Support Us

ނިންމުންތަކާއި ގާނޫނުތައް މުރާޖާކުރުމުގައި ސުޕްރީމްކޯޓުގެ ބާރު

އިއްޔެ ވެނިމުނު ކޮންމެ ކަމަކީ މިއަދު ތިބީންނަށް ތާރީޚީ ޞަފްޙާއެކެވެ. ޅަފަތުގެ ދައުރުން ފެށިގެން ފައްކާވަމުން އަންނަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޞަފްޙާއިން ކުޑަ ތަންކޮޅެއް ނިއުޅަމެވެ. ސުޕްރީމްކޯޓު ޤާއިމްކުރެވުނީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހުގައެވެ. ހުކުރު ހަތްދުވަހުން ބަލާނަމަ އެއީ ބުރާސްފަތި ދުވަހެކެވެ. މިނަންގަތް ދުވަހަކީ އެކޯޓަށް ޢައްޔަނުކުރެއްވި ފަސް ފަނޑިޔާރުން ހުވާކުރެއްވި ދުވަހެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ފަސް ބޭފުޅުންވެސް ވަޑައިގަތީ އެބޭފުޅުންގެ ގެކޮޅަށެވެ. ސަބަބަކީ މިދުވަހު ސުޕްރީމްކޯޓު ޤާއިމްވި ވިއަސް، ފަނޑިޔާރުން އިށީނދެވަޑައިގަންނަވާނެ އިމާރާތެއް އަދި ގޮނޑިމޭޒެއް ނެތެވެ. މުވައްޒަފުންނެއް ވެސް ނެތެވެ. ޖެހިގެން އައީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހެވެ.

ސުޕްރީމްކޯޓަށް ވަގުތީ އިމާރާތެއް ލިބުނީ އާދީއްތަ ދުވަހުގައެވެ. މުލީއާގެއިން ތަނެއް ހުސްކޮށް މަސައްކަތް ފެށީ ސަރުކާރު ހުޅުވުނު ފުރަތަމަ ދުވަހުގައެވެ. މި ދުވަހަކީ ސުޕްރީމްކޯޓުގެ ހަޔާތުގައި ފާހަގަކުރެވޭނެ ދުވަހެކެވެ. ތުއްތު މުއައްސަސާ މަސްތުރަނުވެ އުޅެނިކޮށް، ބޭފުޅުންކޮޅެއް ވަޑައިގެން އެ ތިއްބެވީ ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވުމަށެވެ. ސިޔާސީ މީހެއްގެ ނަޒަރުގައި ކޮން ފަދަ ބޮޑެތި މައްސަލަތަކެއްތޯއެވެ؟ ތިރީސް އަހަރު ވެރިކަން ކުރެއްވި ބޭފުޅެއްގެ ކެންޑިޑޭސީގެ ޝަރުޠު ހަމަނުވާ ކަމަށް ކަނޑައަޅައިދެއްވުމަށެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އެބޭފުޅެއްގެ ފަހަތަށް އެރި ބޭފުޅެއްގެ ޝަރުޠު ހަމަނުވާ ކަމަށް ކަނޑައަޅައިދެއްވުމަށެވެ. މިނޫންވެސް، ރިޔާސީ ކެންޑިޑޭޓުންނާ ގުޅޭ އެހެން މައްސަލަތަކެވެ. މިއިން ކޮންމެ މައްސަލައަކީ ވެސް އިންތިޚާބުތަކާ ބެހޭ ދައުލަތުގެ މުއައްސާސާއިން ނިންމާފައިވާ ނިންމުން ރިވިއުކުރަން ހުށަހެޅި މައްސަަލަތަކެކެވެ.

ސުޕްރީމްކޯޓަށް ފުރަތަމަ ހުށަހެޅުއްވި ހަތަރު މައްސަލައިގެ ތެރެއިން ތިން މައްސަލައަކީ 2008 ގެ ރިޔާސީ ކެންޑިޑޭޓުންނާ ގުޅޭގޮތުން އިލެކްޝަަން ކޮމިޝަންގެ ނިންމުން ރިވިއުކުރަން، ކޮމިޝަނަށް ދަޢުވާ ލިބޭ ގޮތަށްް ހުށަހެޅުއްވި މައްސަލައެވެ. ހަތަރު ވަނައީ ރައްޔިތުންގެ މަޖިލީހުގެ ނިންމުމެއް "ރިވިއު"ކުރަން، އެ މަޖިލީހަށް ދަޢުވާ ލިބޭގޮތަށް ހުށަހެޅުއްވި މައްސަލައެވެ.

ފަހުން މިނަންގަތް މައްސަލަ ހުށަހެޅުއްވި ބޭފުޅުން ގަބޫލުފުޅު ކުރެއްވިގޮތުގައި ރައްޔިތުންގެ މަަޖިލީހުގެ ނިންމުމަކީ ސުޕްރީމްކޯޓުގެ އިޚްތިޞާޞްގެ ތެރެއިން އެކޯޓަށް ބެލިދާނެ މައްސަލައެކެވެ. ސުޢޫދު އާއި، ނަޝީދު އާއި، އަނިލް އަކީ މައްސަލަ ހުށަހެޅުއްވި ދަޢުވާވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ގާނޫނީ މާހިރުންނެވެ.

އެބޭފުޅުންގެ ދަޢުވާއަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވަކި ތާރީޚެއްގެ ކުރީން ބޭއްވުމަށް ޤާނޫނު އަސާސީއިން ލާޒިމްކޮށްފައި ވަނިކޮށް، އިންތިޚާބު ބޭއްވުމަށްޓައި ފާސްކުރަންޖެހޭ ޤާނޫނުތައް ފާސްނުކޮށް މަޖިލީހުގެ މެމްބަރުން ޗުއްޓީއަށްދާން ނިންމި ނިންމުން ޤާނޫނު އަސާސީއާ ޚިލާފުކަމަށް ކަނޑައަޅައިދެއްވުމެވެ.

ދައުވާ ލިބޭފަރާތުގެ ވަކީލަކީ ބަންޑާރަނައިބެވެ. ސުޕްރީމްކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް ވިދާޅުވެ ބަންޑާރަނައިބު އިޖުރާއީ ނަޒަރަކުން އިޢުތިރާޟު ކުރެއްވިއެވެ. އިޢުތިރާޟު ކުރެއްވި ނަމަވެސް، ސުޕްރީމްކޯޓަށް މައްސަލަ ބަލައިގަތުމުގެ މާނައަކީ އެމައްސަލަ  ބެލުމުގެ އަޞްލީ އިޚްތިޞާޞް ސުޕްރީމްކޯޓަށް ލިބިގެންވާ ކަމަށް ކަނޑައެޅުއްވުމެވެ.

ސުޕްރީމްކޯޓުން އެމައްސަލަ ބެއްލެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މައްޗަށް މަޢުޟޫޢީ ޙުކުމެއް ކުރެއްވިއެވެ. ސުޕްރީމްކޯޓުގެ ޙުކުމާއެކު މަޖިލީހުގެ މެމްބަރުންގެ ޗުއްޓީ މެދުކަނޑާލެއްވުމަށްފަހު، ގާނޫނު ހެދުމުގެ މަސައްކަތަށް އެނބުރިވަޑައިގަތެވެ. އެމައްސަލަ ފާހަގަވެގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ނިންމުމެއްގެ ޖުޑީޝަލް ރިވިއު ކުރި ފުރަތަމަ މައްސަލައިގެ ގޮތުގައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ޢަދުލުއިންޞާފު ޤާއިމްކުރުމުގެ އެންމެ އިސް ފަރާތެވެ. މި ހައިސިއްޔަތުން އެކޯޓަށް ލިބިފައިވާ ޚާއްޞަ އިޚްތިޞާޞްތަކެއްވެއެވެ. ޤާނޫނު އަސާސީއާއި ކޯޓުތަކާބެހޭ ޤާނޫނުގެ ނައްޞުން ބަޔާންކޮށްފައިވެއެވެ. އޭގެ އިތުރުން، ޢަދުލުއިންޞާފު ޤާއިމްވުން ކަށަވަރުކުރުމަށްޓަކައި މުޅި ނިޒާމުގެ ވަޒީފާ ނުވަތަ ފަންކްޝަން ސުޕަވައިޒުކޮށް ބެލެހެއްޓުމާއި ރަޤާބާކުރުމުގެ ދައުރު ދުސްތޫރުއާއި ޤާނޫނީ މަޞްދަރުން ލިބިފައިވަނީ އެކޯޓަށެވެ.

ސުޕްރީމްކޯޓުގެ އިސްތިއުނާފީ ވަޒީފާ ފިޔަވައި، އެކޯޓުގެ އަޞްލީ  އިޚްތިޞާޞްގެ ތެރޭގައި ދުސްތޫރީ މައްސަލަތަކާއި އެފަދަ ޠަބީޢަތާ ގުޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އޮތުމަކީ ދުސްތޫރީ މަޙްކަމާއެއްގެ ބާރު ނުވަތަ ކޮންސްޓިޓުޝަނަލް ކޯޓެއްގެ ބާރު ލިބިފައިވުމެވެ.

ސުޕްރީމްކޯޓަކީ ހަމައެކަނި އިސްތިއުނާފީ ކޯޓެއް ނޫނެވެ. ޤާނޫނުތަކާއި ޤަވާޢިދުތަކާއި ދައުލަތުގެ އިދާރާތަކުގެ ނިންމުންތަކާއި އެތަންތަނުގެ ވެރިންގެ ނިންމުންތަކުގެ ދުސްތޫރިއްޔަތު ކަނޑައެޅުމުގެ ބާރަކީ އެކޯޓުގެ އަޞްލީ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ދެހާސް އަށެއްގެ ޤާނޫނުއަސާސީން ކޯޓުތަކަށް ދީފައިވާ ޖުޑީޝަލް ރިވިއުކުރުމުގެ ބާރަކީ، ދުނިޔޭގެ އެހެން ގައުމުތަކުގެ ކޯޓުތަކުން އަދާކުރަމުން އަންނަ ޒަމާންވީ ވަޒީފާއެކެވެ. ޖުޑީޝަލް ރިވިއު މަބްދައު ނުވަތަ ޑޮކްޓްރިން ބޭނުންކޮށްގެން ދައުލަތުގެ ނިންމުންތަކުގެ ދުސްތޫރިއްޔަތުކަން ކަނޑައަޅަން ޔޫރަޕްގެ ގައުމުތަކުގައި ފެށިފައިވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހުގައެވެ. އޮސްޓްރިއާ، ސްޕޭން ފަދަ ގައުމުތަކުގައެވެ. އޭގެ ފަހުން ޔޫރަޕްގެ މެމްބަރު ގައުމުތަކަށް ފުޅާވެގެން ގޮސްފައިވެއެވެ.

ހުޅަނގުގެ ގިނަ ގައުުމުތަކުގެ ދުސްތޫރީ ކޯޓުތަކުން ޤާނޫނުތަކާއި ދައުލަތުގެ ނިންމުންތަކުގެ ދުސްތޫރިއްޔަތުކަން ކަނޑައެޅުމުގައި ތަބާވަނީ "އެބްސްޓްރެކްޓް ރިވިއު" މަބްދައު އަށެވެ. ދިވެހި ޤާނޫނު އަސާސީގައިވެސް މި މަންދައު ޤާއިމްކޮށްފައިވެއެވެ. ޤާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ހ) އިން ކޮންމެ ކޯޓަކަށްވެސް އެކޯޓަކުން ބަލަމުންދާ މައްސަލައަކާ ގުޅޭ "އެބްސްޓްރެކްޓް ރިވިއު" ކުރުމުގެ އިޚްތިޞާޞް ލިބިފައިވެއެވެ.

އެމެރިކާ އާއި ސައުތު އެފްރިކާ ފަދަ ގައުމުތައް ތަބާވަނީ "ކޮންކްރީޓް ރިވިއު"ގެ މަބްދައު އަށެވެ. މިމަބްދައު އަކީވެސް ދިވެހި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މަބަދައު އެކެވެ. ބަލަމުންދާ މައްސަލައެއް ނޫން ގޮތެއްގައި ވިއަސް، ނުވަތަ ޚުޞޫމަތެއް ނެތް ޙާލަތެއްގައި ވެސް، ގާނޫނެއް ނުވަތަ ނިންމުމެއްގެ ދުސްތޫރިއްޔަތުކަން ކަނޑައެޅުމުގެ އިޚްތިޞާޞް ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ހ) އިން ސުޕްރީމް ކޯޓަށާއި ހައިކޯޓަށް ލިބިގެންވެއެވެ.

އެމެރިކާއަކީ ދިވެހިރާއްޖެ ފަދައިން ލިޔެފައިވާ ޤާނޫނު އަސާސީގެ ސިޔާދަތީބާރު ހިނގާ ގައުމެކެވެ. އެމެރިކާގެ ރައީސްގެ ނިންމުން ނުވަތަ ބާރުގަދަ ކޮންގްރެސްގެ ނިންމުން ޤާނޫނުއަސާސީއާ ޚިލާފުތޯ ބެލުމަށް ޖުޑީޝަލް ރިވިއު ކުރުމަކީ ޔޫއެސްގެ ޒަމާންވީ ޝަރުޢީ ސަޤާފަތެކެވެ. އެހެނަސް އެކަމާބެހޭ އެއްވެސް ވާހަކައެއް ޔޫއެސް ޤާނޫނުއަސާސީގައި ޞަރީޙަ ނައްސުން ބަޔާންކޮށްފައެއް ނުވެއެވެ. މިހެންވެ، ފައުންޑިން ފާދާސްގެ ވިސްނުމާއި ފިކުރުގައި ޔޫއެސް ސުޕްރީމްކޯޓަށް ޖުޑީޝަލް ރިވިއު ކުރުމުގެ ބާރު ދީފައިވޭތޯ ޔޫއެސްގެ ސިޔާސީ މަސްރަޙުގައި ސުވާލުކުރި ޒަމާނެއް ދިޔައެވެ.

ކުރިން ދެންނެވި ސުވާލަށް އެމެރިކާގެ އޭރުގެ އުއްތަމަފަނޑިޔާރު ޖޯން މާޝަލް ޖަވާބުދެއްވިއެވެ. އެމެރިކާގެ ރައީސްގެ އެގްޒެކްޓިވް ނިންމުތަކާއި ކޮންގްރެސްގެ ނިމްމުންތައް ޤާނޫނުއަސާސީއާ އެއްގޮތްތޯ ބެލުމަކީ ސުޕްރީމްކޯޓުގެ އިޚްތިޞާޞެއް ގޮތުގައި އެކޯޓުން ކަނޑައެޅިއެވެ. ޑިމޮކްރެޓިކް ޕާރޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރޫޒްވެލްޓް ރައީސްކަމުގައި ސުޕްރީމްކޯޓުން ބެލި  ރިވިއު މައްސަލައެއްގެ ސަބަބުން ސަރުކާރާއި ސުޕްރީމްކޯޓާ ދެމެދު ދެބަސްވުން އުފެދި ޝަރުޢީ މަސްރަޙު ހޫނުވެގެންދިޔައެވެ.

ރައީސް ރޫޒްވެލްޓް ޔޫއެސްގެ ވެރިކަމާ ހަވާލުވެވަޑައިގަތީ 1933 ގެއެވެ. އެ ދުވަސްވަރަކީ އެމެރިކާގެ އިޤްތިޞާދު  ވަރަށް ބޮޑަށް އަޑިއަޅައިފައިވާ ދުވަސްވަރެކެވެ. މިހެންވެ، އިޤްތިޞާދީ އަޑިގުނޑަންތަކުން އަރައިގަތުމަށްޓަކައި ކޮންގްރެސްއާ ގުޅިގެން ރައީސް ރޫޒްވެލްޓްގެ ސަރުކާރުން ގިނަ ގާނޫނުތަކެއް ހަދަމުންދިޔައެވެ. ނަމަވެސް އެ ގާނޫނުތައް ޣައިރު ދުސްތޫރު ކަމަށް ޔޫއެސް ސުޕްރީމްކޯޓުން ނިންމެވިއެވެ. ސުޕްރީމްކޯޓުގެ އެނިންމެވުމުގެ ސަބަބުން ރައީސް ރޫޒުވެލްޓްގެ އިޤްތިޞާދީ ޕޮލިސީއަށް ގޮންޖެހުންތަކެއް ކުރިމަތިވެ ހުރަސްތަކެއް އެޅިގެން ދިޔައެވެ.

އަދި 1936 ވަނަ އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ރޫޒްވެލްޓް ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމުން، ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރުމުގެ ބަހަނާގައި ފަނޑިޔާރުން ބަދަލުކުރެއްވުމުގެ ޕްލޭނެއް ރާއްވަވައި ކޮންގްރެސަށް އެންގެވިއެވެ. އެކަމަކު ކޮންގްރެސްގެ ތާއީދު ލިބިވަޑައެއްނުގަތެވެ. އެހެނަސް، އޭނާގެ ވެރިކަމުގެ ދެވަނަ ދައުރުގެ ތެރޭގައި ބައެއް ފަނޑިޔާރުން އަވަހާރަވުމާއި މުސްކުޅި ފަނޑިޔާރުން ރިޓަޔަރވުމުގެ ސަބަބުން ފަނޑިޔާރުންގެ ބެންޗުން ޖާގަތަކެއް ހުސްވިއެވެ. ރައީސް ރޫޒްވެލްޓް ބޭނުންފުޅުވެވަޑައިގަތް ގޮތަށް އެމެރިކާގެ ސުޕްރީމްކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. އޭނާގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ ބޭފުޅުން ސުޕްރީމްކޯޓަށް ޢައްޔަނު ކުރެއްވިއެވެ.

ޖުޑީޝަލް ރިވިއުކުރުމުގެ މަބްދައު އުފަންވެގެން އައީ މަރބަރީ ވަރސަސް މެޑިސަން (1803) ޤަޟިއްޔާގައި ޔޫއެސް ސުޕްރީމްކޯޓުންނެވެ. މިނަންގަތް ޤަޟިއްޔާގައި ސުޕްރީމްކޯޓުން ކަނޑައެޅުއްވި އުޞޫލަކީ ގާނޫނެއް، ސަރުކާރުގެ ގަވާއިދެއް، ސަރުކާރުން ކަމެއްކުރި ގޮތް ޤާނޫނުއަސާސީއާ ޚިލާފުވާނަމަ އެއީ ބާޠިލް އެއްޗެއްކަން ކަނޑައެޅުމަކީ ފެޑްރަލްކޯޓުގެ ބާރެކެވެ. ޔޫއެސް ސުޕްރީމްކޯޓުގެ މިނިންމުން މަޝްހޫރުވީ ޕްރިންސިޕަލް އޮފް ޖޫޑީޝަލް ރިވިއުގެ ގޮތުގައެވެ.

ޖުޑީޝަލް ރިވިއުއާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ މިހާރު ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއް ސުޢޫދު މޯލްޑިވްސް ލޯ ރިވިއު (2014) ވޮލިއަމް 1 ގައި ލިޔުއްވާފައިވާފައިވެއެވެ.

"…ޤާނޫނުތަކާއި ޤަނޫނުތަކަށް ގެނެވޭ އިޞްލާޙުތައް ޣައިރު ދުސްތޫރީ ކަމަށް ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާކަން ގާނޫނުއަސާސީގެ 143 އާއި 144 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ. ނަމަވެސް ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙެއް (ޤަނޫނުއަސާސީގެ ބައެއް) ޣައިރު ދުސްތޫރީ ކަމަށް ކަނޑައެޅުމުގެ ބާރު ސުޕްރީމްކޯޓަށް ލިބިގެންވާ ކަމަށް ޤަނޫނުއަސާސީގެ އެއްވެސް ތަނެއްގައި ބަޔާންކޮށްފައި ނެތެވެ. އަދި ހަމަ އެހެންމެ، މިފަދަ ކަމަކާގުޅޭ ޤާޟާއީ ނިންމުމެއްވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައެއް ނެތެއެވެ. އެހެންކަމުން ރުޖޫޢަވާންޖެހެނީ، މިފަދަ މައްސަލަތަކުގައި އެހެން ޤަޟާއީ ނިޒާމުތަކުގައި ކަންކުރަމުންދާ އުޞޫލަށެވެ. މިގޮތުން ބަލާއިރު، ކުރިިއަރާފައިވާ ޤަޟާއީ ނިޒާމުތަކުގައި ނިންމާފައި ވަނީ ޤާނޫނުއަސާސީ މިކަމުގައި "ހަނުހިމޭން"ވިއަސް އެބާރު ސުޕްރީމްކޯޓަށް ލިބިގެންވާ ކަމަށެވެ."

އެމަނިކުފާނުގެ މިވާހަކަފުޅަށް ބަލާއިރު ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙު ރިވިއުކުރުމުގެ ބާރުވެސް ސުޕްރީމްކޯޓަށް ލިބިގެންވާ ކަމަށް ގަބޫލުފުޅު ކުރައްވާކަން އެނގެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *