ކުޅިވަރުގެ ދަނޑުގައި ބައިގަރުނަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި، އަދި ގައުމީ ފެންވަރުގެ ހުރިހައި އިނާމަކާއި މެޑަލެއް ހާސިލް ކުރައްވައިފައިވާ ކުރީގެ މަޝްހޫރު ފީފާ ރެފްރީ މައްލާ ޅަތުއްތުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ސްޕޯޓްސް މިނިސްޓްރީން ހުޅުވައިފިއެވެ.
ޒުވާނުންގެ މަރުކަޒުގައި ތައުޒިޔާގެ ދަފުތަރު އިއްޔެ މެންދުރުފަހު ހުޅުއްވައިދެއްވައި ފުރަތަމަ ބަޔާން ލިޔުއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ. އެއަށްފަހު ރެފްރީންނާއި ކުރިއާއި މިހާރުގެ ކުޅުންތެރިންނާއި ކުޅިވަރުގެ އާއިލާގެ ގިނަ ބަޔަކު ވަނީ ލިޔެ ސޮއިކޮށްފައެވެ.
މައްލާގެ ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރުން އާންމުކޮށް ވަނީ ހުޅުވައިލައިފައެވެ. މި ދަފުތަރު ފަސް ދުވަސް ވަންދެން ހުޅުވައިފައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މައްލާ، 76، އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގައެވެ. ހަށިކޮޅު ގެނެސް، މައްލާގެ ޖަނާޒާ ބާއްވައިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު މާލޭގައެވެ.
މައްލާގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވިއެވެ.

ކުޅިވަރުގެ ދަނޑުގައި މައްލާ ވަނީ 52 އަހަރު ހިދުމަތް ކުރައްވައިފައެވެ. އޭނާގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ އިނާމުތަކަކާއި މެޑަލްތަކެއް ދެއްވައިފައެވެ.
ސްކޫލްގައި އުޅުއްވަމުން، 1969 ވަނަ އަހަރުން ފެށިގެން ކުޅިވަރު ދަނޑަށް ނުކުންނެވި މައްލާއަށް އެންމެ ފުރަތަމަ ލިބިވަޑައިގަތީ ކުޅިވަރަށް ހިދުމަތްކުރުމުގެ ހިތްވަރުދިނުމުގެ އިނާމެވެ. އެއީ 1990 ގައެވެ. އޭގެ ފަހުން އެފް.އޭ.އެމްގެ ރައީސްގެ "ޕްރެޒިޑެންޝަލް އެވޯޑް" 2018 ގައި މައްލާއަށް ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް"ގެ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" އާއި ކުޅިވަރަށް ހިދުމަތްކުރުމުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި 43 އަހަރު ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމުން ލިބިވަޑައިގެންނެވި "ދައުލަތުގެ ޝަރަފު" އެވޯޑް ފާހަގަކުރެވެއެވެ. މި ފަސް އެވޯޑާއެކު، ގައުމީ ފެންވަރުގައި ދޭ ހުރިހައި އެވޯޑެއް ލިބިވަޑައިގެން، ދިވެހި ތާރީހުން މައްލާ ޖާގަ ހޯއްދަވައިފައި ވަނީ ގައުމީ ފެންވަރުގެ ހުރިހައި އެވޯޑެއް ހާސިލްކުރެއްވި ފުރަތަމަ ޝަހުސިއްޔަތަށެވެ.



advertisment