމެ ބޮޑަށް ނަގާކިޔާ އުޅުއްވި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި މަޤާމުން ވަކިކޮށްފައެވެ. ހެލްތް މިނިސްޓަރ އަމީން ވަނީ ކޮރަޕްޝަަންގެ ތުހުމަތާއެކު ވަޒީފާގެ ޒިއްމާއިން އަމިއްލަ އަށް އެކަހެރިވެފައެވެ. އަދިވެސް ޒިއްމާ ނަގަން މިޖެހެނީ ރައްޔިތުންނެވެ. ފާޑުފާޑުގެ ޖުރިމަނާ މިކުރަނީ ރައްޔިތުންނެވެ. ކުދި ވިޔަފާރިތައް ބަނގުރޫޓުވެ، ޑޮލަރުގެ އަގު އަތްނުފޯރާ ފަށަށް ގޮސް، އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި، އެތައް ހާސް އާއިލާއެއް ބަނޑަށް ޖެހި، ހާލުގަ ޖެހިއްޖެއެވެ. އަދިވެސް ބިރު މިދައްކަނީ ރައްޔިތުންނަށެވެ.

ރާއްޖެއިން މިބަލި ފެނުނުތާ ކުރީކޮޅު، ދިވެއްސަކަށް ބަލި ނުޖެހި ވަރަށް ގިނަ ދުވަސް ހޭދަވިއެވެ. އެދުވަސްކޮޅު ސަރުކާރުން ވަރަށް ބޮޑަށް މެޑެލް ޖަހާ، ފޮނިކެނޑިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވިދާޅުވީ ރާއްޖެއިން ވަނީ މިބައްޔާ ދެކޮޅަށް ނަމޫނާ ދައްކާފައި ކަމަށާއި އެއިރު އަޑިއަޅާލާފައި އޮތް ޓޫރިޒަމް ސިނާއަތަށް ވެސް އޮގަސްޓް މަސް ހިސާބުގައި ބޮޑު "ބޫމް"އެއް އަންނާނެ ކަމަށެވެ. ޖަރުމަނުން އެކަނި ވެސް ވިހި ހާސް ބުކިން ލިބިފައި އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އޮގަސްޓް މަސް އައިސް މިހާރު ނިމެނީއެވެ. ބޫމެއް ނާދެއެވެ. ބޯޑަރު ހުޅުވައިގެން ރިސޯޓް ތަކުގެ އޮކިއުޕެންސީ ދަށްވެގެން 30 ޕަސެންޓްގައި ހިފެހެއްޓޭނެ ކަމަށް އިންޑަސްޓްރީގެ ފަރާތްތަކުން ކުރި އުއްމީދު ފެނަށް ގޮސް ރިސޯޓްތަކުގެ އެވްރެޖް އޮކިއުޕެންސީ ވަނީ 10 ޕަސެންޓަށް ވެއްޓިފައެވެ. ރާއްޖޭގެ ރިސޯޓްތައް އެވްރެޖް ގޮތެއްގައި ހަރަދު ދެކޮޅު ޖެހެނީ ވެސް މަދުވެގެން 30 ޕަސެންޓްގައި އޮކިއުޕެންސީ ހުރެެގެން ކަމަށް ވާއިރު 10 ޕަސެންޓްގެ އޮކިއުޕެންސީގައި ހިންގަން ޖެހޭނީ ގެއްލުމުގައެވެ. މިފަދަ ހާލަތުގައި ޓޫރިޒަމް ސިނާއަތު އޮތް އިރު މާލޭ ސަރަހައްދު ދެވަނަ ލޮކްޑައުން އަކަށް ހިނގައްޖެނަމަ ރާއްޖޭގެ ޓޫރިޒަމް ސިނާއަތު އަޑިނޭނގޭ އަނދިރި، ފުން ވަޅުގަނޑަކަށް ވެއްޓިގެން ދާނެކަން ޔަޤީނެވެ.

ރާއްޖެއާ ހިލާފަށް އަވައްޓެރި ސްރީލަންކާ އިން ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ނަމޫނާ ދައްކައި، އަދަދުތައް ދަށްކޮށް، ފަތުރުވެރިކަމުގެ ސިނާއަތް ކާމިޔާބުކަމާ އެކު ހުޅުވައިފައެވެ. ލަންކާ އާއި ރާއްޖެ އަޅާކިޔާލާއިރު، ލަންކާގެ އާބާދީ އަކީ 22 މިލިއަނެވެ. ރާއްޖޭގެ އާބާދީ އަކީ އެންމެ ފަސް ލައްކަ އެވެ.

ލަންކާގައި ކޮވިޑް19 ބަލި ޖެހުނު ކަމަށް ޓެސްޓްތަކުން ދައްކަނީ އެންމެ 2،953 މީހުންނެވެ. ނަމަވެސް ފަސް ލައްކަ އަށްވުރެ ކުޑަ އާބާދީއެއް އޮތް ރާއްޖޭގައި ބަލި ޖެހިގެން މިހާތަނަށް 6912 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ލަންކާގައި އެންމެ 12 މީހުން މިބަލީގައި މަރުވިއިރު ރާއްޖޭގައި 27 މީހުން މަރުވެއްޖެ އެވެ. ޕޮޒިޓިވްވާ މީހުން ރާއްޖޭގައި ގިނަނުވިއްޔާ ރަނގަޅެވެ. މާލެއަކީ ދުނިޔޭގައި އެންމެ ތޮއްޖެހިފައިވާ ސިޓީއެވެ. އަދި ނުވިތާކަށް ގޯޅިގޯޅި އާއި މަގުތަކުގެ ކަންކަންމަތީން ދޫނިހިފަން މަޅިޖަހާހެން މަގުމަތިން މީހުން ހުއްޓުވައިގެން ރާއްޖޭގައި ރެންޑަމްކޮށް ޓެސްޓްކުރީއެވެ. ޓެސްޓް ކުރިވަރަކަށް ކޮވިޑް19ގެ ބަލި މީހުން ފެންނާނެއެވެ. މި އަދަދުތައް ދައްކައިގެން ސަރުކާރުން ޑްރާމާ ކުޅެ ދައުލަތުގެ ހަޒާނާ ދަވާލިއިރު ލަންކާ ފަދަ ޤައުމުތަކުން ބެލީ، ޕޮޒިޓިވްވާ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދު މަދުކަމަށް ދައްކައިގެން ވިއަސް، ހާލަތުގެ ބިރުވެރިކަން ހިކުމަތްތެރިކަމާ އެކު ކުޑަކޮށް، އިގްތިސޯދު ހަމައަކަށް އެޅުވުމަށެވެ.

ކޮވިޑް19 ފެތުރުމުން އިގްތިސޯދަށް އެންމެ ބޮޑަށް އަސަރުކުރި އެއް ޤައުމަކީ ދިވެހި ރާއްޖެއެވެ. ސަބަބަކީ ދިވެހި ރާއްޖެ އަކީ ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް އިމްޕޯޓް ކޮށްގެން ބޭނުން ކުރާ ޤައުމަކަށް ވާތީއެވެ. އެންމެ ކުޑަމިނުން ރާއްޖޭގައި އުފެއްދޭ ކާއްޓާއި ދޮންކޭލާއި ކަރަލާއި މަސްދަޅު ފަދަ ތަކެތި ވެސް ހަމަ އިމްޕޯޓް ކުރަނީއެވެ. ދިވެހި އުފެއްދުންތެރީންނަކަށް ރައްކާތެރި ކަމެއް ނުދެއެވެ. ކޮވިޑް19 ފެތުރުމުން ދިވެހި ދަނޑުވެރިކަން އާލާކުރަން އެއްކަލަ އެއްބިލިއަން ރުފިޔާ ހަރަދުކުރި ނަމަ މާރަނގަޅެވެ. އޭގެ ބަދަލުގައި އެ ފައިސާވެސް ތަޅާ ބުރުއްސާލީ ކަރަންޓީނު ފެސިލިޓީއޭ ކިޔައިގެން ރިސޯޓުތަކަށް ދިނުމަށެވެ. ކޮވިޑް19 އާއިއެކު ޤައުމުގެ އިޤްތިސޯދުގެ މިސްރާބު ބަދަލުކޮށް އެޑެޕްޓް ކުރަންވީ ވަގުތު އެފަދަ އެއްވެސް ކަމެއް ކުރުމުގެ ޤާބިލް ކަމެއް އަދި ވިސްނުމެއް ވެސް ސަރުކާރުގެ ނެެތެވެ.

މިބަލި އެންމެ ރަނގަޅަށް ކޮންޓްރޯލް ކުރި ޤައުމު ކަމުގައިވާ، އަދި ވެކްސިން އާއި މިބަލީގެ ތަޖުރިބާގެ ގޮތުން ފަންނީ ޤާބިލްކަން އެންމެ ބޮޑު ޤައުުމު ކަމުގައިވާ ޗައިނާގެ އެހީ ރާއްޖެއަށް ލިބެން އޮވެމެ، ޗައިނާގެ އެހީ އެންމެ އެދެވޭ ގޮތުގައި ނުހޯދައި، އިންޑިއާގެ ތައްޕާހަށް ވެއްޓި، އިންޑިއާ ދެކެ ބިރުން ޗައިނާގެ އެހީ ހޯދަން ނުކެރި، ޤައުމު ފުނޑޭ އިރުވެސް ރައްޔިތުންގެ ބޮލުގައި ޒިންމާ އަޅުވާފައި އަދުގެ ސަރުކާރުން މިއުޅެނީ ޒިންމާއިން ބަރީއަވާށެވެ. ޗައިނާގެ ފުރިހަމަ އެހީ ހޯދި ނަމަ މިބަލި މިހާރު އޮތީހީ ދިވެހި ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިކަން ޔަޤީނެވެ. ހަމަ އެއާއެކު، ހަމައެކަނި ޗައިނާ ޓޫރިސްޓުން ގެންނެސްގެން ނަމަވެސް އެމީހުން އޮތީހީ ރާއްޖޭގެ ރިސޯޓްތައް ފުރާލާފައެވެ. އޭގެ ބަދަލުގައި ރައީސް ސޯލިހުގެ ސަރުކާރުން މިވަނީ މިއޮއް ފަދަ ބޮޑު ތަދުމަޑުކަމުގެ ތެރޭގައި ވެސް މާލެ-ގުޅީފަޅު ބްރިޖު އެޅުމުގެ ނަމުގައި އިންޑިއާއިން 500 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ނިންމައި، އިންޑިއާ ރުއްސާފައެވެ.

ހެސްކިޔާފަ ސޮވެރިން ބޮންޑު ވިއްކަނީ އެވެ. ލޯނު ނަގަނީ އެވެ. ރިކަރެންޓް ހަރަދަށް ވެސް ލޯނު ނަގަނީ އެވެ. ރައްޔިތުން ހަނާވެ، ޤައުމު ދަރަނިވެރި ވަނީއެވެ. ރައީސް ސީލިހު ޖެހިިލުންވެވަޑައިގަންނަވަނީ މަޖުލިސްގެ ރައީސް މުހައްމަދު ނަޝީދު ދެކެއެވެ. ނަޝީދު ދެކެ ގަންނާ ކުރައްވާ ބިރުން އިންޑިއާގެ އަޅަކަށް މިޤައުމު ހަދައިގެން، ދިވެހި ދައުލަތުގެ ރައީސުލް ޖުމްހޫރިއްޔާ މިވަނީ، މި ތަދުމަޑުކަމާއި ބަލިމަޑުކަމުގެ ކާރިސާއިން ޤައުމު ސަލާމަތް ކުރުމުގައި ސަރުކާރު ފެއިލްވެއްޖެކަން ސާބިތު ކޮށްދެއްވައިފައެވެ. ނާޤާބިލްކަން ދައްކަވައިފައެވެ. ސަރުކާރުގެ ނާޤާބިލްކަން ފޮރުވުމަށްޓަކައި ރައްޔިތުންގެ ބޮލުގައި ޒިންމާ އަޅުވާފައެވެ. ބަލިމަޑުކަމޭ ކިޔައިގެން ރައްޔިތުން ބްލެކްމެއިލް ކޮށްފައެވެ.

ޤައުމު މިފަދަ ދަށު ދަރަޖައަކަށް ގޮސް، މިބަލިމަޑުކަމާއި ތަދުމަޑު ކަމުގައި މި ދަރަޖައަށް ވެއްޓިފައި މިވަނީ ހަރަދު ބޮޑު، ގަޑުބަޑު ބޮޑު، ޕާޓީ ނިޒާމެއް ގެނެސް، ލޯކަލް ކައުންސިލްގެ ނަމުގައި ހަރަދު ބޮޑު، ބޭކާރު ނިޒާމެއް ގެނެސް، ރައީސް ނަޝީދާއި އެމް.ޑީ.ޕީ އިން ދިވެހި ރައްޔިތުންނަށް ދިން ބޮޑު ލަނޑެއްގެ ސަބަބުންނެވެ.

ޕާޓީ ނިޒާމާއި ލޯކަލް ކައުންސިލްގެ ނިޒާމުން ކުރިމަތިކުރުވި ބޮޑު ހަރަދާއި، ސިޔާސީ ގަޑުބަޑުކަމާއި، ޤައުމު ބައިބައިވުމުގެ ވަޅުގަނޑުން އަރައިނުގަނެވިގެން އުޅެނިކޮށް އެމް.ޑީ.ޕީ އާއި ރައީސް ނަޝީދު މިހާރު މަސައްކަތް ކުރަމުން އެދަނީ ބަރުލަމާނީ ނިޒާމަކަށް ޤައުމުގެ ހިންގުން ބަދަލު ކުރުމަށެވެ. އެހެން އެކަން ވެއްޖެ ނަމަ ދިހަވަރަކަށް އަހަރު ފަހުން ޤައުމުގައި އެންމެ ގިނަވާނީ "ކުރީގެ ރައީސުން"ނާއި "ކުރީގެ ބޮޑު ވަޒީރުން"ނެވެ. އެ އެންމެނަށް ޕެންޝަނާ އެކު އެތައް މިލިއަން ރުފިޔާއެއް ކޮންމެ މަހަކު ހަރަދުކުރަން ޖެހޭނެއެވެ. ނުވިތާކަށް، ރޭގަނޑު ހޭލާފައި ތެދުވާއިރު ސަރުކާރު އޮންނާނީ ބަދަލުވެފައެވެ. މަޖުލިސް މެމްބަރުން ގަނެވިއްކުމުގެ ވިޔަފާރި އެއިރުން ވެގެން ދާނީ ޤައުމުގެ އެންމެ ބޮޑު ސިނާއަތަށެވެ. އިގްތިސޯދުގެ ލޭނާރަށެވެ. ނުވަތަ ކޮންމެވެސް އެހެން ނާރަކަށެވެ!

ކޮވިޑް19ގެ ބަލިމަޑުކަމަކީ ރައީސް ސޯލިހުގެ ޤާބިލްކަން ސާބިތުކޮށްދެއްވަން ލިބިވަޑައިގަތް ރަނުގެ ފުރުސަތެކެވެ. ނަމަވެސް އޭގެން ސާބިތުވެގެން މިދިޔައީ ރައީސްގެ ނާޤާބިލްކަމާއި ކެބިނެޓްގެ ކޮރަޕްޓްކަމާއި އެކިއެކި ސިޔާސީ މަޤާމްތަކަށާއި މުއައްސަސާ ތަކަށް ލީ ސިޔާސީ އެކްޓިވިސްޓުންގެ ނާޤާބިލްކަމެވެ. ކޯލިޝަންގެ ކޭކު ފަޅާފައި ޖުމްހޫރީ ޕާޓީން ދެއްކީމަ މިނިސްޓަރު ކަމަށް ކުނިކަހާ މީހަކު، އަދާލަތުން ދެއްކީމާ ބޮޑު ކައްކާއަކު، އެމް.އާރް.އެމުން ދެއްކީމާ ޖާދޫ ހަދާ މީހަކު އަދި އެމް.ޑީ.ޕީން ދެއްކީމާ ވެބްކެމް-ފިލްމްސްޓާރަކު ލީމާ ކެބިނެޓް ވެސް އަދި މުއައްސަސާތަކުގެ ވެސް ކެޕޭސިޓީއެއް ނުހުންނާނެއެވެ. ޒިންމާއިން ބަރީއަވެގެން އޮވެ، ރައްޔިތުން ބޮލުގައި ޒިންމާ އަޅުވަމުންދާ މި ނާޤާބިލް ސަރުކާރަށް ވެސް އަދި ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް ވެސް މިވަގުތު އެންމެ ފައިދާ ހުރި ގޮތަކީ ނާޤާބިލް ސަރުކާރު އިސްތިއުފާ ދީ، އިންތިޤާލީ ވެރިކަމަކަށް ފުރުސަތު ދިނުމެވެ. ޤައުމާއި ރައްޔިތުންނަށް ކިރިޔާ ވެސް ހެވެއް އެދޭނަމަ ރައީސް ސޯލިހު ޚިޔާރު ކުރައްވާންވީ އެމަގެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1431

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *